ކުރު މަސް
ކުރުމަސް(އިނގިރޭސި ބަހުން: Acanthocybium solandri)ނުވަތަ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅޭ ގަދަ ނޫކުލައަކަށް ހުންނަ މަހެކެވެ. މިއީ ދިގުކޮށް ހިމަކޮށް އިންނަ މަހެކެވެ. މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކުރު މަހުގެ ދިގުމިނުގައި 8 ފޫޓް ބަރުދަނުގައި 83 ކިލޯ ގްރާމް ހުރިކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
ކުރު މަސް ގަނޑިއަކު 47 މޭލަށް ދަތުރުކުރާކަން ފާހަގަ ކުރެވިފައި ވެއެވެ. ކުރު މަހަކީ ވަރަށް އަވަހަށް ބޮޑުވާ މަހެކެވެ. އެއް އަހަރުގެ ތެރޭގައި 11 ޕައުންޑް އިން މަހުގެ ބަރުދަން 33 ޕައުންޑް އަށް އުފުލިގެން ގޮސްފައިވާ ކަމަށް ދިރާސާއެއް ހެދުމަށް ފާހަގަ ޖެހި ކުރުމަހަކުން ސާބިތުކުރެވިފައި ވެއެވެ.
ކުރުމަސް އަކީ އާންމު ގޮތެއްގައި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ ވަރަށް ހަލުވި މަހެކެވެ. އެންމެ ބޮޑު ކުރުމަހެއްގެ ގޮތުގައި ދުނިޔޭގައި ރިކޯޑް ކުރެވިފައިވަނީ 2.1 މީޓަރުގެ ދިގުމިން ހުރި، 80 ކިލޯ ގްރާމްގެ ކުރުމަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ އަނގަޔަށް މީރު މަހެކެވެ.
ކުރު މަހަކީ ދިގު މަހެކެވެ. އަނގަ ވަަރަށް ބޮޑެވެ. އެއްބަރިއަށް އުފެދިފައި ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮަތަރިބައިގައި 27-23އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ މަތީ ބައިގަޔާއި، ބަނޑު ދަށްފަރާތުގައި ވަކިވަކިން ހުންނަ ކޮތަރި ބައިގެ އަދަދަކީ 8 ނުވަތަ 9 އެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައަކަށްދާ ފެހި ކުލައެކެވެ. މަހުގެ ދެފަރާތުގައި 24އާއި 30 އާއި ދެމެދުގެ އަދަދަކަށް ކަޅުކުލައެއްގެ ރޮނގުތަކެއް ހުރަހަށް ދެމިފައި ހުރެއެވެ.
ކުރުމަސް ކަނޑުގެ ދެފެން ދޭތެރޭގައި މަދު އަދަދަކަށް ބަައިބަޔަށް އައިން ހަދައިގެން އުޅެއެވެ. މިގޮތަށް އައިން ހަދައިގެން އުޅެނީ އާންމުކޮށް އެއް އިސްކޮޅެއްގެ މަހެވެ. ކުރުމަހުގެ ކާނާއަކީ ކަނޑުމަހުގެ ކުދި ބާވަތްތަކާއި، ފުޅަނގި އަދި ކަނޑުގެ މަތީބައިގައި އުޅޭ އެހެނިހެން މަސްމަހާއި، ބޯވަ ދިލަ މަހެވެ. ރާއްޖޭގައި ވަދުއަޅައިގެންނާއި، ހޭމަސް ހަދައިގެން ކުރުމަސް ބާނައި އުޅެއެވެ.