ކީރިތި ރަސޫލާ ( ޞައްލަﷲ ޢަލައިހިވަސައްލަމް) ގެ އިޖުތިހާދުކުރެއްވުން.

ކީރިތި ރަސޫލާ (ޞ) އިޖުތިހާދު ކުރެއްވިތަ؟

އިޖުތިހާދަކީ ގަދަ އަޅައި މަސައްކަތް ކޮށްގެން ނެރޭ އެއްޗެކެވެ. އިސްލާމީ ޝަރީޢާ ޢިލްމުގެ އަހުލުވެރިންގެ ގާތުގައި އިޖުތިހާދު ކުރުމަކީ ކީރިތި ޤުރުއާނުގެ ނުވަތަ ކީރިތި ރަސޫލާ(ޞ) ގެ ޙަދީޘުގެ ނައްޞުގެ ދަލީލެއްގެ އަލީގައި ތިމާގެ ވިސްނުމާއިފިކުރު ހޭދަކޮށްގެން ޝަރުޢީ ޙުކުމެއް ނެރުމެވެ. ނުވަތަ އެއީ ތަފުޞީލީ ދަލީލުތަކުގެ އަލީގައި ޝަރުޢީ ޙުކުމް ހޯދުމަށް ކުރާ މަސައްކަތެވެ.

އިޖުތިހާދު ކުރުމުގައި ޢިލްމުވެރިން ތަފާތު ގޮތްތައް ހިމަނާފައި ހުރެއެވެ. އޭގެތެރޭގައި; ނައްޞުގެ ބޭރުފުށުގެމާނައާއި ގުޅޭ އެހެން މައްސަލައަކަށް އޭގައިވާ ޙުކުމް ކަނޑައެޅުން. ނައްޞުގައި ފޮރުވިފައިވާ މާނަ ނެންގެވުން އަދި އޭގެ ޢިއްލަތަށް ބައްލަވާ އެއާއި ގުޅޭ ކަންކަމަށް އޭގައިވާ ޙުކުމް ކަނޑައެޅުން، މިއީ ޤިޔާސުގައި ޢަމަލު ކުރާ ގޮތެވެ. ނައްޞުގެ ތަފާތު ދަލީލު ތަކުން ނެގޭ ޢާއްމު ޤަވާޢިދު ތަކަށް ބިނާކޮށް ޙުކުމް ކަނޑައެޅުން، މިއީ އިސްތިޙުސާނާއި މަޞާލިޙުލް މުރުސަލާއާއި ސައްދުއްޒަރާއިޢު ފަދަ ނަންނަމުގައެވެ.

އިސްލާމީ ޝާރީޢާގެ އަސްލަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ(ޞ) ގެ ސުންނަތެވެ. ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރު ކަމުގައި ވާއިރު އިތުރު އެކަލޭގެފާނުގެ އިޖުތިހާދު ކުރައްވާއިގެން އެއްޗެއް ވިދާޅުވި ކަމުގައިވާނަމަ, އެވެސްވާނީ އިސްލާމީ ޝަރީޢަތުގެ ބައެއްކަމުގައެވެ. މިހާހިސާބުން ކީރިތި ރަސޫލާ(ޞ) ގެ ސުންނަތަކީ ކޮބައިތޯ ބަލާލަމާހެއްޔެވެ؟

އުޞޫލުލް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް:

އެއީ ޤުރުއާން ފިޔަވައި ކީރިތި ރަސޫލާ(ޞ)ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއްހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ.

ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް:

އެއީ ކީރިތި ރަސޫލާ(ޞ)ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި ( އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް ) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.

ކީރިތި ރަސޫލާ (ޞ) އިޖުތިހާދު ކުރެއްވި ބައެއް މައްސަލަތައް.
ބަދުރު ހަގުރާމައިގެ އަސީރުންނާއި މެދު ކަންކުރާނެގޮތް

ބަދުރުހަނގުރާމައިން އަތުލައިގަނެގެން އަސީރުން ގެނެވުނު ހިނދު އެމީހުނާއި މެދު ޢަމަލުކުރަންވީ ގޮތެއް އެކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނެތެވެ. އަދި އެކަން ބަޔާން ކޮށްދެއްވައި ވަޙީއެއްވެސް ބާވައެއް ނުލައްވައެވެ. އެހެންކަމުން އިތުރުއެކަލޭގެފާނު އިޖުތިހާދުކުރައްވާ އަދި އެކަމާގުޅެ ގޮތުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުކުރެން ލަފާއެއްސެވިއެވެ. މިގޮތުން ދެބޭފުޅުންގެ ލަފާ ހޯއްދެވުމަށްފަހު އެކަލޭގެފާނު ޢަމަލުކުރެއްވީ އަބޫބަކުރުގެފާނުގެ ލަފައާއި އެއްގޮތަށެވެ. އެއީ އަސީރުންގެ އަތުން ފިދުއައެއް އަތުލުމަށްފަހު އެމީހުންމަރާނުލާ ދޫކޮށްލެއްވުމެވެ. ނަމަވެސް އެއަށް ފަހު އެކަމާއިގުޅޭ ވަޙި ބާވައިލެއްވުނީ އަސީރުންގެ އަތުން ފިދާއެއް އަތުލައި ދޫކޮށްލުމަށްވުރެ މޮޅުގޮތަކީ އެމީހުން ޤަތުލުކުރުން ކަމުގައެވެ.

ޙުކުމްތައް ކަނޑައެޅުއްވުން 

އިސްލާމީ ޝަރީޢަތުގައި (ކީރިތި ރަސޫލާ (ޞ) ގެ ޒަމާނުގައި) ޙުކުމްތަށް ބާވައިލެއްވިފައި ހުރި އެންމެ އާންމު އެއްގޮތަކީ ޙާދިޘައަކާ ގުޅިގެން އެކަމުގެ ޙުކުމް ބާވައިލެއްވުމެވެ.