ކިރުޅިޔަ ބިބީ
ކިރުޅިޔަ ބިބީ(ސައިންޓިފިކް ނަން: Chaetodon mitratus)ނުވަތަ (އިނގިރޭސި ބަހުން: Indian butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުން ހިސާބުތަކުގައި ދިރިއުޅޭ މަހެކެވެ. މިއީ ރާއްޖޭގައި މަދުމަހެއް ނޫންކަމަށް ވިޔަސް ފީނުންތެރިންނާއި މޫދަށް އެރިއުޅޭމީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. ސަބަބަކީ މިމަސް ދިރިއުޅޭލެން ފުންކަމެވެ. މިމަސް ފެނިފައި ހުންނަނީ 30 މީޓަރަށްވުރެ ފުނުގައެވެ. އެންމެ ފުނުގައި އުޅެނިކޮށް ފެނިފައިވަނީ 68 މީޓަރުގެ އަޑިންނެވެ. މިއީ ކުޑަ އިސްކޮޅެއްގެ މަހެކެވެ. އެންމެ ބޮޑުވަނީ 5 ½ އިންޗި އަށެވެ. މިއީ ވަރަށް ރީތި ކުރެހުންތަކެއް ފާޅުކަން ބޮޑު ގޮތަކަށް ހުންނަ މަހެކެވެ. ދިރޭމަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން މަދުމަދުން މިމަސް ހިފައި އުޅެއެވެ.
ދުނިޔޭގެ ދިރޭ މަސް މާރުކޭޓް ތަކުގައި މިއީ ތަދު މަހެކެވެ. ސަބަބަކީ މިއީ ފުނުގައި އުޅޭ މަހެއް ކަމަށް ވެފައި ހިފައި ގެންގުޅުން ދަތިކަމަކަށްވާތީ އެވެ. މިމަހަށް ކިރުޅިޔަ ބިބީ ކިޔާފައިވަނީ މަހުގެ ކުލަވަރަށް އަދި ބައްޓަމަށް ބަލާ މިނަން އެންމެ އެކަށީގެންވާ ކަމަށް ފެންނާތީ އެވެ.
މަހުގެ މައިގަނޑު ކުލައަކީ ރީނދޫ ކުލައެވެ. މަތީ ކޮތަރިބައިގެ މަޑު ކޮތަރިތަކާއި ލޮލުގެ ތިރިން ބައެއް ހުންނަނީ އޮރެންޖް ކުލައިގައެވެ. މަހުގެ މަތީ ފަރާތަށް ވާގޮތަށް ކަޅުކުލައިގެ ވަރަށް ފުޅާ ދެ ރޮނގު މަހުގެ ދެފަރާތުގައި ހުރެއެވެ. އަދި ބޮލުގެ މަތީން ފެށިގެން ލޮލަށް ކަޅުކުލައިގެ ރޮނގެއް ހުރެއެވެ. ކަޅުކުލައިގެ ރޮނގުތަކުގެ ވަށައިގެން ބޭރުން މަޑުނޫކުލައިގެ ރޮނގެއް ވަރަށް ފާޅުކަން ބޮޑުގޮތަކަށް ހުރެއެވެ.