ކިހުނުވުމަކީ ބެކްޓީރިއާގެ ވައްތަރެއް ކަމުގައިވާ ނައިސީރިއާ ގޮނޮރިއާ(Neisseria gonorrhea) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.

ކިހުނުވުން ޖައްސާ ޖަރާސީމް


ކިހުނުވުން ނަންދެވިފައިވާގޮތް އުނިއިތުރު ގެންނަވާ

ބޭސްވެރިކަމުގެ ދުނިޔޭގައި ގޮނޮރިއާ(Gonorrhea) ގެ މިބަހުގެ ލަފްޒީ މާނައަކީ ދަރިފަނިތައް ބޭރުވުން މިއެވެ. ގޮނޯ(Gono) މިބަސް ނެގިފައިވަނީ ގޮނޮސައިޓްސް(Gonocytes) މިބަހުންނެވެ. މާނައަކީ ދަރިފަނި އެވެ. ރިއާ(Rrhea) މިބަހުގެ މާނައަކީ އެއްޗެއް ބޭރުވުން މިއެވެ. މިބަލީގެ ޖަރާސީމް ހޯދުމުގެ ކުރިން ގަބޫލު ކުރެވޭ ގޮތުގައި މިބައްޔާއި ގުޅިގެން ކުރިމަތި ފަރާތުން ނިކުންނަ ދޮސް އެކުލެވިގެންވަނީ ދަރިފަނި ނުވަތަ މަނިންނެވެ. އެހެން ކަމުން މިނަމަކީ އެއާއި އެންމެ ގުޅޭގޮތަށް ދެވިފައިވާ ނަމެއް ނޫނެވެ. ކިހުނުވުމޭ ކިޔަނީ މިޖަރާސީމްގެ ސަބަބުން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ. ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ އެންމެ އާންމު އެއް ބައްޔަކީ ކިހުނުވުމެވެ.


ކިހުނުވުން މެދުވެރިވާގޮތް އުނިއިތުރު ގެންނަވާ

  • ބަލިޖެހިފައިވާ މީހަކާ އެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
  • ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން
  • ޢާންމު ފާޚާނާ ބަރިތަކުން ފާޚާނާ ކުރުން ފަދަ ކަމެއްގެ ތެރޭގައި ބަލި ޖައްސާ ޖަރާސީމް ހަށިގަނޑަށް ވާޞިލްވުން
  • ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ކިހުނުވުން ޖެހުން
  • ބަލި ޖެހިފައިވާ މީހަކު ކުޑަކުއްޖަކު ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ އެކުއްޖަކަށް ކިހުނުވުން މެދުވެރި ވެދާނެއެވެ.


ކިހުނުވުން ޖައްސާ ޖަރާސީމް ހަށިގަނޑަށްވަދެ އާލާވުން އުނިއިތުރު ގެންނަވާ

ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. އޭގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ކިހުނުވުން މެދުވެރި ކުރުވައެވެ. މިޖަރާސީމް ނަސްލު އުފެއްދުމާ ބެހޭ ނިޒާމްގެ ތެތް ހޫނު ހިސާބުތަކުގައި ފަސޭހަ ކަމާއެކު ބޮޑުވެ އިތުރުވެއެވެ. ރަހިމުގެ ކަރު، ރަހިމް، ބިސް ދަތުރުކުރާ ހޮޅި، އަދި ހީސްހޮޅި،ނުވަތަ ކުޑަކަމުދާ ހޮޅި، ފުރަގަސް ފަރާތް، ކަރުތެރެ، އަނގަ، އަދި ލޮލުގައި މިޖަރާސީމް ހެދި ބޮޑުވެއެވެ.


ފިރިހެނުންނާއި ކިހުނުވުން އުނިއިތުރު ގެންނަވާ

ޢާންމުކޮށް ކުރިމަތިވާ ކަންތައްތައް އުނިއިތުރު ގެންނަވާ

މިޖަރާސީމްގެ ސަބަބުން އިންފެކްޝަން އަށަގަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށައެވެ. މިގޮތުން ކުޑަކަމުދާ ހޮޅީގައި އިންފްލެމޭޝަން އުފެދި، ކުރިމަތި ފަރާތުން ރީދޫ ކުލައަށް ހުންނަ ދޮސް ފާނޑުގެ ދިޔައެއް އާދެއެވެ. ކުޑަކަމުދާއިރު ދިލަނަގައި ތަނދުވުން، އަދި ކުރިމަތި ފަރާތް ފާރުވެފައި ހުރުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ.

ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ބަލި ކުޑަކަމުދާ ހޮޅީގެ ފަހަތުބައި، އަދި މަސާނާގެ ތިރީބަޔާއި ހަމައަށް ފެތުރޭގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ އަވަސް އަވަހަށް ގިނަގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާއިރު ދިލަނަގައި ރިއްސުން، އަދި ކުރިން ބުނިހެން ދޮސްފާނޑުގެ ދިޔައެއް ބޭރުވާގޮތް ވެއެވެ. ބައެއް ފަހަރު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ފުރަގަސް ފަރާތަށް ވެސް ކިހުނު ބަލީގެ އަސަރު ފޯރާގޮތް ވެއެވެ.


ގިނަ ދުވަސްވުމުން ކުރިމަތިވާ ކަންތައްތައް އުނިއިތުރު ގެންނަވާ

ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ދާއިމީ ބައްޔަކަށް ބަދަލުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހެދުނުގެ ތިކި(Morning drop) ނުވަތަ ހެދުނު ހޭލާއިރު ކުރިމަތި ފަރާތުން ގިނައަދަދަކަށް ދޮސް އައުން ފަދަ ކަންތައް މެދުވެރި ވެއެވެ. ކުޑަކަމުދާ ހޮޅި ބެދުން، އެހޮޅީގެ ވަށައިގެން ދޮސްއެކުލެވޭ އެބްސެސް އުފެދުންް، އޮށާއި ދަރިފަނި ދަތުރުކުރާ ހޮޅި ބެދި ހަލާކުވުން، ދަރިފަނި ރައްކާކުރާ ތަން ހަލާކުވުން، ޖިންސީ ގުނަވަނުގައިވާ ކައުޕަރ ގްލޭންޑް ހަލާކުވުން، ކުޑަކަމުދާ ހޮޅީގައިވާ ލިޓްރީ ގްލޭންޑް ހަލާކުވުން، ޖިންސީ ގުނަވަނުގެ ބޯ ނިވައިކޮށްދޭ ހަންގަނޑު (ޚިތާނު ނުކުރާ މީހުންގެ) ގެ ދަށުގައިވާ ޓައިސަން ގްލޭންޑް ހަލާކުވުން، މަސާނާ ހަލާކުވުން، އަދި ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. އެންމެ އާޚިރު ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރި ވުމަކީ ވެސް ވެދާނެ ގޮތެކެވެ.

 
ހެދުނުގެ ތިކި


ލޭގެ ތެރެއަށް ޖަރާސީމް ވާޞިލްވުމުން ކުރިމަތިވާ ކަންތައްތައް އުނިއިތުރު ގެންނަވާ

ލޭގެ ތެރެއަށް މިބަލީގެ ޖަރާސީމް ވާޞިލްވުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ހުންއައުން، އަތްފައިގެ ހަންގަނޑުގައި ބިހިތަކެއް ނެގުން، ހުޅުތައް ދުޅަވެ ރިއްސުން، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް ދުޅަވުން، ފުރަމޭ ދުޅަވުން، އަދި ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ ހަލާކުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

އަންހެނުންނާއި ކިހުނުވުން އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ހޮޅި އަދި ރަހިމުގެ ކަރުތެރޭގައި އިންފްލެމޭޝަން އުފެދެއެވެ. ކުރިމަތި ފަރާތުން އާންމުކޮށް އަންނަ ދިޔަ ފިޔަވައި، ހުދު، ރީދޫ، ނުވަަތަ ފެހިކުލައިގެ އެއްޗެއް އައުން، ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ ރިއްސުން، ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ބަނޑުގައި ރިހުން އަދި ހުންއައުން މެދުވެރި ކުރުވައެވެ.

ކިހުނުވުން ކުރިމަތިވި ނަމަވެސް އެކަން ނޭގި ހުރުމަކީ އަންހެނުންނަށް ވެދާނެ ގޮތެކެވެ. ޢާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވާ އަންހެނުންގެ 60 އިންސައްތަ މީހުންނަށް މިކަމުގެ ޢަލާމާތްތައް ނުފެނިދެއެވެ. އެފަދަ މީހުން ކިހުނުވެފައިވާކަން އެގެނީ އޭނާގެ ފިރިމީހާ ނުވަތަ އޭނާއާއެކު ޖިންސީ ގުޅުން ހިންގައިފައިވާ މީހާއަށް ކިހުނުވުން ޖެހިފައިވާ ކަން އެގޭހިނދުއެވެ. މިފަަދަ މީހުންނަށް ބައެއް ފަަހަރު ކުޑަކަމުދާން އުދަގޫވުން ފަދަ ކަންތަކާއި ކުރިމަތި ލާންޖެހެއެވެ.

ޙައިޟުގެ މުއްދަތު ދެމިގެން ދިއުން، އަދި މާގިނައިން ލޭއައުމަކީ ވެސް ކިހުނުވުމުން ވެދާނެގޮތެކެވެ. ޢާންމު ގޮތެއްގައި އަލާމާތްތައް ފެންނާނީ ޖަރާސީމް ހަށިގަނޑުގައި އަށަގަންނަތާ 21-7 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ބައެއް ފަހަރު ކިހުނުގެ އަސަރު ބިސް ދަތުރުކުރާ ހޮޅިއާއި ހަަމައަށް ފެތުރި ހޮޅި ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ ވެދާނެ ކަމެކެވެ. ޕެރަޔުރެތުރަލް އަދި ބާރތޮލީން ގްލޭންޑްތައް ހަލާކުވުން، ރަހިމުގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށް ހަލާކުވުން، އަދި ޖިންސީ ގުނަވަން ހަލާކުވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާ ހޮޅީގައި ފެން ނުވަތަ ދޮސް ފަދަ އެއްޗެއް ޖަމާވުމަކީ ވެސް ނުރައްކާތެރި ޙާލަތަކަށް ބަލި ވާޞިލްވެއްޖެ ނަމަ ވެދާނެ ގޮތެކެވެ.


ބައެއް މުހިއްމު ނުކުތާތައް އުނިއިތުރު ގެންނަވާ

  • ކުޑަ ދަރިފުޅު އުފަންވާއިރު ލޯ އަދިރިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. މިއީ ކިހުނު ވެފައިވާ މައިމީހާގެ ފަރާތުން ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ލޮލަށް ވިހެއުމުގެ ތެރޭގައި އިންފެކްޝަން ވާޞިލްވުމުން ކުރިމަތިވާ ކަމެކެވެ.
  • އަނގަ އަދި ކަރުތެރެ ފާރުވެ ހަލާކުވުމަކީ ވެދާނެ ގޮތެކެވެ. މިކަން ކުރިމަތިވަނީ ކިހުނުވެފައިވާ މީހަކާއެކު އަނގައިގެ ޒަރީޢާއިން ޖިންސީ ގުޅުން ހިންގައިފިނަމަ އެވެ.
  • ފުރަގަސް ފަރާތު ދޮރާއި، ވަށައިގެންވާ ހިސާބު ފާރުވެ ހަލާކުވުން، ފުރަގަސް ފަރާތުން ދޮސްފަދަ އެއްޗެއް އައުން، ބޮޑުކަމުދާއިރު ލޭއައިސް ރިއްސުމަކީ ވެސް ވެދާނެ ގޮތެކެވެ. މިކަން ދިމާވަނީ ކިހުނުވެފައިވާ މީހާގެ ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުން، ނުވަަތަ ކިހުނުވެފައިވާ އަންހެނާގެ ފަރުޖުން ބޭރުވާ ދިޔަ ފުރަގަސް ފަރާތާއި ހަމައަށް ވާޞިލްވުމުންނެވެ.


ކިހުނުވުމުން ރައްކާތެރިވުން އުނިއިތުރު ގެންނަވާ

ކިހުނުވުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
  • މާބަނޑު ދުވަސްވަރު ކިހުނުވުން ޖެހިފައިވޭތޯ ބަލައި ދެނެގަނެ ފަރުވާކުރުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން