ކާނަލް ރިޓަޔަރޑް ހަސަން ނަޞީރު

ކާނަލް ރިޓަރޑް ޙަސަން ނަޞީރުގެ ސިފައިންގެ ސާރވިސް ނަންބަރަކީ 149 އެވެ.


ކާނަލް ރިޓަޔަރޑް ޙަސަން ނަޞީރަކީ 1964 ވަނައަހަރު ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު 45 އަހަރާއި 6 މަހާއި 17 ދުވަހު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކާނަލް ޙަސަން ނަޞީރުވަނީ ކުރައްވާފައެވެ. މިދިގު މުއްދަތުގެ ތެރޭގައި ކާނަލް ޙަސަން ނަޞީރު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލަޔާ 8 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލް ތަކުގެ ތެރޭގައި އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ. ލިބިވަޑާއިގެންފައިވާ ކުލަ ތަކުގެ ތެރޭގައި ހިތްވަރު ގަދަކަމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ ފާހަގަކުރެވެއެވެ.


ކާނަލް ޙަސަން ނަޞީރު މަސައްކަތް ކުރެއްވި ދާއިރާ ތަނުގެ ތެރޭގައި ސިފައިންގެ ކޯސްޓްގާޑާއި އަލިފާން ނިއްވުމުގެ ދާއިރާ ފާހަގަކޮށްލެވެއެވެ. ކޯސްޓްގާރޑްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާކަމާއި، ސިފައިންގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ޓްރާންސްޕޯރޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ކަޅުތުއްކަލާކޮށީގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ވެސް ކާނަލް ޙަސަން ނަޞީރު ވަނީ އަދާކުރައްވާފައެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާއިރު ކާނަލް ޙަސަން ނަޞީރު ހުންނެވީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ ގެމަޤާމުގެ އިތުރުން، ރިޓަޔަމަންޓް ސާރވީސް އޮފީސް ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.


ކާނަލް ޙަސަން ނަޞީރުގެ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އިސްނަންގަވައިގެން ފާހަގަ ކޮށްލެވޭފަދަ މަތިވެރި ޖިހާދެއް ކުރެއްވިކަން ފާހަގަކުރެެވެއެވެ. ސިފައިންގޭގައި ޕެރޭޑުގެ ހަރަކާތްތައް ތަރައްޤީ ކުރެއްވުމަށް ޕެރޭޑް އިންސްޓްރެކްޓަރެއްގެ ގޮތުން ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޕެރޭޑް ކޯޑިނޭޓިންގ ކޮމެޓީގެ ވައިސް ޗެއަރމަންގެ މަޤާމުވެސް ކާނަލް ޙަސަން ނަޞީރު ފުރުއްވިއެވެ.


ކާނަލް ޙަސަންނަޞީރު ވަނީ ސިފައިންގެ ޚިދުމަތުގައި އުޅުއްވަމުން ސްރީލަންކާއިން ބޭސިކް ފަޔަރ ފައިޓިންގކޯހަކާއި، ސިންގަޕޫރުން އެއަރޕޯރޓް ފަޔަރ ފައިޓިންގ ކޯހަކާއި، އިނގިރޭސި ވިލާތުން އޯލްއާމްސް ޑްރިލްކޯހަކާއި، ޕާކިސްތާނުން ރެސްކިޔު އެޑްމިނިސްޓްރޭޝަން ކޯހަކާއި، ސީނިއަރ އޮފިސަސް މެނޭޖްމަންޓް ކޯހެއް ފުރިހަމަ ކުރައްވާފައެވެ. ކާނަލް ޙަސަން ނަޞީރަކީ ސިފައިންގެއިން ޕައިލެޓްކަން ދަސްކުރުމަށް ހޮވާލެވުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ތާރީޚުގައި ރާއްޖޭގެ އެއަރޕޯޓަކަށް ފުރަތަމަ މަތިންދާބޯޓެއް ލޭންޑް ކުރި ދިވެއްސަކީވެސް ކާނަލް ޙަސަން ނަޞީރެވެ. ސިފައިންގެ ޚިދުމަތުން ކާނަލް ޙަސަން ނަޞީރު ރިޓަޔަރ ކުރެއްވީ ޢުމުރުފުޅުން 64 އަހަރު ފުޅުގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން 2009 އޮގަސްޓްމަހުގެ 3 ވަނަދުވަހު ޝަރަފްވެރިކަމާއެކު ވަކިވެވަޑައިގެންނެވި ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ 20 ޖެނުއަރީ 2010 ވީ ބުދަ ދުވަހުއެވެ. ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ތައިލެންޑުގެ ބުންމުންގްރާޑް ހޮސްޕިޓަލްގައި ހިތުގެ ބައްޔަށް ފަރުވާދެމުންދަނިކޮށް އެދުވަހުގެ 18:15 ހާއިރުއެވެ.

--Allosaeed 08:45, 6 ޖެނުއަރީ 2012 (UTC)