ކަލަރު ބިބީ
ކަލަރު ބިބީ(ސައިންޓިފިކް ނަން: Chaetodon collare)ނުވަތަ (އިނގިރޭސި ބަހުން: Collared butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ގިނަ ބިބީގައި ހުންނަ ދުރަށްދައްކާ ގަދަކުލަތަކެއް އެކުލެވޭ މަހެއް ކަމުގައި ނުވިޔަސް ވަރަށް ފަރިކޮށް ޖޯޑްޖޯޑަށާއި، ކުދިއައިން ހަދައިގެން ދުވެއުޅޭ މަހެކެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާފައި ނެތުމާއެކު، މިމަހަށް ކަލަރު ބިބީ ކިޔާފައިވަނީ މަހުގެ ޢިލްމީ ނަމާއި، އިގިރޭސި ނަން ތަރުޖަމާކޮށްދޭ، އަދި މަހުގެ ބޮލުގެ ނިމޭ ހިސާބުން ކަރުތާފަތް ގަނޑުގެ މަތިން މަހުގެ ހުރައަށް ހުދު ރޮނގެއް ހުންނާތީ އެސިފައަށް ނިސްބަތްކޮށެވެ. ދިވެހި އަންހެނުން ބޯވަޅުތެރެން ކަރުވަޅުތެރެ ނިވާކުރަން އަޅާ ފޮތިގަނޑަށް ދިވެހި ބަހުން ކިޔާ ނަމަކީ ކަލަރު ކަމަށްވުމާއެކު މިބަސް ބޭނުންކޮށްގެން މިމަހަށް ކަލަރު ބިބީ ކިޔާފައި ވަނީއެވެ.
މަހުގެ ބުރަކަށިމަތީ ކޮަތަރިބައިގައި 12 ހަރުކައްޓާއެކު 25 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 20 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.
މަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. ބޮލުގެ ފަހަތުބައިގައި ފުޅާކޮށް ހުންނަ ހުދު ރޮނގެއް ހުރަހަށް ހުރެއެވެ. އަދި މަހުގެ ތުންކޮޅުގައި ހުދުކުލައިގެ ކުދި ރޮނގުތަކެއް ހުރެއެވެ. ބޮލުގެ އެހެން ބައިތައް ހުންނަނީ ކަޅުކުލައަކަށްދާ ގަދަމުށި ކުލައިގައެވެ. މަހުގެ ނިގޫފަތުގެ ކައިރިފަށް ނޫން އެހެން ބައިތައް ހުންނަނީ އޮރެންޖް ކުލައަކަށްދާ ރަތްކުލައެއްގައެވެ. ކަލަރު ބިބީ 16 ސމ އަށް ބޮޑުވާ ކަމަށް ވެއެވެ.