ކައްޓަފުޅި މިޔަރު
ކައްޓަފުޅި މިޔަރު (ސައިންޓިފިކް ނަން: Carcharhinus albimarginatus)ނުވަތަ (އިނގިރޭސި ބަހުން: Silvertip shark) އަކީ މިޔަރުގެ ބާވަތެކެވެ. މިމިޔަރުގެ ސިފަ ހުންނަނީ ކައްޓަފުޅިޔާ އެއްގޮތަކަށެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މަތީގައްޔާއި، ވިލުވިލުގައި އަދި ބޭރު ކަނޑުތަކުގައި އުޅޭ ބޮޑު ހަށިގަނޑެއް ލިބިފައިވާ ބިޔަ މިޔަރެކެވެ. މިމިޔަރު ގާތްގަނޑަކަށް 3 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ޖިންސީގޮތުން މިބާވަތް ބޮޑުވާކަމަށްވަނީ އޭގެ ދިގުމިން 1.6 މީޓަރާއި 2 މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 11 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ރާއްޖެއިން ގިނައިން ރިކޯޑް ކުރެވިފައިވާ މިޔަރެއް ނޫނެވެ.
ކައްޓަފުޅި މިޔަރަކީ ފީނުންތެރިންނަށް ނުރައްކާތެރި މިޔަރެއްކަމަށް ވަނީ ބެލެވިފައެވެ. އަދި މިއީ އެއްމިޔަރު އަނެއް މިޔަރާއި ވަރަށްގިނައިން ތަޅާފޮޅާ އުޅޭ ބާވަތެއްގެ މިޔަރެކެވެ. ވުމާއެކު މިބާވަތުން ހިފޭ ބައެއް މިޔަރުގެ ހަށިގަނޑުން އެކަމުގެ އަސަރު ވަރަށް ގިނަ ފަހަރު ފެންނަން ހުރެއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން ކުރި މަސްވެރިކަމެއްގައި 1988 ވަނަ އަހަރު މާލޭގެ އިރުމަތިން ގާތްގަނޑަކަށް 30 މޭލު ބޭރުން 2.3 މީޓަރުގެ ބޮޑުމިން ހުރި ކައްޓަފުޅި މިޔަރެއް ބޭނިފައި ވެއެވެ. މިބާވަތުގެ މިޔަރުގެ ތުން އާދައިގެ ވަރަކަށް ދިގެވެ. ކައްޓަފުޅި މިޔަރުގެ ކާނާއަކީ ކަނޑުގެ އަޑީގައްޔާއި މަތީގައި އުޅޭ ތަފާތު ބާވަތް ބާވަތުގެ މަހާއި، މަޑިއާއި، ބޯވަ އެވެ.
ކައްޓަފުޅި މިޔަރު މަތިން ފެށިގެން ގާތްގަނޑަކަށް 800މީޓަރުގެ ފުންމިނުގައި އުޅޭކަމަށް ވެއެވެ. ބައެއް ލިޔުން ތަކުގައި މިމިޔަރު އުޅޭކަމަށް ލިޔެފައިހުރީ 800-30 މީޓަރާއި ދެމެދުގައެވެ. މިމިޔަރުގެ މަހަކީ ކެއުމަށް ރަގަޅު އެކަށޭނަ މަހެކެވެ. މިމިޔަރުގެ މަތީބައިގެ ކުލައަކީ، ގަދައަޅި، ނުވަތަ އަޅިމުށި ކުލައެވެ. ބަނޑުދަށް ހުންނަނީ ހުދުކުލައިގައެވެ. ހުރިހާ އުރަހަ އެއްގެ ކޮޅާއި އަރިމަތި ހުންނަނީ ހުދު ކުލައިގައެވެ.
އާއްމު ގޮތެއްގައި ރަތްކަނޑާއި، ޝީޝެލްސް، ދިވެހި ރާއްޖެ، މޮރިސަސް، މަޑަގަސްކަރަ، އުތުރު އެފްރިކާގެ އައްސޭރި ފަށާއި، އޮސްޓްރޭލިޔާ، ޖަޕާން، އަދި ކޮލަމްބިޔާ ފަދަ ގައުމުތަކުގައި މި މިޔަރު އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ.