ކަންފަތުގެ ތޫރި ފަޅައިގެންދިއުން
ކަންފަތުގެ ތޫރި ފަޅައިގެންދިއުން(އިނގިރޭސި ބަހުން: Tympanic membrane Rupture/Perforation of Ear drum) އަކީ ވަރަށް މަދުން ނަމަވެސް ދިމާވާ މައްސަލަ އެކެވެ. ގުދުރަތީ ގޮތުން އުފެދިފައިވާއިރު ކަންފަތުގެ ބޭރު މަގު އިންނަނީ ގުދުކޮށެވެ. މާނައަކީ ކަންފަތުގެ ތޫރިއަށް އެކަމުގެ ސަބަބުން ރައްކާތެރިކަން ލިބެއެވެ. ކަންފަތުގެ ތޫރި ފަޅައިގެންދިއުން ކުރިމަތިވާ ސަބަބު ތަކުގެ ތެރޭގައި ކަންފަތުގެ ތޫރި ނުސީދާކޮށް އަނިޔާއެއް ލިބުން އަދި ސީދާ ކަންފަތުގެ ތޫރިއަށް ލިބޭ އަނިޔާ އެއްގެ ސަބަބުން ކަންފަތުގެ ތޫރި ފަޅައިގެން ދިއުން ހިމެނެއެވެ. ނުސީދާގޮތެއްގައި ކަންފަތުގެ ތޫރިއަށް އަނިޔާއެއް ލިބިދާނެ ކަންތައްތަކުގެ ތެރޭގައި ކަންފަތް ދޮށުގައި ބާރަށް އަތްތިލަ ބަޑިޖެހުން، ޖައްވުގެ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ތޫރި ފަޅައިގެން ދިއުން، އަދި އެއްޗެއް ގޮވުމުގެ ސަބަބުން ކަންފަތުގެ ތޫރި ފަޅައިގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. ސީދާ ގޮތެއްގައި ކަންފަތުގެ ތޫރިއަށް އަނިޔާއެއް ލިބިދާނެ ކަންތައްތަކުގެ ތެރޭގައި، ކަންފަތުގައި އެއްޗެއް ތާށިވުން، ކަންފަތަށް ޕިނެއް ދައްޗެއް ފަދަ އެއްޗެއް ވެއްދުން، އަދި ކަންފަތް ދޮންނަށް އުޅުމުގެ ތެރޭގައި ހެދޭ ގޯހަކުން ތޫރި ފަޅައިގެން ދިއުން އަދި ޓެމްޕޯރަލް ކަށިގަނޑު ދިގަށް ބިދުން ހިމެނެއެވެ. ކަންފަތުގެ ތޫރި ފަޅައިގެން ދިއުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަންފަތުގައި ރިހުން، ކަންފަތުން ލޭއައުން، އަދި ނޭފަތަށް ފިތާލުމުން ކަންފަތުން ވައިނިކުތުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ރަގަޅަށް އަޑުނީވުން ނުވަތަ ބީރުވުން، އަދި ކަންފަތުތެރޭގައި އަޑުގޮވުން ފަދަ ކަންތައްތައް ހިމެނެއެވެ.