ކަނޑު ރަސްގެފާނު (ސައިންޓިފިކް ނަން: Plectropomus laevis)ނުވަތަ (އިނގިރޭސި ބަހުން: Black saddled coral grouper)އަކީ ފާނައިގެ ތެރޭގައި ހިމެނޭ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ރޭގަނޑާއި ދުވާލު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ގިނައިން ބޭނޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ ރަށްރަށާއި ފަރުފަޅުގެ ބޭރުން އުރަފަށާއި ހަމައިގައެވެ. ކަނޑުގެ ތެރޭގައި އުޅޭއިރު ވަރަށް ބަލާހިތްވާ ރީތި މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ. މިބައިގެ ތިރީގައި 3 ނުވަތަ 4 ކަށި ހުރެއެވެ. މަހުގެ ދެލޮލުގެ ދެމެދުގައި ހުޅުބެއް ނުހުރެއެވެ.

ކަނޑު ރަސްގެފާނު

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 8 ކައްޓާއި، 11 މަޑު ކަށި ހުރެއެވެ. ކަންފަތުގައި 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަނޑު ރަސްގެފާނު އަކީ ތަފާތު ދެކުލައެއްގައި ފެންނަ މަހެކެވެ. އެއްބާވަތަކީ ހުދުކުލައިގެ މަހެއްގައި ރީނދޫކުލައިގެ ކޮތަރިބައި ހުންނަ ވައްތަރެވެ. މިބާވަތުގައި ހުންނަ ކަޅުކުލައިގެ ލައްތަކުގެ އިތުރުން ނޫކުލައިގެ ތިކިތަކެއް މުޅި މަހުގައި ހުރެއެވެ. އަނެއް ބާވަތަކީ މުށިކުލައިގެ މަހެވެ. މިމަހުގައި ވެސް ނޫކުލައިގެ ތިކިތަކެއް ހުރެއެވެ.