ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަޠީން މުޙައްމަދު
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދަކީ ދިވެހި އަސްކަރިއްޔާއާއި ދިފާޢީ ވުޒާރާގައި އިސް މަޤާމުތަކެއް ފުރުއްވައި، އެމްއެންޑީއެފްގެ މުހިންމު ބޯޑުތަކަކާއި ކޮމެޓީތަކެއްގައި މަސައްކަތްކުރައްވާފައިވާ އިދާރީ ކުޅަދާނަ ހިންގުންތެރިއެކެވެ. ސަރުކާރުން ދެއްވާ އާންމު ޚިދުމަތުގެ އިނާމު ވިޒްއަލް އާރޓްސްގެ ދާއިރާއިން ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ހާސިލުކުރައްވާފައިވާ ހުނަރުވެރި ފަންނުވެރި ފަރުމާކުރުންތެރިއެކެވެ. ސިފައިންގެ އައްޑަނަ މަޖައްލާ ވުޖޫދަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރައްވައި އެ މަޖައްލާގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޤާބިލު މޮޅު ލިޔުންތެރިއެކެވެ. ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެއްވި ހުރިހާ ދިފާޢީ ވަޒީރުންގެ އަރިހުގައި މަސައްކަތްކުރެއްވި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވަފާތެރި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ތަފާތު ރޭންކުތަކުގައި ތަފާތު ގިނަ ރޮނގުތަކުން އެއްވެސް ފަސްޖެހުމެއްނެތި ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕަށް އެއްބާރުލުން ދެއްވި، ދިވެހި އަސްކަރިއްޔާގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ހިފެހެއްޓުމަށް މަސައްކަތް ކުރެއްވި، އަސްކަރީ އަޚްލާޤާއި ސުލޫކަށް ޓަކައި ދިވެހި އަސްކަރިއްޔާ ފަޚުވެރިވާ ޖެނެރަލް އޮފިސަރެކެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ސްކޫލު ދައުރަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޚާރިޖީ ދާއިރާގައެވެ. 15 މާރޗް 1984 އިން 1 ޖުލައި 1987އަށް ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު، އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ ލާންސް ކޯޕްރަލް ރޭންކުގައެވެ. އެންލިސްޓެޑް ރޭންކްތަކުގެ ތެރެއިން ލާންސްކޯރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް1، ވޮރަންޓް އޮފިސަރ ގްރޭޑް2ގެ ރޭންކުގައި މަސައްކަތް ކުރެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ކަމިޝަން ކުރެއްވީ 1 އެޕްރީލް 1997 ގައެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްގެ ރޭންކުގައި ޚިދުމަތްކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް ބަދަލުކުރެއްވީ 21 ޖަނަވަރީ 2021 ގައެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި އެމެރިކާއިން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް އިންޓެލިޖެންސް އޮފިސަރ ބޭސިކް ކޯސް، ކޮމްޕިއުޓަރ މެޝިން އޮޕަރޭޓަރ ކޯސް، ޕްރޮގްރާމަރ އެނަލިސްޓް ކޯސް، އެމެރިކަން ލޭންގުއޭޖް ކޯސް (އެޑްވާންސް ފޭސް)، އިންޓަރނޭޝަނަލް ޑިފެންސް މެނޭޖްމަންޓް ކޯސް، އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީސް އެގްޒެކެޓިވް ކޯސް އަދި އޮސްޓްރޭލިއާއިން ފުރިހަމަކުރެއްވި ބެޗްލަރ އޮފް އެޕްލައިޑް ކޮމްޕިއުޓިންގ، ޕާކިސްތާނުން ފުރިހަމަކުރެއްވި މިޑްކެރިއަރ ކޯސް، އިންޑިއާއިން ފުރިހަމަކުރެއްވި ހަޔަރ ޑިފެންސް އޮރިއެންޓޭޝަން ކޯސް ހިމެނެއެވެ. ދިވެހިރާއްޖެއާއި ދިވެހި އަސްކަރިއްޔާގައި ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އިތުރުން ބޮމް ޑިސްޕޯސަލް އެންޑް ޑިމޮލިޝަން، ފަންޑަމެންޓަލް ކޮމްޕިއުޓަރ އޮޕަރޭޓިންގ ކޯސް، އެން.ސީ.އޯ ޓްރޭނިންގ ކާޑަރ ކޯސް، ޑްރިލް އިންސްޓްރަކްޓަރ ކޯސް، ޕާރސަނަލް ކޮމްޕިއުޓަރ ސްޕެޝަލިސްޓް ކޯސް އަދި އޮފިސަރ ޑްރިލް ކޯސް ފާހަގަކުރެވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ދިފާޢީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ތަފާތު އިސް މަޤާމުތަކުގައިކަމަށް ވިޔަސް އަސްކަރިއްޔާގެ ތަފާތު އެހެން ދާއިރާތަކުގައި ވެސް އިޚްލާޞްތެރި ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ. މިގޮތުން މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުކަމާއި، އޯޑްނަންސް ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރކަމާއި، ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާކަމާއި، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާކަމާއި، ރީޖަނަލް ހެޑްކްއޯޓަރޒް - ލ. ކައްދޫގެ ބޭސް ކޮމާންޑަރުކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮޓޮކޯލް އޮފިސަރކަމާއި، ޕްރޮކިއުމަންޓް އޮފިސަރކަމާއި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފަ ހުންނަވާ ޑިފެންސް އެޑްވައިޒަރގެ މަޤާމު ފާހަގަކުރެވެއެވެ. މީގެތެރެއިން ވެސް ދިވެހި އަސްކަރިއްޔާގައި މިހާރު މިފެންނަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތްތަކުގެ ބިންގާއެޅި ފެށިގެން ދިޔައިރު އެ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ވަނީ އަދާކުރައްވާފައެވެ. އަދި އަސްކަރިއްޔާގައި ޑިފެންސް އިންޓެލިޖެންސްގެ ދާއިރާއިން ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ.
ދިފާޢީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި ސްޓާފް އޮފިސަރ ޓު ދަރ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިން ލިއޭޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަލް އެންޑް ޕޮލިސީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަލް އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަރ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަލް އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަރ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަލް އެންޑް ޕޮލިސީގެ މަޤާމު ހިމެނެއެވެ.
ދިވެހި އަސްކަރިއްޔާގައި އުފައްދާފަވާ ބޯޑުތަކާއި ކޮމިޓީތަކުގައި ވެސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މިގޮތުން ދިވެހި އަސްކަރިއްޔާގެ ބޯޑުތަކާ ކޮމިޓީތަކުގައި އަދާކުރައްވާފައިވާ އެޕޮއިންޓްމަންޓްތަކަށް ބަލާއިރު، ސިފައިންގެ ވެލްފެއަރ ފަންޑް ގަވަރނިންގ ބޯޑުގެ ވައިސް ޗެއަރމަންކަން، ސިފައިންގެ ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަން، އެމް.އެން.ޑީ.އެފް ރިޓަޔަރމަންޓް ބޯޑުގެ ވައިސް ޗެއަރމަންކަން، އެމް.އެން.ޑީ.އެފް ވެލްފެއަރ ބޯޑުގެ ޗެއަރމަންކަން، މިލިޓަރީ ޖަސްޓިސް ކޮމިޝަންގެ މެންބަރުކަން، އެމްއެންޑީއެފް ޑިސިޕްލިނަރީ ކޮމިޓީގެ ޗެއަރމަންކަން، ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖްމަންޓް ކޮމިޓީގެ ޗެއަރމަންކަން، ކޮލެޖް އޮފް ޑިފެންސް އެންޑް ސިކިއުރިޓީ ސްޓަޑީޒްގެ ކޮލެޖް ކައުންސިލްގެ މެންބަރުކަން، އަދި އެމް.އެން.ޑީ.އެފް ލަފާދޭ މަޖިލިސްގެ މެންބަރުކަން ހިމެނެއެވެ. މީގެއިތުރުން ސިފައިންގެ އެކުވެރި ކުންފުނީގެ ޑިރެކްޓަރުން ބޯޑުގެ ޑިރެކްޓަރ ކަމާއި، އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑު ޗެއަރމަންކަމާއި، ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރުކަމާއި، ވެލްފެއަރ ފަންޑް ގަވަރނިންގ ބޯޑުގެ މެންބަރުކަމާއި، ސިވެކް ޑިރެކްޓަރސް ބޯޑުގެ ޑިރެކްޓަރކަމާއި، ސިފައިންގެ ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ދިވެހި ސިފައިންގެ ކްލަބުގެ ހިންގާ ކޮމިޓީގެ މެންބަރު ކަމާއި، ހިންގާ ކޮމިޓީގެ ނާއިބު ރައީސްކަމާއި އައްޑަނަ މަޖައްލާ ކޮމިޓީގެ މެންބަރު ކަމާއި އައްޑަނަ މަޖައްލާގެ އެޑިޓަރގެ ގޮތުގައި ކުރައްވާފައިވަނީ އިޚްލާޞްތެރި ބުރަ މަސައްކަތްތަކެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާއިރު ހުންނެވީ މިލިޓަރީ ސެކްރެޓެރީ ޓު ދަރ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ވަނީ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ދިފާޢީ ވަޒީރުކަން ކުރެއްވި ހުރިހާ ވަޒީރުންގެ އަރިހުގައި ވެސް ޚިދުމަތް ކުރައްވާފައެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙަމްދު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން ދިވެހި ސިފައިން ކުރި ޖިހާދުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި އިދާރީގޮތުންނާއި ޑިފެންސް މިނިސްޓަރގެ ސްޓާފެއްގެ ގޮތުން ކުރެއްވި މަސައްކަތަތައް ފާހަގަކޮށްލެވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ވަނީ ޔުނައިޓެޑް ސްޓޭޓްސް އާމީ ސިގްނަލް ސެންޓަރ އެންޑް ފޯޓްގޯޑްން ގައި ފުރިހަމަ ކުރެއްވި ޕްރޮގްރާމް އެނަލިސްޓް ކޯހުން އޮނަރގްރެޖްއޭޓުގެ މަޤާމު ހޯއްދަވައިގެން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމް 1990 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ހާސިލުކުރައްވާފައެވެ. އަދި ވިޒްއަލް އާޓްސްގެ ދާއިރާއިން ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ވަނީ ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ހާސިލުކުރައްވާފައެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަހްމަދު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި އަދި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަހަރަށް، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ އެއްވަނަ އަދި ދެވަނަ ފަހަރަށް، މީގެއިތުރުން ހުނަރުވެރިކަމުގެ ކުލަ ހާސިލުކުރައްވާފައިވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން ވަނީ ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ސިފައިންގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކޮށްދެއްވާފައި. މިގޮތުން ސިފައިންގެ ޔުނީފޯމުތަކާ ގުޅޭ އެކިއެކި ކުރެހުންތައް ފަރުމާކުރެއްވުމާއި، ސިފައިން ބޭނުންކުރާ ޝަރަފުގެ ނިޝާންތައް ފަރުމާކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމާއި ޚާއްޞަ އިނާމާއި ތަފާތު މެޑެލިތަކާއި ފިލާތައް ފަރުމާކޮށްދެއްވުން ހިމެނެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާނުންނަށް ވެސް ދައްކުއިދެއްވި ވަރަށް ރީތި މިސާލެކެވެ. އުމުރުފުޅުން 60 އަހަރުގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދު ރިޓަޔަރ ކުރެއްވީ 21 މޭ 2023 ގައެވެ.