ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުޙައްމަދު ދީދީ

ވަނަވަރު އުނިއިތުރު ގެންނަވާ

ސ. ހިތަދޫ، ލެގޫންވިއު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީ އަކީ 1979 ޑިސެމްބަރު 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުލެކެވެ. ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ފަންނީ ދާއިރާއަކީ ކޮމިޔުނިކޭޝަން ދާއިރާއެވެ. ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން 2012 ޖުލައި 17 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައެވެ.

ސިފައިންގެ ޚިދުމަތް އުނިއިތުރު ގެންނަވާ

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1979 ޑިސެމްބަރު 7 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި 27 އަހަރު މަސައްކަތް ކުރައްވާފައިވަނީ ކޮމިއުނިކޭޝަން ދާއިރާ ގައެވެ. އެއީ މިހާރުގެ އެމްއެންޑީއެފް ކޮމިއުނިކޭޝަން އިލެކްޓޯނިކްސް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ސާރވިސް (ސީޓްސް) އެވެ. ސިފައިންގެ ކޮމިއުނިކޭޝަން ސެކްޝަނަށް މިހާރު އައިސްފައިވާ ތަރައްޤީއާ ކުރިއެރުމުގެ ޙަޤީޤީ މޭސްތިރިއަކީ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއެވެ. އިބްރާހީމް ދީދީ ސިފައިންގެ ޚިދުމަތަށް ގެންނެވީ އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަޔަރލެސް އޮޕަރޭޓަރއެއްގެ ވަޒީފާ ހުންނަވަނިކޮށް ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭރު ސިފައިންގޭގައި މުއާސަލާތީ ޚިދުމަތް ދިނުމަށް ހުރީ 4 ސީ.ބީ ވޯކީޓޯކީ އެކަންޏެވެ.


އެޕޮއިންޓްމަންޓްތައް އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއަކީ، އެން.އެސް.އެސް.ގެ ތަފާތު އެތައް ރޭންކްތަކެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ފުރުއްވި އިސް ރޭންކްތަކުގެ ތެރޭގައި، ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްކަން ހިމެނެއެވެ. އަދި، ސީޓްސްގެ އޮފިސަރ އިންޗާޖް ކަމާއި، ކޮމާންޑިންގ އޮފިސަރ ކަމާއި، ކުއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ސަޕޯޓް ބެޓޭލިއަންގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ސީ.އެމް.އެސް.ގެ ކޮމާންޑިންގ އޮފިސަރ ކަމާއި، އެމް.އެން.ޑީ.އެފް. ސަދަން އޭރިޔާގެ ކޮމާންޑަރު ކަމާއި، އެމް.އެން.ޑީ.އެފް.ގެ މާލޭ އޭރިޔާގެ ކޮމާންޑަރުކަންވެސް ކުރައްވައިފައި ވެއެވެ.

1988 ނޮވެންބަރު ތިނެއްގެ ޚިދުމަތް އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ވަރަށް ހިތްވަރުފުޅު ގަދަ މަސައްކަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ އަކީ ނޮވެމްބަރު ތިނެއްގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ހިތްވަރާއި ޢަޒުމާއެކު ދީނާއި ޤައުމަށްޓަކައި ކެރިގެން ނިކުންނެވި ޤައުމީ ބަޠަލެކެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ސިފައިން ޙަމަލާދެމުންދިޔަ ނުރައްކާތެރި އަދި ބިރުވެރި ދަނޑިވަޅުގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް، ބަޑިގުދަނުގެ ތަޅުދަނޑިފަތި ކިނބިގަސްދޮށުގެއިން ގެނެސް ސިފައިންގެއަށް ފޯރުކޮށްދެއްވީ އެމަނިކުފާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެދުވަހު އެމަނިކުފާނު ކުރެއްވި މަސައްކަތަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ.

ޝަރަފުވެރި އިތުރު ޚިދުމަތްތައް އުނިއިތުރު ގެންނަވާ

އެމަނިކުފާނަކީ ސިފައިންގޭގައި ޕެރޭޑް ކުރިއަރުވާ ތަރައްޤީ ކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ ޝަރަފުގެ ގާޑްތަކުގައި މިހާތަނަށް އެންމެ ގިނަފަހަރު ކޮމާންޑުކުރި ކަމުގެ ޝަރަފު ލިބިވަޑައިގެންފައިވަނީވެސް އެމަނިކުފާނަށެވެ. އެމަނިކުފާނުގެ ކޮމާންޑްގެ ދަށުން ނެރޭ ޝަރަފުގެގާޑުތަކުގެ ފެންވަރު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު ހިތަދޫ މެދު ދާއިރާގެ މެންބަރެއްގެ ގޮތުން، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި މުއްދަތާއެކު، ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމުކުރުމަށްފަހު އެންމެ ފުރަތަމަ އުފެއްދި އޭރިއާ ކޮމާންޑް ކަމުގައިވާ "އެމް.އެން.ޑީ.އެފް ސަދަން އޭރިއާ" ގެ ފުރަތަމަ ކޮމާންޑަރަކީވެސް އެމަނިކުފާނެވެ.

ޚާއްޞަ މަސައްކަތްތައް އުނިއިތުރު ގެންނަވާ

ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތަކަށް ބަލާއިރު ރާއްޖެތެރޭގައި ބޭއްވި ފުރަތަމަ ސާރކް ސަމިޓަށް ތައްޔާރު ވުމުގެގޮތުން އައްޑޫސިޓީގައި ކުރެވުނު ހުރިހާ ކަމެއް ހިނގަމުންދިޔައީ ސީދާ އިބްރާހީމް ދީދީގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ހަމައެހެންމެ އެންމެފަހުން ރާއްޖޭގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށްޓަކައި ސިފައިން ރެއާދުވާލު އަރާމެއްނެތި މަސައްކަތްކުރަމުންދިޔައިރު އެމަނިކުފާނަކީވެސް އަމަލީގޮތުން އާދަޔާޚިލާފު ބުރަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅާއެވެ. އިބްރާހީމްދީދީގެ މިފަދަ އެތައް ޚިދުމަތްތަކެއް ލިޔެވިދާނެއެވެ. މާލޭ އޭރިއާގެ ކޮމާންޑަރުކަމާއި، ސަދަން އޭރިއާގެ ކޮމާންޑަރުކަމާއި، ސީޓްސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގެ އިތުރުން އެމަނިކުފާނުވަނީ ޑިއުޓީ ސެކްޝަނާއި، އެން.އެސް.އެސް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ، އަދި ސީ.އެމް.އެސް، ކިއު.އެމް.އެސް އަދި އާމަރީގެ ކޮމާންޑަރުގެ އެހިތެރިޔާ ކަމާއި، ސަޕޯޓް ބެޓޭލިއަން 1 އަދި 2 ގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ.

މީގެއިތުރުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، އިބްރާހީމް މުޙައްމަދުދީދީ ކުރެއްވި ހިތްވަރުފުޅުގަދަ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ސިފައިންގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑިފަތި ހިއްޕަވައިގެން ވަޑައިގެން، ސިފައިންގޭގެ މައި މަރުކަޒުގެ ބޭރުން މަރުކަޒުގެ އެތެރެއަށް ފޯރުކޮށްދެއްވުމުގައި ކުރައްވައިފައިވާ އާދަޔާޚިލާފު ޙިކުމަތްތެރި، ހިތްވަރުފުޅުގަދަ، އިޚްލާޞްތެރި، ނުރައްކާތެރި މަސައްކަތްޕުޅު މަތިން ޚާއްޞަގޮތެއްގައި ހަނދާންކޮށްލަންޖެހެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރު، ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، 2011 ވަނަ އަހަރު، އައްޑޫސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތައް ރާއްވަވައި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް އޮފިސަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.


ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، ސިފައިންގެ މުވާޞަލާތީ ޚިދުމަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް، 1980 ވަނަ އަހަރު ފަށާފައިވަނީ މަދު ވަސީލަތްތަކާއެކު، އިބްރާހީމް މުޙައްމަދުދީދީގެ ހިތްވަރުފުޅުގަދަކަމާއި، ޚިދުމަތުގެ ނަމޫނާ މިސާލެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ. މިއަދު ތަރައްޤީވެފައިވާ އެ މުއައްސަސާގެ ކޮމިއުނިކޭޝަންގެ މޭސްތިރިއަކީ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއެވެ.


މިޒާޖުފުޅު އުނިއިތުރު ގެންނަވާ

ބްރިގޭޑިއާރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއަކީ ދީނަށް ލޯބިކުރައްވާ، މަޑުމައިތިރި ބޭފުޅެކެވެ. ފަސްޖެހިވަޑައި ނުގެން ޚިދުމަތްކުރެއްވި އިޚްލާޞްތެރިއެކެވެ. އެއީ އަމުރަށް ކިޔަމަންތެރިވުމުގައި ލާމަސީލު މިސާލެކެވެ. އެފަހަރަކު ޙަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގެން ކޮންމެ އެޕޮއިންޓްމަންޓަކާވެސް ކެރިވަޑައިގެން ޙަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

ހައްދަވާފައިވާ ތަމްރީނުތައް އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކެއް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ޔޫ.އެސް.އާރމީގައި އޮފިސަރ ބޭސިކް ކޯސް އަދި އޮފިސަރ އެޑްވާންސް ކޯސް ފުރިހަމަކުރެވްވުމާއި، ޕާކިސްތާނު ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ބީ.އެސް.ސީ. އޮނަރސް ވޯރ ސްޓަޑީޒް ފުރިހަމަކުރައްވައި، ޕީ.އެސް.ސީ. ލަޤަބް ހާސިލުކުރެއްވުމާއި، އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުން ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް ދާއިރާއިން އެމް ފިލް ފުރިހަމަކުރައްވައި، އެން.ޑީ.ސީ.ގެ ލަޤަބް ހާސިލުކުރައްވައިފައި ވެއެވެ.

ފުރިހަމަ ކުރެއްވި އިތުރު ކޯސްތަކުގެ ތެރޭގައި އިންގްލިޝް ލޭންގުއޭޖް ކޯސް، ރޭޑިއޯ ރިޕެއަރ ކޯސް، ލީބިއާ ޓްރޭނިންގ، ޕެރޭޑް އިންސްޓްރަކްޓަރ ޓްރޭނިންގ، އެން.ސީ.އޯ ކޭޑަރ، ސިގްނަލް އޮފިސަރ ބޭސިކް ކޯސް، އެޑްވާންސް ކޯސް، ބޭސިކް ސްޓާފްކޯސް. ސެކިއުރިޓީ ސްޓަޑީޒް ކޯސް، ޕާކިސްތާނު އާމީ ކޮމާންޑް އެންޑް ސްޓާފް ކޯސް ވިތް ބީ.އެސް.ސީ އޮނރަސް ވޯރ ސްޓަޑީސް، ނޭޝަނަލް ޑިފެންސް ކޯސް ވިތު އެމް.ފިލް އިން ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީސް އަދި މެލޭޝިޔާ އިން އިމާމް ޕްރޮފެޝަނަލް ކޯސް ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން ފުރިހަމަ ކުރެއްވި އިންގްލިޝް ލޭންގުއޭޖް ރޭޑިއޯ ރިޕެއަރ ކޯހުން އެމަނިކުފާނު އޮނަރ ގްރެޖުއޭޓްގެ ދަރަޖަ ހޯއްދަވާފައިވާއިރު، މާސްޓާރސް އޮފް ފިލޯސަފީ އަށް ހުށަހެޅުއްވި ތީސީސްއަށް އެކްސެލެންޓް އެންޑް އައުޓް ސްޓޭންޑިންގެ ދަރަޖަ ލިބިލައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.


ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތައް އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި، 10 މެޑެއްޔާއި 8 ކުލަ ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ލިބިވަޑައިގެންނެވި ޝަރަފުގެ މެޑެލްތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ހުރަވީ ރަން މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް އަދި 17 ވަނަ ސާރކް ސަމިޓް މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަދި، އަޚްލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައިވެއެވެ.


ރިޓަޔަރ ކުރެއްވުން އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއަކީ، 1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިއެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު - 2021 ވަނަ އަހަރު (11 ނޮވެންބަރު 2021) ގައި ހާސިލުކުރައްވާފައެވެ.