ބޯރީނދޫ ބިބީ(ސައިންޓިފިކް ނަން: Chaetodon xanthocephalus)ނުވަތަ (އިނގިރޭސި ބަހުން: Yellowhead butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ ބިބީ އެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މަހުގެ ކުލަވަރު ރީތިކަމުންނާއި އުޅުމުގެ ސާދާ ކަމުން ކަނޑުފީނައި އުޅޭ މީހުން މިމަސް ދުށުމަށް އެދެއެވެ. އާންމުކޮށް މިވައްތަރުގެ ބިބީ ފަރުފަޅުގެ ބޭރުގައި އުޅެނީ އެކަހެރިކޮށެވެ. ބައެއް ފަހަރު ޖޯޑްޖޯޑަށް ވެސް އުޅެއެވެ.

ބޯރީނދޫ ބިބީ

މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާފައި ނެތުމާއެކު، ބޯރީނދޫ ބިބީ ކިޔާފައިވަނީ މަހުގެ ސައިންޓިފިކް ނަމާއި ޢިލްމީ ނަމާއި ގުޅޭގޮތުން، އަދި މަހުގައި އެސިފައެއް ވަރަށް ފާޅުކޮށް ފެންނަން ހުރުމާއެކުގައެވެ. މިބިބީ ގިނައިން އުޅެނީ 25-5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ޓޭންކްތަކުގައްޔާއި، ފެންގަނޑުގައި ގެންގުޅެވިދާނެ މަހެކެވެ. ނަމަވެސް ޓޭންކް ނުވަތަ ފެންގަނޑަށް ހޭނުމުގެ ކުރިން ބައެއް އުދަގޫތަކާއި ކުރިމަތިލާން ޖެހުމަކީ ވެދާނެ ކަމެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 ހަރުކަށި ބައެއް ފަހަރު 13 ހަރުކަށި އަދި 21 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި މަޑުކަށީގެ 15 ކަށި ހުރެއެވެ. މަހުގެ ދެއަރިމަތީގެ ކުލައަކީ ހުދު އަޅި ކުލައެވެ. މަހުގެ އަރިމަތީގައި ލެބިފައި ހުންނަ 5 ވަރަކަށް ރޮނގު ފާޅުކޮށް ފެންނަން ހުރެއެެވެ. މަހުގެ ތުންކޮޅާއި ބޮލުގެ ތިރީބައި، ކަރުތާފަތާ ދިމާ ތިރީގައި ހުންނަ ކޮތަރިބައި އަދި މަހުގެ ބުރަކަށިމަތީ ކޮތަރިބައި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ ރީނދޫ ކުލައެވެ.