ބެރެބެދި ދަންބޮޑު
ބެރެބެދި ދަންބޮޑު(ސައިންޓިފިކް ނަން: Myripristis murdjan)ނުވަތަ (އިނގިރޭސި ބަހުން: Pinecone soldierfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުން 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުން ފެންނަ ދަންބޮޑެކެވެ. މިމަސް އެންމެ ބޮޑުވަނީ 27 ސެންޓި މީޓަރަށެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ގިނައިން އުޅެނީ ގަލުގެ ހޮހަޅަތަކާއި އެނޫންވެސް ގާތަކުގެ ތެރޭގައެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުތަކުގައި ބައިބަޔަށް ބޭރުމައްޗަށް ނިކުމެއުޅެއެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން އުޅޭ ދަންބޮޑުގެ އެއް ބާވަތެކެވެ. މިއީ ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. އަދި ކޮށިފައްތައިގެން ކުރާ މަސްވެރިކަމުގައިވެސް މިމަސް ހިފޭކަމަށް ވެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުން ނުކުރި ކަމުގައި ވިޔަސް ކެއުމަށް ރަގަޅު މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ މުށިކުލައިގައެވެ. މަހުގެ ކަރުތާފަތުގެ ކައިރިފަށާއި، ކަންފަތުގެ ބުޑުދަށް ހުންނަނީ ގަދަމުށި ކުލައެއްގައެވެ. މަހުގެ ނިގޫފަތުގެ މަތީކައިރިއާއި ތިރީކައިރި ހުންނަނީ ހުދުކުލައިގައެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަކީ ބެރެބެދި މަލުގެ ކުލަޔާއި އެއްފަދަ ރަތްކުލައެއްގައި ހުންނަ މަހެން ކަމުން ބެރެބެދި ދަންބޮޑު ކިޔާ ނަންދީފައިވަނީ އެވެ.