ބެރެބެދި ރައިވެރިމަސް
ބެރެބެދި ރައިވެރިމަސް(ސައިންޓިފިކް ނަން: Sargocentron tiereoides)ނުވަތަ (އިނގިރޭސި ބަހުން: Pink squirrelfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ހުންނަ މުރަކަތަކުގެ ކައިރީގައި އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ކުރާ ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ ކެއުމަށް ބޭނުންކުރެވިދާނެ މަހެކެވެ. މިބާވަތުގެ މަސް ރާއްޖެއިން މިހާތަނަށް ރިކޯޑްކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. ވީމާ މިއީ ރާއްޖޭގައި މަދުން އުޅޭ ބާވަތެއްކަމަށް ބެލިދާނެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 12 އާއި 14 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 14 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 4 ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 16.5 ސެންޓި މީޓަރަށެވެ.
މަހުގެ ކުލައަކީ ރަތްކުލައާއި ރިހިކުލަ ގުޅިގެން ފެންނަ ރަތްކުލަ އެކެވެ. މަހުގެ ދެއަރިމަތީގައި ގަދަ ރަތްކުލައިގެ (ބެރެބެދި ކުލައިގެ) ރޮނގުތަކެއް މަހުގެ ދިގަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްކުލައެއްގައެވެ. އަދި މިކޮތަރިބައިގެ ކޮޅު ހުންނަނީ ހުދުކުލައެއްގައެވެ. މިބާވަތުގެ ރައިވެރިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ދިވެހިން ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި އެންމެ ފާޅުކޮށް ފެންނަ ކުލައަށް ވިސްނާ މިމަހަށް ބެރެބެދި ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.