ޕްރޮސްޓޭޓް އާދަޔާ ޚިލާފަށް ބޮޑުވުން

ބިނައިން ޕްރޮސްޓޭޓިކް ހައިޕާރޕްލޭސިއާ(އިނގިރޭސި ބަހުން: benign prostatic hyperplasia) އަކީ ޢުމުރުން ދުވސްވުމުގެ ސަބަބުން ފިރިހެނުންނަށް ދިމާވާ އެންމެ އުނދަގޫ އެއް މައްސަލަ އެވެ. މިއީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ސައިޒުން ބޮޑުވުމުގެ މައްސަލައެވެ.ޕްރޮސްޓޭޓް ގްލޭންޑަކީ ޢުމުރުގެ ދެ ދުވަސްވަރެއްގައި އޭގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އަންނަ ގުނަވަނެކެވެ. އެގޮތުން އެންމެ ފުރަތަމަ ބާލިޣުވާ އުމުރަށް އެޅޭ އިރު ޕްރޮސްޓޭޓް ގްލޭންޑް ގެ ސައިޒު ދެގުނައަށް ބޮޑުވެއެވެ. ދެން ޢުމުރުން 25 އަހަރުގަ އަނެއްކާވެސް ޕްރޮސްޓޭޓް ގްލޭންޑް ގެ ސައިޒު ބޮޑުވާން ފަށައެވެ. ނަމަވެސް މި ގްލޭންޑް ބޮޑުވުމުން ކުރިމަތިވާ އުނދަގޫތައް ދިމާވަނީ ޢުމުރުން 40 އަހަރު ވުމަށްފަހުގައެވެ. ދިރާސާތައް ދައްކާގޮތުން އެމެރިކާގައި ޢުމުރުން 60 ގެ އަހަރުތަކުގެ ފިރިހެނުންގެ 50 އިން ސައްތަ މީހުން “ބިނައިން ޕްރޮސްޓޭޓިކް ހައިޕާރޕްލޭސިއާ” ނުވަތަ ބީ.ޕީ.އެޗް އަށް ފަރުވާ ހޯދައެވެ. އަދި 70 އާއި 80 ގެ އަހަރުތަކުގެ ފިރިހެނުންގެ 90 އިން ސައތަ މީހުންނަށް މިމައްސަލަ ކުރިމަތިވާ ކަމަށް ހަމަ މިދިރާސާތަކުން ދައްކައެވެ.

ޕްރޮސްޓޭޓް އަކީ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި މުހިންމު ރޯލެއް ކުޅޭ ކުޑަ ކުޑަ ގުނަވަނެކެވެ. މީގެ ސައިޒުގައި ގާތްގަނޑަކަށް ހުންނަނީ ވޯލްނަޓް ބަދަންފުކެއްގެ ބޮޑުމިނެވެ. މަސާނާގެ ދަށުގައި ޕްރޮސްޓޭޓް ގްލޭންޑް އުފެދިފައިވީ ނަމަވެސް ސައިޒުން ކުޑަވުމުގެ ސަބަބުން މަސާނާގެ މަސައްކަތަށް އެއްވެސް ބުރުލެއް ނެތި ކުރިއަށް ދެއެވެ. ނަމަވެސް މަސާނާއިން ބޭރުކޮށްލަން ބޭނުންވާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލާ ކުޑަކަމުދާ ހޮޅިގެ ވަށައިގެން ޕްރޮސްޓޭޓް ގްލޭންޑް އުފެދިފައިވުމުގެ ސަބަބުން ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމުގެ އުނދަގޫ އިންތިހާއަށް ބޮޑުވެގެން ދެއެވެ.

ކުރިމަތިވާ އުދަނގޫތައް

އުނިއިތުރު ގެންނަވާ

ޕްރޮސްޓޭޓް ގްލޭންޑް ވަކިވަރަކަށް ބޮޑުވުމުން އޭގެ ވަށައިގެނވާ ޓިޝޫތައް ބާރުވެ ދެމުން ހުއްޓެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިގްލޭންޑް އެއެއްޗެއްގެ ވަށައިގެން އުފެދިފައިވާ ކުޑަކަމުދާ ހޮޅި ނުވަތަ ކުޑަކަމު ދާ އެއްޗެތި ގުރުދާ މެދުވެރިކޮށް ހަށިގަނޑުން ބޭރަށް ފޮނުވައިދޭ ހޮޅި ފިތި ބަންދުވާގޮތް މެދުވެރިވެއެވެ.

ބީ.ޕީ.އެޗް ގެ ސަބަބުން ދިމާވާ އަނެއް މައްސަލައަކީ ހިފެހެއްޓުމެއްނެތި ގިނަ ގިނައިން ކުޑަކަމުދާން ޖެހުމެވެ. މިހެން ދިމާވަނީ ޕްރޮސްޓޭޓް ދުޅަވެ ކުޑަކަމުދާ ހޮޅި ހިމަވުމުގެ ސަބަބުން މަސާނާ ހުސްކުރުމަށްޓަކައި އަބަދުމެ ކަހަލަ ގޮތަކަށް މަސާނާ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އޭގެ އިލާސްޓިސިޓީ ދަށްވެ، ކުޑަކަމުދާ އެއްޗެތި މަސާނާ ގައި ނުހިފެހެއްޓުމުގެ ސަބަބުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަބަދުމެ ކަހަލަ ގޮތަކަށް ކުޑަކަމުދާން ބޭނުން ވުމާއި، އެއްފަހަރާ ރަނގަޅަށް މަސާނާ ހުސްނުކުރެވުން ފަދަ އުނދަގޫތައް ދިމާވެއެވެ. އަދި ރޭނގަޑުގެ އަރާމު ނިދިން މީހާ މަޙްރޫމްވެ އަބަދު ވަރުބަލިކަމެއްގެ ތެރޭގައި އުޅެންޖެހޭގޮތް މެދުވެރިވެއެވެ. ޢުމުރުން 40 އަހަރުން މަތީގެ ފިރިހިނުންގެ ތެރެއިން ކޮންމެ 25 މީހުންގެ ތެރެއިން އެކަކަށް ބީ.ޕީ.އެޗް ގެ މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު އޮންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ ސަބަބު އަދިވަނީ ކަށަވަރު ނުކުރެވިއެވެ. ނަމަވެސް ޔަޤީންވަ ކަމަކީ ޢުމުރުން ދުވަސްވުމާއި ޕްރޮސްޓޭޓް ބޮޑުވުމާއި ގުޅިލާމެހިފައިވާކަމެވެ. ބައެއް ސައެންސްވެރިން ހާމަ ކުރާގޮތުގައި ފިރިހެނުންނގެ ޢުމުރުގެ ފަހުބައިގައި ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ ސަބަބަކީ އީސްޓްރެޖަން އޭ ކިޔާ ހޯމޯން އެއް ގިނަވުމެވެ.

ހެދިދާނެ ޓެސްޓްތައް

އުނިއިތުރު ގެންނަވާ

ބީ.ޕީ.އެޗް ދެނެގަތުމަށްޓަކައި ހެދިދާނެ ޓެސްޓްތަކުގެ ތެރޭގައި ހިމެނެނީ “ޑިޖިޓަލް ރެކްޓަލް އެގްޒަމިނޭޟަން” އާއި ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖެން (ޕީ.އެސް.އޭ) (ލޭގެ ޓެސްޓެއް) އާއި އަލްޓްރާ ސައުންޑް ސްކޭން އެވެ. މީގެ އިތުރުން “ޔޫރިން ފްލޯ ސްޓަޑީ” ޓެސްޓަކީ ވެސް ބީ.ޕީ.އެޗް ދެނެގަތުމަށްޓަކައި ހެދިދާނެ ޓެސްޓެކެވެ.

ބީ.ޕީ.އެޗް ގެ އުނދަގޫތަކަށް ފަރުވާ ކުރުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ. ނަމަވެސް ފަރުވާ ފެށުމުގައި އުނދަގޫ ވާ މިންވަރަށް ބަލާ ފެށުން އަވަސް ކޮށް ލަސްކޮށް ހެދިދާނެއެވެ. މިބަލީގެ ޢަލާމާތްތައް ފެންނަ ނިސްބަތަކުން ބަލީގެ ފަރުވާ އަވަސް ލަސް ކުރުމުގެ މިންގަނޑެއް ކަނޑައެޅިދާނެއެވެ.

ބީ.ޕީ.އެޗް ގެ އެންމެ ރަނގަޅު ފަރުވާއެއްކަމަށް މިހާތަނަށް ހޯދިފައިވަނީ ބޭސް ބޭނުން ކޮށްގެން ޕްރޮސްޓޭޓް ދުޅަވުން ހުއްޓުވުމާއި ދުޅަވެފައި ހުރި މިންވަރު ރަނގަޅުކުރުމަށް ބޭސް ބޭނުން ކުރުމެވެ. މިކަމަށްޓަކައި ވަރަށް ރަނގަޅު އެކަށިގެންވާ ބޭސްތަކެއް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ލިބެން ހުރި ކަމީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ނޫނީ ނުވާނެއެވެ. އެންމެ މުހިންމުކަމަކީ ބަލީގެ ޢަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާ ޑޮކްޓަރުގެ ލަފާގެ މަތިން ކަންތައްތައް ކުރުމެވެ. ޢާންމު ގޮތެއްގައި މިބަލީގެ ޢަލާމާތްތަށް ފެންނަ ނިސްބަތަކަށް ބެއްލެވުމަށްފަހު 6 މަސް ދުވަހުގެ ބޭސް ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ދިގުމުއްދަތަކަށް ބޭސް ކާން ޖެހެނީ ދުޅަވެފައިވާ ޕްރޮސްޓޭޓް ގްލޭންޑުގެ ދުޅަ ރަނގަޅުވެ އޭގެ އަސްލު ސައިޒަށް ގެނައުމަށްޓަކައި ގިނަދުވަސް ބޭނުންވާތީވެއެވެ. އަދި މަސާނާ އަށް ލިބިފައި ހުރެދާނެ ގެއްލުމަކަށް ފަރުވާ ދިނުމުގެވެސް ބޭނުމުގައެވެ.