ބާފޮތި ފާނަ (ސައިންޓިފިކް ނަން: Epinephelus multinotatus)ނުވަތަ (އިނގިރޭސި ބަހުން: White-blotched grouper) އަކީ ރާއްޖޭގެ ފަރުފަޅާއި، ހާހަލާއި، ތިލަތިލައިގައި ދިރިއުޅޭ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ފައްތައިގެން ދުވާލުކުރާ ކެޔޮޅު ކަމުގައެވެ. ކޮށި ފައްތައިގެން ކުރާ މަސްވެރިކަމުގައި ވެސް ހިފެއެވެ. މިއީ ގާތްގަނޑަކަށް 1 މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ އެއްވަރަކަށް ރާޅުކޮށެވެ. ބާފޮތި ފާނަ 2 މީޓަރުން ފެށިގެން 90 މީޓަރުގެ ފުންމިނުގައި އުޅެއެވެ.

ބާފޮތި ފާނަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 މަޑުކަށި ހުރެއެވެ.

ބާފޮތި ފާނައިގެ ޅަމަހުގެ ނިގޫކޮޅު ހުންނަނީ ވަށްކޮށެވެ. ބޮޑެތި މަހުގައި އެއް ވަރަކަށް ކަނޑާލެވިފައެވެ. މަހުގެ ކުލައަކީ އަޅިމުށި ކުލައެވެ. ބުރަކަށިމަތީގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މަސް މަރުވުމުން މުޅި މަސް ގަދަ އަޅިކުލައަކަށް ބަދަލުވެ ހަސްނެތި ބާވެފައިވާ ފޮތިގަނޑެއްގެ ކުލައަށް ބަދަލުވެއެވެ.