ބަޞަރާ ( އިރާގު )
ބަޞަރާ އޮންނަނީ އިރާގުގައި ވެރިރަށް ބަޣުދާދު އާއި 300މޭލު ދުރުމިނުގައި ފުރާތު ކޯރާއި، ދިޖުލާ ކޯރުގެ އައްސޭރި އަށް ވާގޮތަށެވެ.
- ބަޞަރާ ބިނާކުރެއްވީ އުމަރުގެ ފާނުގެ އަމުރުފުޅަށް ހިޖުރައިން 16ވަނަ އަހަރުގައި ޢުތުބާ ބިން ޣަޒުވާން އެވެ.
- ޢުމަރުގެ ފާނުގެ ޚިލާފަތުގައި ޢުތުބާ ބިން ޣަޒުވާން އަވަހާރަވުމުން ދެން ވެރިކަމަށް އިސްކުރެއްވީ އަލްމުޣީރާ ބިން ޝުޢުބާ އެވެ. އެއަށް މުޣީރާ ވެރިކަމުން ދުރުކޮށް އަބޫ މޫސާ އަލްއަޝްޢަރީ ވެރިކަމަށް އިސްކުރެއްވިއެވެ.
- ޢުޘްމާނުގެ ފާނުގެ ޚިލާފަތުގައި އަބޫ މޫސާ އަލްއަޝްޢަރީ ބަޞަރާގެ ވެރިކަމުން ދުރުކޮށް އެމަގާމަށް އުޘްމާނުގެ ފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ޢަބުދުﷲ ބިން ޢާމިރު އިސްކުރެއްވިއެވެ.
- އުމަވީ ދައުލަތުގެ ދުވަސްވަރުގައި ވެސް ބަޞަރާއަށް ޚާއްސަ އަހައްމިއްޔަތެއް އެކި ޚަލީފާއިން ދެއްވާފައި ވެއެވެ. އެއީ ބަޞަރާ އޮންނަ ތަނުގެ ގޮތުންނެވެ.
- ޢައްބާސީ ދައުލަތުގެ ދުވަސްވަރު ވިޔަފާރީގެ މުހިއްމު މަރުކަޒެއްގެ ގޮތުގައި ބަޞަރާ ވިއެވެ.
- ބަޞަރާގެ ތާރީޚުގައި އެކި ދުވަސްވަރު ބަޞަރާއަށް އިންގިލާބުތައް ގެނެވިފައިވެއެވެ. މިގޮތުން ހިޖުރައިން 257ވަނަ އަހަރު ގެނެވުނު ޒަންޖު އިންގިލާބު އާއި، ހިޖުރައިން 311ވަނަ އަހަރު ޤަރާމިޠާ އިން ބަޞަރާއަށް ދިން ހަމަލަ ފާހަގަކޮށްލެވެއެވެ.
- ހިޖުރައިން 656ވަނަ އަހަރު މުޣޫލު ބަޞަރާއަށް ހަމަލާދީ އިމާރާތްތައް ހަލާކުކޮށް އަންދާލި އެވެ.
- ހިޖުރައިން 941 ވަނަ އަހަރު ތުރުކީންގެ އަތްދަށަށް ބަޞަރާ ދިޔައެވެ. އެއަށް ފަހު ހިޖުރައިން 1190ވަނަ އަހަރު ފާރިސީންގެ އަތްދަށަށް ބަޞަރާ ދިޔައެވެ.
- ހިޖުރައިން 1193 ވަނަ އަހަރު ފާރިސީން ބަޞަރާއިން ބޭރުކޮށްލެވުނެވެ. އެއަށް ފަހު ފުރަތަމަ ބޮޑު ހަގުރާމައާއި ޖެހެންދެން ބަޞަރާ އޮތީ ތުރުކީންގެ ބާރުގެ ދަށުގައެވެ.
- ފުރަތަމަ ބޮޑުހަގުރާމައިގެ ކުރީކޮޅު ބަޞަރާއަށް އިގިރޭސީން ވެރިވިއެވެ. ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު ހަގުރާމައިގެ ބޭސްއެއްގެ ގޮތުގައި ބަޞަރާ ބޭނުންކުރެވުނެވެ. ރޫސީވިލާތަށް ޕެޓްރޯލް އެދުވަސްވަރު ފޮނުވުނީ ބަޞަރާ އިންނެވެ.
- ބަޞަރާގައި ވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ހިޖުރައިން 16ވަނަ އަހަރު ބިނާކުރެވުނު މަސްޖިދު އަބޫ މޫސާ އަލްއަޝްޢަރީ އާއި ، ބަޞަރާގައިވާ އެންމެ ބޮޑުމިސްކިތް ޖާމިޢުލް މަޤާމު ފާހަގަކުރެވެއެވެ.