ރެހި(ސައިންޓިފިކް ނަން: Spratelloides gracilis)ނުވަތަ (އިނގިރޭސި ބަހުން: Silver sprat) އަކީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ބާވަތެކެވެ. ރާއްޖޭގެ ވަރަށް ގިނަ ފަރުފަރާއި ފަޅުފަޅަށް ރެހި އަރައެވެ. ރެއްސަކީ ފަސޭހައިން ދެމޭ ތިލައިގައި އުޅޭ އެން މަހެކެވެ. ރާއްޖެ ތެރޭގައި ރެހި ކައްކާ ހިއްކައިގެން ކެއުމަށް ބޭނުންކުރެެއެވެ. ރެއްސަކީ އެންވެރިކަމުގައި ގިނައިން ހިފަން ޖެހޭ ބާވަތެކެވެ. މިއީ އެކި މޫސުމަށް އެކި މިންވަރަށް އަރާ މަހެކެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި މިއެން ގިނައިން އަރާއުޅެނީ ހުޅަނގު މޫސުމުގައެވެ. ހަމައެއާއެކު ހުޅުބިތަށް އަރާއުޅެނީ އިރުވައި މޫސުމުގައެވެ. ރެހި އެންމެ ބޮޑުވަނީ 9.5 ސމ އަށެވެ.

ރެހި

ރެއްސަކީ ހިމަދިގުކޮށް ރިހިރެދަން ކުލައިގައި ހުންނަ ކުދިމަހެވެ. ނަމަވެސް މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. މަހުގެ އަރިމަތީގައި ފުޅާކޮށް ދިގަށް ރިހި ކުލައިގެ ދަޅައަޅާ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑު މަހުގެ ތުނބުން ފެށިގެން ލޮލުގެ ފަހަތުކައިރިއަށް ހުންނަ ދިގުމިނަށްވުރެ ކުރެވެ. ހުޅުނބުތައް އޭގެ މަހުގެ ނިސްބަތުން ބޮޑެތިވެފައި އަދި ތުންޏެވެ. މަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ.