ރަން ފާނަ (ސައިންޓިފިކް ނަން: Cephalopholis aurantia)ނުވަތަ (އިނގިރޭސި ބަހުން: Golden hind)އަކީ ރާއްޖޭގެ މަސްވެރިން ފައްތައިގެން ރޭގަނޑު ކުރާ ކެޔޮޅުކަމުގައި ވަރަށް މަދުން ބޭނޭ މަހެކެވެ. މިއީ އެހެނިހެން ފާނަތަކާއި ޚިލާފަށް އަޑީގައި އުޅޭ މަހެއްކަމުން ފީނުންތެރިންނަށް ފެނިފައި ވަރަށް ނުހުރެއެވެ. މިމަސް ގިނައިން އުޅެނީ 50 މީޓަރާއި 100 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަހަށް ރަން ފާނަ ކިޔާފައިވަނީ މަހުގެ ކުލަވަރަށް ބަލާ، މަހަށް ކިޔާ އިގިރޭސި ނަމާއި، ސައިންޓިފިކް ނަމާއި ގުޅޭގޮތުންނެވެ. މަހުގެ ކަރުތާފަތްގަނޑުގެ ކުރީބަޔާއި ފަހުބަޔާއި ދެމެދުގައި ކުދިކަށިތަކެއް ހުރެއެވެ. މިއީ ގާތްގަނޑަކަށް 60 ސމ ބޮޑުވާ މަހެކެވެ.

ރަން ފާނަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، މަޑުކަށީގެ 15 ނުވަތަ 19 ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 9 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި މަޑުކަށީގެ 17 ނުވަތަ 18 ކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

ރަން ފާނައިގެ ކުލައަކީ ރަން ކުލަ އެވެ. މަހުގެ ބޮލާއި ހަށިގަނޑުގައި ނާރިނގު ނުވަތަ އޮރެންޖް ކުލައަކަށްދާ ރީނދޫ ކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ނޫކުލައިގެ ހިމަ ކައިރިފަށެއް ހުރެއެވެ. އަދި މިކައިރިފަށާއި ގުޅިގެން ކަޅުކުލައިގެ ހިމަ ރޮނގެއް ހުރެއެވެ.