ނޫރޮނގު ވެނު ބަނޑޭރި(ސައިންޓިފިކް ނަން: Doryrhamphus excisus)ނުވަތަ (އިނގިރޭސި ބަހުން: Bluestripe Pipefish) އަކީ ހިމަކޮށް ދިގުކޮށް ހުންނަ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 8 ސމ އަށެވެ. މިބާވަތުގެ ވެނު ބަނޑޭރި އުޅެނީ ފަރުގައި އުފެދިފައި ހުންނަ ހޮހަޅަތަކާއި ހޮރުތަކުގައެވެ. އެހެންކަމުން މޫދަށްއެރި އުޅޭމީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މަހުގެ ބުރަކަށިމަތީގައި 21 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިއީވެސް ވެނު ބަނޑޭރި ގެ އެހެން ވައްތަރުތަކެކޭ އެއްގޮތަށް މާބާރަށް މޫދުތެރޭގައި ދުވެއުޅޭ މަހެއް ނޫނެވެ. މަހުގެ ނިގޫފަތް ހުންނަނީ ފަންކަލެއްގެ ސިފައިގައެވެ.

ނޫރޮނގު ވެނު ބަނޑޭރި

މަހުގެ ކުލައަކީ ރަތް އޮރެންޖް ކުލައެކެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް ނިގޫފަތާ ހަމައަށް ނޫކުލައިގެ ފުޅާ ރޮނގެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މިމަހަށް ނަންދެވިފައިވަނީ މަހުގައި އެކުލެވޭ މިޚާއްޞަ ސިފައަށް ވިސްނައިގެންނެވެ. ވެނު ބަނޑޭރި ގެ ބާވަތްތަކަކީ ރާއްޖޭގައި ހިފައިއުޅޭ އަދި އަދި ކެއުމަށް ވެސް ބޭނުންކޮށް އުޅޭ ބާވަތްތަކެއް ނޫނެވެ.