ނޫހުގެފާނަކީ މުސްލިމުންގެ ގާތުގައި އެއްމެ ފުރަތަމަ ރަސޫލާއެވެ. އަދި އެއީ އިންސާނީ ނައުޢުގެ ދެވަނަ ބައްޕާފުޅެވެ. ބިންމަތިން ފަސާދަ ނައްތާލައްވާ، މީސްތަކުންނަށް އިޞްލާޙުގެމަގަށް ގޮވައިލެއްވުމަށް ﷲ ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުންކުރެ، ނޫޙް ޢަލައިހިއްސަލާމް ހިމެނެނީ، އެންމެ ކެތްތެރި، އެންމެ ޢަޒުމްވަރުގަދަ 5 ރަސޫލުންގެ ތެރެއިންނެވެ. ނޫޙްގެފާނު އެކަލޭގެފާނުގެ ރިސާަތާއިގެން ނުކުމެވަޑައިގެން، ޤައުމުގެ މީސްތަކުންނަށް ﷲގެ އެއްކައުވަންތަކަމަށް ގޮވާލައްވައި، ބުދަށް އަޅުކަންކުރުން ނަހީކުރައްވަން ފެށްޓެވުމުން އޭގެ ރައްދުގައި ޤައުމުގެ މީހުން އެކަލޭގެފާނަށް ކެނޑިނޭޅި މަލާމާތާއި ދުއްތުރާ ކުރަމުން ދިޔައީއެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަތައް އަޑުނާހަންވެގެން އެމީހުން ތިބެނީ ފޭރާންތައް ބޮލުގައިއަޅާ، މޫނާއި ކަންފަތް ނިވައިކޮށްގެންނެވެ.


ފޫހިފުޅުވުމެއްނެތި، ﷲގެ ރިސާލަތަށް މީސްތަކުންނަށް ދަޢުވަތުދެއްވުމުގައި 950 އަހަރުގެ ދިގު ޢުމުރުފުޅެއް ނޫޙުގެފާނު ހޭދަކުރެއްވިއިރުވެސް ޤައުމުގެ މީހުންގެތެރެއިން އީމާންވީ މަދުބަޔެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންވެސް ހިމެނުނީ އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، ﷲއަށް އުރެދުނު ޖަމާޢަތުގެ ތެރެއިންނެވެ. މިހިސާބުން، ﷲގެ ޙަޟްރަތުގައި ނަޞްރަށް އެދިވަޑައިގެން ނޫޙްގެފާނު ދުޢާކުރައްވައެވެ. ނޫޙްގެފާނުގެ ދުޢާ ﷲގެ ޙަޟްރަތުގައި މަޤްބޫލުވެގެންވިއެވެ. ﷲގެ އަމުރުފުޅަށް ނޫޙްގެފާނު ނަވެއް ބެންނެވިއެވެ. އެނަވަށް އެކަލޭގެފާނާއި އަދި ﷲއަށް އީމާންވީ މީސްތަކުންނާއިގެން އަރާވަޑައިގަތެވެ. އެއްގަމުގައި ބޮޑު ނަވެއް ބަންނަވައިގެން، އެކަލޭގެފާނަށް ތަބާވީ ނިކަމެތީންކޮޅާއިގެން، އެނަވަށް އަރާވަޑައިގަތީތީ ޤައުމުގެ މީހުން މަލާމާތްކޮށްކޮށް ތިއްބާ، އަޑިންނާއި މަތީން ސައިލުދެމިގެންއައި ފެނުގެ ޠޫފާން އެއެންމެން ވަށާލިއެވެ. އަދި ސަލާމަތްވެވޭނެމަގެއްނެތި ފެނުގެތެރެއަށް އެންމެން ޣަރަޤުވެގެން ދިޔައެވެ.


ނޫޙްގެފާނުގެ ނައުކޮޅު ނިޔާމަކަމާއިއެކު ފެނުގެ ތެރޭގައި ދުރުރާސްތާއަކަށް ދަތުރުކުރުމަށްފަހު، ޠޫފާންގެ އަސަރުތައް މަޑުވުމާއިއެކު، ޖޫދީ ފަރުބަދައިގެ މަތީގައި ބީހުނެވެ. މަތީގައިއެވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ޖޫދީ ފަރުބަދައިގެމަތީ، ނޫޙްގެފާނުގެ ނައުކޮޅު ބީހުނުކަމަށް ބުނާ ނިޝާނެވެ.


މި ބިރުވެރި ޠޫފާނުގެ ނުރައްކަލުން ނައުކޮޅުގައިތިބި މީސްތަކުން ނަޖާކުރައްވާ، އެމީހުންގެ ދަރިފަސްކޮޅު ދަންމަވައި، ﷲއަށް އަޅުކަންކުރާނެ ތަޤްވާވެރި ޖީލުތަކެއް އެކަލާނގެ އުފަންކުރެއްވިއެވެ.

ރިފަރެންސް އުނިއިތުރު ގެންނަވާ