ނާރިނގު ފާނަ(ސައިންޓިފިކް ނަން: Cephalopholis spiloparaea)ނުވަތަ (އިނގިރޭސި ބަހުން: Leopard hind) އަކީ ވަރަށް އިސްކޮޅުން ކުޑަ ފާނަ އެކެވެ. 40 މީޓަރަށްވުރެ ފުންހިސާބުތަކުގައި ދިރިއުޅޭ މަހެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުނުގައި މިބާވަތުގެ މަސް ގިނަ އަދަދަކަށް އުޅެއެވެ. މަހުގެ ކުޑަކަމާއި އުޅޭލެން ފުންކަމުން މިއީ ދިވެހިން ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ވަރަށް ނުބޭނޭ މަހެކެވެ.

ނާރިނގު ފާނަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއި، 15 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 17 މަޑުކަށި ހުރެއެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ.

މަހުގެ ކުލައަކީ ނާރިނގު ކުލައެވެ. ނިގޫ ފަތުގެ ފަހަތުބައިގައި ހުރަހަށް ހުދު ނޫކުލައިގެ ހިމަ ރޮނގެއް ހުރެއެވެ. މަހުގައި ހުދު ކުލައިގެ ލައްތަކެއް ވަރަށް ފަނޑުކޮށް ހުރެއެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔާއުޅޭ ކަމަށް ރިކޯޑްކުރެވިފައި ނެތުމާއެކު، މަހުގެ ކުލައަށް ވިސްނާ މިމަހަށް ނާރިނގު ފާނަ ކިޔާ ނަންދީފައި ވަނީ އެވެ.