ނަޖީބު މަޙްފޫޒަކީ 1988 ވަނަ އަހަރު އަދަބީ ރޮގުން ނޮބެލްގެ އިނާމް ޙާޞިލްކޮށްފައިވާ މިޞްރުގެ ލިޔުންތެރި އެކެވެ. ނަޖީބު މަޙްފޫޒަކީ މިރޮގުގައި ފަޚްރުވެރި ނޮބެލް އިނާމް ޙާޞިލްކުރި ފުރަތަމަ މުސްލިމް ލިޔުންތެރިޔާ އެވެ. 1988 ވަނަ އަހަރު ފަހުކޮޅު ނިކުމެފައިވާ އަރަބި ނޫސްތައް ބުނާގޮތުގައި ނަޖީބު މަޙްފޫޒް އަށް ނޮބެލްގެ އިނާމް ލިބުމަކީ ޢަރަބިންނާއި މުސްލިމުންނަށް ލިބުނު ނަޞްރެކެވެ. ނަޖީބު މަޙްފޫޒް އަކީ ނޮބެލް އިނާމް ޙާޞިލްކުރި މިޞްރަށް އުފަން ދެވަނަ ފަރާތެވެ. ފުރަތަމަ ފަރާތަކީ ނޮބެލް ޞުލްހައިގެ އިނާމް ޙާޞިލްކޮށްފައިވާ މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު އަންވަރު ސާދާތު އެވެ.

ނަޖީބު މަޙްފޫޒް ގެ ކަންޒަކީ މިޞްރުގެ ވެރިރަށް ގާހިރާ އެވެ. އޭނާ ގާހިރާގެ ދޮރޯށިތައް ހުޅުއްވާ އެރަށުގެ ގޯޅިތަކާ އަވަށްތައް ފަހަނައަޅުއްވާ ވަޑައިގެން، އެރަށުގެ ބިންގަރާސްތަކާއި މަގްބަރާ ތަކަށް ވަދެވަޑައިގެންފައި ވެއެވެ. ނަޖީބު މަޙްފޫޒްގެ އަރިހުގައި ޤާހިރާ އަކީ ޗާރލްސް ޑިކެންސް ގެ އަރިހުގައި ލަންޑަން އެވެ. ޓޮލްސްޓޮއިގެ އަރިހުގައި މޮސްކޯ އެވެ. އަލްބާރޓޯ މޮރާވިޔާގެ އަރިހުގައި ރޯމް އެވެ. ބަލްކަސްގެ އަރިހުގައި ޕެރިސް ފަދަ އެވެ.

ނަޖީބު މަޙްފޫޒް ގެ ވާހަކަ ފޮތްތަކުން 12 ފޮތް އިގިރޭސި ބަހަށް ތަރުޖަމާ ކުރެވިފައި ވެއެވެ. އަދި އޭނާގެ ބައެއް ފޮތްތައް ފަރަންސޭސި ބަހަށްވެސް ތަރުޖަމާ ކުރެވިފައި ވެއެވެ. ނަޖީބުގެ ބައެއް ފޮތްތަކުގެ ނަންތައް ތިރީގައި މިވަނީ އެވެ.

  • ޘުލާޘިއްޔާތުލް ޤާހިރާ
  • މީރާމާރު
  • ޘަރުޘަރާ ފައުގަ އައްނީލް
  • އައްލިއްޞު ވަލްކަލްބު
  • ޒިޤަޤުލް މިދައްޤު
  • ޙިކާޔާތު ޙާރަތިނާ
  • ބައިނަލް ޤަޞްރައިނި
  • ޤަޞްރުއް ޝައުގު