ހުދު އައްޓަމަސް
ހުދު އައްޓަމަސް އަކީ ރާއްޖޭގެ ބޭރުކަނޑުތަކުގައި އުޅޭ އައްޓަމަސް ގެ ބާވަތެކެވެ. މިބާވަތުގެ އައްޓަމަސް ވަރަށް މަދުން އެތެރެވަރިއަށާއި އަތޮޅުގެ ކައިރިއަށް އައިސްއުޅެއެވެ. މިބާވަތް ފުރަތަމަ ރާއްޖޭގައި ރިކޯޑް ކުރެވިފައިވަނީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިފުނު އެންމަޑިއަކުންނެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. އަދި މިމަސް ބޭނުމަށް ނުވަތަ ހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ވެސް ނުކުރެއެވެ. މިބާވަތުގެ އައްޓަމަސް އުޅެނީ ކަނޑުގައި އުޅޭ ބޮޑެތި މަސްމަހާއެކު އޭގެ ނިވަލުގައެވެ. ހުދު އައްޓަމަސް ގިނައިން އުޅެނީ އެންމަޑީގެ އަނގަދަށުގައި ތަތްކޮށްލައިގެން އެއާ އެކުގައެވެ. އެހެނިހެން އައްޓަމަސް އެކޭ އެއްގޮތަށް މިބާވަތުގެ އައްޓަމަހުގެ ބޮލުގެ މަތީގައި ވެސް ކުކުޅު ބިސް ބުރަށް ހުންނަ ތައްޓެއް ހުރެއެވެ. މިއީ އެހެން އެއްޗެތީގައި ތަތްކުރުމަށް ބޭނުންކުރާ ތައްޓެކެވެ. މިއީ ހިމަދިގުކޮށް ހުންނަ ފަނޑުއަޅިކުލައަކަށް ހުންނަ މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 17 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 21 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 18 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސމ އަށެވެ.