ހުދުލައް ފާނަ
ހުދުލައް ފާނަ (ސައިންޓިފިކް ނަން: Epinephelus caeruleopunctatus)ނުވަތަ (އިނގިރޭސި ބަހުން: White-spotted Grouper) އަކީ ފަރުފަޅުތަކުގަޔާއި ހާހަލުގައި ދިރިއުޅޭ މަހެކެވެ. ދިވެހި ކެޔޮޅުކަމުގައި މަދުމަދުން މިބާވަތް ބޭނިފައި ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. މިބާވަތުގެ ކުދިމަސް ގައު ފާލަން ފަދަ، އެނޫންވެސް ތޮށިގަނޑުގެ ނިވަލުގައި އުޅެއެވެ. މަހުގެ ބޮލުގެ ދިގުމިން ހަށިގަނޑުގެ އެންމެ ފުޅާ ހިސާބަށްވުރެ ދިގުވާނެއެވެ. މަހުގެ ބޮލުގެ މަތިން ލޮލުގެ ދޭތެރެ ހުންނަނީ އެއްވަރަކަށް ފަތާކޮށެވެ. މަހުގެ ކަރުތާފަތުގެ ކޮޅު ހުންނަނީ ކޮޅަށް އޫކޮށެވެ. އަދި ކަރުތާ ފަތުގެ މަތީބައި ހުންނަނީ ވަރަށް ތެދަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 އާއި 16 އާއި ދެމެދުގެ އަދަަދަކަށް މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 17 އާއި 19 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.
މަހުގެ ކުލައަކީ ކަޅުކުލައަކަށްދާ ގަދަ މުށި ކުލައެކެވެ. މަހުގެ ބޮލުގައްޔާއި ހަށިގަނޑުގައި ހުދުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތައް ބުރަކަށީ ކޮތަރިބައި ގައްޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވެސް ހުރެއެވެ. މިބާވަތުގެ ބޮޑެތި މަހުގައި މިލައްތައް ހުންނަނީ ހުދުކުލައިގެ ކުރެހުން ބަޔަކަށް ބަދަލުވެފައެވެ. ހުދުލައް ފާނަ ގާތްގަނޑަކަށް 55 ސމ ބޮޑުވާ ކަމަށްވެއެވެ.