ހުކުރު މިސްކިތް
މާލޭ ހުކުރު މިސްކިތް ގެ ނަމުންވެސް މަޝްހޫރު މުސްކުޅި ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގެ ވެރި ރަށް މާލޭ ސިޓީގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ޒީނަތްތެރި އެއް މިސްކިތެވެ . މިސްކިތް ބިނާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައި ހުރީ ހިރިގަލެވެ. ހިރިގަލަކީ ކަނޑާ ނެގުމުގެ މަސައްކަތަށް ފަސޭހަ އަދި އެހައިމެ ވަރުގަގަދަ އެއްޗަކަށް ވާތީ ގިނަ މިސްކިތް އިމާރާތްކުރުމުގައި ހިރިގާ ބޭނުން ކޮށްފައި ވެއެވެ. ހިރިގާ ތެތްކޮށް ހުންނައިރު ގޮތްގޮތަށް ކަފާ ކަނޑާ ނަގަން ފަސޭވިއަސް، ހިކުމުން ހަރުވެ ވަރުގަދަ ވެއެވެ. [1] މި މިސްކިތަކީ ދުނިޔޭގައި ހިރިގަލުން ބިނާކުރެވިފައި ހުރި މަދު އިމާރާތްތަކުގެ ތެރެއިން ސަގާފީ އަދި އާކިޓެކްޗާގެ ތަފާތު ބިނާއަަކަށް ވާތީ 2008 ވަނަ އަހަރު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖްގެ ޓެންޓޭޓިވް ސަގާފީ ލިސްޓަށް މި މިސްކިތް އިތުރުކުރިއެވެ. [1]
މާލޭ ހުކުރު މިސްކީގެ މާވަޑިންނަކީ ހުވަދޫ ކޮނޑޭގެ އަލީ މާވަޑި ކަލޭފާނު އާއި މަޙްމޫދު މާވަޑި ކަލޭފާނު އެވެ .
މިސްކިތް ޒީނަތްތެރި ކުރުމަށް ލިޔެވިފައިވާ އަރަބި ކަލިމަތައް ލިޔުއްވީ އުއްތަމަ ފަނޑިޔާރު އަލް ފަޤީހް އަލް ޤާޒީ ޖަމާލުދީން އެވެ.
މިސްކިތް އެޅުމަށް 2 އަހަރު ހޭދަވިއެވެ. ފަންނުވެރިކަމުގެ މޮޅުކަމާއި ގަލު ވަޑާމުގެ ހިމުންކަމަށް ބަލާއިރު، މިއީ ދުނިޔޭގެ އެންމެ ރީތި ހިރިގަލު އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތެވެ.
ސަރަހައްދު
އުނިއިތުރު ގެންނަވާމި މިސްކިތް ބިނާ ކުރެވިފައި ވަނީ ވެރިރަށް މާލޭގައި ހުންނަ މެދު ޒިޔާރަތާއި މުލިއާގޭ ކުރިމަތީގައި، މަގުގެ އަނެއް ފަރާތުގައެވެ. . މެދު ޒިޔާރަތަކީ އަކީ މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރަފް ކުރެ އްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނު ލެވިފައިވާ މަހާނަ ހުރި ޒިޔާރަތެވެ. މާލޭ ހުކުރު މިސްކިތަކީ 1656 ވަނަ އަހަރު ބިނާކުރި މިސްކިތެއް ކަމުން މިއީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތެވެ.
ތާރީޚް
އުނިއިތުރު ގެންނަވާމި މިސްކިތަކީ 1648 ވަނަ އަހަރު، އިބްރާހިމް އިސްކަންދަރު 1 (1648–1687) ގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ. އެއީ މީގެ ކުރިން 1153 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ސުލްޠާން އިސްލާމްވުމަށްފަހު ބިނާކުރި މިސްކިތެއްގެ ބިންގާ މަތީގައި ބިނާކޮށްފައިވާ ތަނެކެވެ. ކުރީގެ މިސްކިތް 1338 ވަނަ އަހަރު އަޙްމަދު ޝިހާބުއްދީން އާރާސްތު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، މިކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކެއް ނެތެވެ. [2] [1] 1656 ވަނަ އަހަރު އިސްކަންދަރު މަހާރަދުން އާ މިސްކިތެއް އަޅަން ފެށީ، މުސްކުޅި މިސްކިތް މާ ކުޑަވެ، ނަމާދުކުރާނެ ޖާގަ ދަތިވުމުންނެވެ. އަހަރާއި ބައި ހޭދަވި އެތަން ބިނާކުރުމުގެ މަސައްކަތް ނިމުނީ 1658 ވަނަ އަހަރު އެވެ. މައިގަނޑު ގޮތެއްގައި ހިރިގަލުން ހަދާފައިވާ މި މިސްކިތުގެ ފުރަތަމަ ފުރާޅު ހުރީ ފަނުން (އެ ދުވަސްވަރު އާންމު ގޮތެއްގައި) އެވެ. [1] 1668 ވަނަ އަހަރު ހައްޖަށް ވަޑައިގަތުމަށްފަހު އިބްރާހީމް އިސްކަންދަރު މިސްކިތުގެ ދެކުނު ކޮޅުގައި މުންނާރު ބިނާކުރައްވައި ދެކުނު ފަރާތު ދޮރޯށި ހެއްދެވިއެވެ. މުންނާރު ބިނާކުރެވިފައި ހުރީ އެދުވަސްވަރު މައްކާގެ ބައްއެ މިސްކިތުގައި ހުރި ފަދަ ފަރުމާއަކަށެވެ. އަދި މިސްކިތުގެ ގޯތި ތެރޭގައި ގަބުރުސްތާނެއް އޮވެއެވެ. މި ގަބުރުސްތާނުގައި ރަސްމަތިފުށުގެ އިއްޒަތްތެރިން ފަސްދާނުލެވިފައި ވެއެވެ. އަދި މަހާނަ ފާހަގަކުރުމަށް ރީތި ކުރެހުން އެޅި މަހާނަ ގަލާއި ހިރިގަލު ޒިޔާރަތް ހުރެއެވެ.
1904 ވަނަ އަހަރު މުޙައްމަދު ޝަމްސުއްދީން ތިންވަނަ (1902-1934) ގެ ރަސްކަމުގައި އެ މިސްކިތުގެ ދެކުނު ދޮރާށީ އަލުން މަރާމާތުކޮށް، ފަނުން ލެވިފައިވާ މިސްކިތުގެ ފުރާޅު ނަގައި އަލުން ޓިނު ޖެހިއެވެ. އޭގެ ފަހުން 1963 ވަނަ އަހަރު އިތުރަށް މަރާމާތު ކުރިއިރު މިސްކިތުގެ މަތިވަޑާން ހައިވަކަރު ލަކުޑިއަށް ބަދަލުކޮށް، ކޮރެގޭޓެޑް އަޔަން ޝީޓިންގެ ބަދަލުގައި އެލްމިނިއަމް ޖަހާފައިވެ އެވެ. 1987 އާއި 1988 ވަނަ އަހަރު އިންޑިޔާގެ ނޭޝަނަލް ރިސާޗް ލެބޯޓްރީ ފޯ ކޮންޒަވޭޝަން އޮފް ކަލްޗަރަލް ޕްރޮޕަޓީ އާއި މާލޭގެ ނޭޝަނަލް ސެންޓަރ ފޯ ލިންގުއިސްޓިކް އެންޑް ހީސްޓޯރިކަލް ރިސާޗްގެ ޓީމަކުން މި މިސްކިތުގެ ކޮންޒަވޭޝަންގެ މަސައްކަތް ކުރި އެވެ. [1]
މި މިސްކިތް ބިނާކުރީއް ސުރެ މިއަދާ ހަމައަށް ވެސް އަންނަނީ އަޅުކަން ކުރުމަށް ބޭނުންކުރަމުންނެވެ. [1] ބުނެވޭގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ ރާއްޖެ އިސްލާމްވުމުގެ ކުރިން ބިނާކުރި ބުދުދީނުގެ ގަދީމީ ފައްޅިއެއް ހުރި ތާނގައެވެ.އެ ފައްޅި ބިނާކޮށްފައި ހުރީ އިރު އޮއްސޭ ދިމާއަށް (ހުޅަނގު ފަރާތަށް) ކުރިމަތިވާ ގޮތަށް ކަމަށް ބުނެވެއެވެ[3]
ސިފަތައް
އުނިއިތުރު ގެންނަވާހުކުރި މިސްކިތް ބިނާކުރެވިފައި ހުރީ ގިބުލައަށް ސީދާ ދިމާވާ ގޮތަކަށް ނޫނެވެ. މިސްކިތް ސީދާ ވަނީ ހުޅަނގަށެވެ. އެހެންކަމުން މިސްކިތުގައި ނަމާދުކުރާ މީހުންނަށް ގިބުލައަށް ކުރިމަތިލުމަށް ފަސޭހަކށްދިނުމަށްޓަކއި، މިސްކިތުގެ ކާޕެޓް، ގިބުލައަށް ވާގޮތަށް ކަތި ކުރެވިފައި ވެއެވެ. މިސްކިތުގެ ކުރިމައްޗާއި ދެ އަރިމަތީގައި ދޮރޯށި ލެވިފައި ވެއެވެ. އަދި ދޮރޯށިން އެތެރެއަށް ވަންނަ ތަނުގައި މިސްކިތުގެ ދާަލަ ހެދިފައި ވެއެވެ.
ގަލު ވަޑާމގެ ހުނަރުވެރި މަސައްކަތާއި ރީތިކޮށް ލިޔެފައިވާ ޤުރުއާނުގެ އާޔަތްތަކުން އެ މިސްކިތުގެ ހައިބަތު ދައްކައިދެއެވެ. މިސްކިތގެ ފާރު ބިނާކޮށްފައިވަނީ އެއް ގަލާ އަނެއް ގާ ތަޅުއެޅޭގޮތަށް ހަދާފައިވާ ހިރިގަލުގެ ބްލޮކްތަކަކުންނެވެ. އަދި މިސްކިތުގެ ފުރާޅު ހިފަހައްޓަން، މިސްކިތުގެ އެތެރޭގައި ހިރިގަލުގެ ތަނބުތައް ގަހާފައި ވެއެވެ. 3 ދުރޯއްޓަކުން މިސްކިތަށް ވަދެވޭގޮތަށް އިމާރާތްކޮށްފައިވާ މި މިސްކިތުގައި ނަމާދުކުރާ ދެ ހޯލެއް ވެއެވެ. ލާފެންކޮށް ކުރެހުން އަޅައިގެން ހަދާފައިވާ މަތިވަޑާން ނުވަތަ ސީލިންގް އިން މަސައްކަތުގެ ހުނަރު ދައްކައިދެއެވެ. ބޮޑު މާވަޑީގެ ފުރިހަމަ ވަޑާމުގެ މަސައްކަތާއި، ފުރާޅު ފަރުމާކޮށްފައިވާ ގޮތާއި، ރީތި ކުރެހުންތައް ކަނޑާ ނަގާފައިވާ ހިރިގަލުގެ ފާރުން ދިވެހީންގެ ވަޑާމުގެ ހުނަރާޢި، އިމާރާތްކުރުމުގެ ފަންނާއި، ސަގާފަތުގެ މުއްސަނދިކަން ދައްކައިދެއެވެ. .މިސްކިތުގެ އެއްކޮޅުގައި ވަނީ މިންބަރު ލާފައިވާ މިހުރާބު ކޮޓަރިއެކެވެ. ނަމާދުކުރަން ހާއްސަކުރެވިފައިވާ ބައި 3 ބަޔަކަށް ބަހާލެވެއެވެ. އެއީ އިމާމް މީހާގެ މަގާމް (މިހްތަބް) އާއި މެދު މިސްކިތާއި ފަހު މިސްކިތެވެ. މީގެ އިތުރުން އެ މިސްކިތުގެ ލަކުޑީ ބެރިއެއްގައި ރާއްޖެ އިސްލާމްކުރި ދަންނަބޭކަލުގެ ނަން ކަނޑާ ނަގާފައި ވެއެވެ.
މިސްކިތުގެ ހައިބަތު އިތުރަށް ފުރިހަމަ ކޮށްދެނީ މިސްކިތުގެ ހަރިންމަ އާ އިންވެގެން އިމާރާތްކުރެވިފައިވާ ބޮޑޫ މުންނާރުންނެވެ. މި މުންނާރު ބިނާ ކުރެއްވި އިސްކަންދަރު މަހާރަދުންގެ ރަސްކަމުގައެވެ. .މިސްކިތުގެ ވަށައިގެން ހުސް ބިމުގައި ވަނީ އިއްޒަތްތެރިންގެ މަހާނަތަކެވެ. އެ މަހާނަތައް ފާހަގަކުރުމަށް ޖަހާފައިވާ ހިރިގާ ތަކުގައި ފަންނުވެރި ކުރެހުންތައް ބިންވަޅުނަގާފައި ވެއެވެ. އަދި އެމީހުންނެ ނަސަބާއި ތާރީހުތައް އެ ގަލުގައި ވެއެވެ. މީގެ އިތުރުން ބައެއް ބޭފުޅުންގެ މަހާނަ ހާއްސަކުރެވި ހިރިގަލުގެ ބިނާ ބެހެއްޓިފައި ވެއެވެ.