ހުޅުތައް ދުޅަވުން
ހުޅުތައް ދުޅަވުން (އިނގިރޭސި ބަހުން: Arthritis)އަކީ ކޮންމެ ވެސް ކަމެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ހުޅުތައް ނުވަތަ ހުރިހާ ހުޅުތައް ދުޅަވުމެވެ. ހުޅު ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން އެކި ވައްތަރު ތަކުގައި ދުޅަވާއި، ހުޅާއި ގޮތް ތަފާތެވެ. އާތުރައިޓިސްގެ މާނައަކީ "ހުޅުދުޅަވުމެވެ" މިއީ ހުޅުތައް ދުޅަވާ ބައްޔެކެވެ. އާތުރައިޓިސް އާންމު ގޮތެއްގައި ނިސްބަތްކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ހުޅުތަކުގެ ތެރެއިން ހުޅެއް( އެންމެ ހުޅެއް) ނުވަތަ އެއް ހުޅަށްވުރެ ގިނަ ހުޅުތައް ދުޅަވެ، ހުޅުގައި ބީހިލުމުން ތަދު އިހުސާސްވުމަށެވެ. އާތުރައިޓިސް އެންމެ މައިގަނޑު އަލާމާތަކީ ހުޅުދުޅަވުން، ހުޅުހަރުއެރުމެވެ. އާންމު ގޮތެއްގައި އުމުރުން ދުވަސްވާ ވަރަކަށް ހުޅުދުޅަވުމުގެ މައްސަލަ ގޯސްވަމުންދާނެ އެވެ.
ހަތަރު ހުޅަށްވުރެ ގިނަ ހުޅު އެއްފަހަރާ ދުޅަވެ، އުދަނގޫތައް ކުރިމަތިވެއްޖެނަމަ "ޕޮލީ އާތުރައިޓިސް"(Polyarthritis) އޭ ކިޔައެވެ. މާނައަކީ ގިނަހުޅުތައް ދުޅަވުމެވެ. ދޭއް ނުވަތަ ތިން ހުޅެއް އެއް ފަހަރާ ދުޅަވެއްޖެނަމަ، "އޮލިގޯ އާތުރައިޓިސް"(Oligoarthritis) އޭ ކިޔައެވެ. އަދި އެންމެ ހުޅެއް ދުޅަވެއްޖެނަމަ ކިޔައި އުޅެނީ "މޮނޯ އާތުރައިޓިސް"(Monoarthritis) އެވެ. އާތުރައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ އާންމު ދެވައްތަރަކީ "އޮސްޓިއޯއާތުރައިޓިސް"(Osteoarthrtis) އަދި "ރޫމަޓޮއިޑް އާތުރައިޓިސް"(Rheumatoid Arthritis) އެވެ.
އާންމު ގޮތެއްގައި އޮސްޓިއޯއާތުރައިޓިސް ގައި ހުޅުތަކުގެ ދެމެދުގައި ހުންނަ ކާޓިލޭޖް (ހަރު، އޮމާންކަމެއް ހުންނަ ސެލޯށިއެއް)، ނުވަތަ މަޑުކަށިތައް (Cartilage) މަޑުމަޑުން ގެރެމުން ދަނީ އެވެ. ރޫމަޓޮއިޑް އާތުރައިޓިސްގައި ވާގޮތަކީ ދިފާޢީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުމުން، އެކަމުގެ ސަބަބުން ހުޅުތައް ހަލާކުވެދަނީ އެވެ. ލޭގައި ޔޫރިކް އެސިޑް މަތިވެއްޖެނަމަ އެކަމުގެ ސަބަބުން ބައެއް ފަހަރު ހުޅުތައް ދުޅަވާގޮތް ވެއެވެ. މިހާލަތަށް ކިޔަނީ "ގައުޓް" ނުވަތަ "ގައުޓީ އާތުރައިޓިސް"(gout) އެވެ. އޮސްޓިއޯ އާތުރައިޓިސް(Osteoarthritis) އަށް ދިވެހިންގެ ތެރޭގައި "މަޑުކަށިގިރޭ ބަލި" އަދި "ރޫމަޓޮއިޑް އާތުރައިޓިސް"(Rheumatoid arthritis) އަށް "ރާއްޖެ ބަލި" ބައެއް ފަރާތްތަކުން މުޚާތަބުކުރާކަން ފާހަގަ ކުރެވެއެވެ.
އާތުރައިޓިސް ގެ ވައްތަރުތައް
އުނިއިތުރު ގެންނަވާ• އޮސްޓިއޯ އާތުރައިޓިސް • ރޫމަޓޮއިޑް އާތުރައިޓިސް • ގައުޓް / ގައުޓީ އާތުރައިޓިސް • ރިއެކްޓިވް އާތުރައިޓިސް • އިންފެކްޝަސް އާތުރައިޓިސް : ސެޕްޓިކް އާތުރައިޓިސް • ސޯރިއެޓިކް އާތުރައިޓިސް
މަގުފަހިކުރާ ކަންތައްތައް
އުނިއިތުރު ގެންނަވާއާތުރައިޓިސް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ކަންތައްތައް
އުނިއިތުރު ގެންނަވާ(ހ) އާއިލާގައި އާތުރައިޓިސް ދައުރުވަމުން އައުން އަދި ބަލި ވާރުތަވުން : ބައެއް ވައްތަރުގެ އާތުރައިޓިސް ތައް އެކި އާއިލާތަކުގެ ތެރޭގައި އެންމެ ކުރިއްސުރެ ދައުރުވަމުން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ މީހުންގެ ކިބައިގައި މިފަދަ މައްސަލަ އެއް ކުރި ހުރެ، ނޫނީ ކުރިމަތިވެފައިވާނަމަ، އެފަދަ މީހަކަށް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.އާއިލާގެ ތެރެއިން ވާރުތަވެފައިވާ ވިރާސީ ބަހާއެއްގެ ސަބަބުން، އެމީހަކަށް އާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވުމެވެ. އުފަންވާއިރު ވަކި ޚާއްޞަ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރި ނަމަ އެމީހަކަށް ބައެއް ވައްތަރުގެ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މިސާލަކަށް ރޫމަޓޮއިޑް އާތުރައިޓިސް، ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް، އަދި އެންކައިލޯޒިންގ ސްޕަންޑައިލައިޓިސް ކުރިމަތިވުމުގެ ފުރުޞަތު މިފަދަ ވިރާސީ ބަހާތަކުގެ ސަބަބުން އިތުރުވެގެން ދެއެވެ. މިވިރާސީ ބަހާއަށް ކިޔަނީ "ހިއުމަން ލިޔުކޮސައިޓް އެންޓިޖަން" ކްލާސް2 ޖީނަޓައިޕް(HLA class 2 genotype) އެވެ. (ށ) އުމުރު : އާތުރައިޓިސްގެ ބައެއް ވައްތަރުތައް ކުރިމަތިވުމުގެ ހިރާސް އުމުރުން ދުވަސްވާވަރަކަށް ބޮޑުވެއެވެ. މިސާލަކަށް އޮސްޓިއޯ އާތުރައިޓިސް، ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ހުޅުދުޅަވުމުގެ ވައްތަރުތަކަކީ އުމުރުން ދުވަސްވާވަރަކަށް އެމައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަންކަމެވެ. (ނ) ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންނަށް ރޫމަޓޮއިޑް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާއިރު، ގައުޓް ފަދަ އާތުރައިޓިސް ގެ ވައްތަރުތައް އަންހެނުންނަށްވުރެ ފިރިހެނުންނަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.
އަމިއްލައަށް ކޮންޓްރޯލްކުރެވިދާނެ ކަންތައްތައް
އުނިއިތުރު ގެންނަވާ(ހ) ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުން : އާދަޔާ ޚިލާފަށް ފަލަ، ހަށިގަނޑު ބުރަހެލި މީހުންނަށް ކަކުލު ހުޅަށް އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އޮސްޓިއޯ އާތުރައިޓިސް ހުންނަ މީހުން މާބޮޑަށް ފަލަވުމަކީ ވެސް އާތުރައިޓިސްގެ އުނދަގޫތައް އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ހަށިގަނޑުގެ ބާރު ހިފަހައްޓައިދޭ (ބަރޯސާވާ) ހުޅުތަކަށް މިސާލަކަށް އުކުޅުވަޅުގެ ހުޅާއި، ކަކުލުހުޅު، އަދި މައިބަދައިގެ ހުޅުތައް ފަދަ ހުޅުތަކަށް ބާރު ކުރާނެ ކަމެކެވެ. ނުވަތަ އެހުޅުތަކަށް ބުރަބޮޑުވާނެ ކަމެކެވެ. (ށ) ހުޅުގައި އިންފެކްޝަން ހެދުން : ބައެއް ކަހަލަ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތައް ހުޅުގައި އަށަގަނެ، އިންފެކްޝަން ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ އިންފެކްޝަންގެ ސަބަބުން އާތުރައިޓިސް އަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެކެވެ. (ނ) ހުޅަށް އަނިޔާވުން : ކުޅިވަރު ކުޅުމުގެ ތެރޭގައި ހުޅަށް އަނިޔާވުން މިސާލަކަށް ކުޅިވަރުގެ ތެރޭގައި ކަކޫ ހުޅުގެ "އެންޓީރިއަރ ކުރްސިއޭޓް ލިގަމެންޓް" ވީދައިގެންދިއުން، މާގިނައިރު އެއްގޮތަށް ހުޅު ބަހައްޓައިގެން އިނުން މިސާލަކަށް ކަކޫހުޅު ލަންބައިގެން ގިނައިރު އިނުން، އަދި ތަކުރާރުކޮށް ހުޅަކަށް ބުރަބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ހުޅަށް ގެއްލުންވެ، އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވާ ގޮތް ވެއެވެ. (ރ) ވަކި ކަހަލަ މަސައްކަތެއް ކުރުން : ކުރާ މަސައްކަތެއްގެ ގޮތުން އަބަދު ކަކުލު ހުޅު ލަންބައިގެން އިންނަނަމަ، އެކަމުގެ ސަބަބުން އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. (ބ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރޫމަޓޮއިޑް އާތުރައިޓިސް(ރާއްޖެބަލި) ކުރިމަތިވުމުގެ ހިރާސް އިތުރުކޮށް، އަދި ރާއްޖެ ބަލި ހުރިނަމަ އެބަލީގެ އުދަނގޫތައް އިތުރަށް ގޯސްކުރާނެ ކަމެކެވެ. (ޅ) ހަށިގަނޑުގައި ބައެއް ކަހަލަ މާއްދާތައް ގިނަވުން : މިސާލަކަށް ޔޫރިކް އެސިޑް ލޭގައި މަތިވުމުން ގައުޓީ އާތުރައިޓިސް ކުރިމަތިކުރުވައެވެ. އަދި ކެލްސިއަމް ގިނަވުމުން "ސޫޑޯގައުޓް" ކުރިމަތިކުރުވައެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާއާންމު ގޮތެއްގައި އާތުރައިޓިސްގެ ހުރިހާ އަލާމާތްތަކެއް ހެން ގުޅިފައި ހުންނާނީ ހުޅުތަކާ އެވެ. ނަމަވެސް ކުރިމަތިވެފައިވާ އާތުރައިޓިސްގެ ވައްތަރަށް ރިޢާޔަތްކޮށް، ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތަކާ، އަލާމާތްތަކާ ނިޝާންތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާތުރައިޓިސް އާއި ގުޅިގެން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:- • ހުޅުގައި ރިހުން / ހުޅުގައި ބީހިލުމުން ރިއްސުން • ހުޅު ދުޅަވުން • ހުޅު ހަރުއެރުން • ހުޅު ރަތްވުން / ހުޅުގައި ރަތްކަމެއް ހުރުން • ހުޅުގައި ހޫނުކަމެއް ހުރުން • ހުޅުގެ ހަރަކާތް ދަށްވުން • ހުޅުގެ ބާރުދަށްވުން • ކޮރުޖެހުން / ރަނގަޅަށް ނުހިނގުން • ހުޅު ރަނގަޅަށް ދަމާނުލެވުމާއި، ލަންބާނުލެވުން ( ނުލެންބުން، ދަމާނުލެވުން) އެންމެ އާންމު އަލާމާތަކީ ހުޅުގައި އިންފްލެމޭޝަން ހެދުމެވެ. ހުޅުގައި އިންފްލެމޭޝަން ހެދުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ރިހުން، ރަތްވުން، ހޫނުވުން، ދުޅަވުން، އަދި ހަރުއެރުން ހިމެނެއެވެ. ހުޅުގެ މަސައްކަތް ދަށްވެގެންދަނީ ހުޅުހަރުއެރުމުގެ ސަބަބުންނެވެ. އާތުރައިޓިސްގެ ބައެއް ވައްތަރުތަކާ ގުޅިގެން ބައެއް މީހުންނަށް ހުޅުތަކާ ގުޅުމެއް ނެތް އުދަނގޫތައް ކުރިމަތިވުމަކީ ފެނިދާނެ ކަމެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:- • ހުންއައުން • ގޮށްލުން • ވާޅުވުން • ބަރުދަންލުއިވުން • ނުތަނަވަސްވުން
ދެނެގަތުން
އުނިއިތުރު ގެންނަވާއާތުރައިޓިސް ވެސް ދެނެގަނެވެނީ ބަލިމީހާ ދޭ މައުލޫމާތުތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލާބެލުންތަކުން ޑޮކްޓަރަށް ފާހަގަވާ ކަންތައްތަކާއި، ލެބޯޓްރީ ޓެސްޓުތަކާއި، އިމޭޖިންގ ޓެސްޓުތަކުން ލިބޭ ނަތީޖާ ތަކުގެ އެހީގައެވެ. ބަލިމީހާގެ ހަށިގަނޑު ބަލައި ހަދާއިރު، ހުޅުތަކުގެ ހަރަކާތް ހުރިނެތްގޮތް، ދުޅަވުން، ތަދުވުން، ރިހުން، ބީހިލުމުން ރިހުން، އައިބުވުން ނޫނީ ޢައިބެއްހުރުން، އަދި ހުޅުތަކުގައި ހޫނުކަމެއްހުރުން ފަދަ ކަންތައްތައް ޑޮކްޓަރުން ބަލައި ފާހަގަކުރާނެ އެވެ. ޑޮކްޓަރުންގެ ބެލުންތަކަށް ރިއާޔަތްކޮށް، ބައެއް ފަހަރު އަންނަނިވި ޓެސްޓުތައް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ލެބޯޓްރީ ޓެސްޓުތައް
އުނިއިތުރު ގެންނަވާހަށިގަނޑުގެ އެކިހިސާބުތަކުގައި ހިމެނޭ ޖިސްމީ ދިޔަތައް ޓެސްޓުކޮށްގެން އާތުރައިޓިސްގެ ބައެއް ވައްތަރުތައް ދެނެގަނެވިދާނެ އެވެ. އެގޮތުން ޓެސްޓުކުރެވޭ ދިޔަ ތަކުގެ ތެރޭގައި ކުޑަކަމުނަޖިސް، ލޭ، ދެހުޅުދޭތެރޭގައި ހުންނަ ލޮންޖާއި ދިޔަ ފަދަ ތަކެތި ހިމެނެއެވެ. ލޭގެ ޓެސްޓު ހަދާއިރު، ސީރިއެކްޓިވް ޕްރޮޓީން(C-reactive protein)، އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް(Erythrocyte sedimentation rate)، ރޫމަޓޮއިޑް ފެކްޓަރ، އަދި އެންޓި ސައިކްލިކް ސިޓްރުލިނޭޓަޑް ނުވަތަ އެންޓި ސީސީޕީ(Anti-cyclic citrullinated peptide) އެންޓިބޮޑީ ފަދަ މިންވަރުތައް ދެނެގަންނާނެ އެވެ.
އިމޭޖިންގ ޓެސްޓުތައް
އުނިއިތުރު ގެންނަވާއާންމުކޮށް ހަދައިފާނެ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ. • އެކްސްރޭ ނެގުން (X-ray): އެކްސްރޭގެ އެހީގައި ދެހުޅުދޭތެރޭގެ ހުސްތަން ހަނިވެ، ކުޑަވުން، އިތުރު ކަށިކޮޅު އުފެދުން ފަދަ އޮސްޓިއޯ އާތުރައިޓިސްގެ ނިޝާންތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ. އާތުރައިޓިސްގެ ކުރީކޮޅު ކަށިތަކަށް އަންނަ ބަދަލުތައް އެކްސްރޭ އިން ނޭނގިދާނެއެވެ. ނަމަވެސް އެކްސްރޭގެ އެހީގައި ބައްޔާއި ގުޅިގެން އަންނަ ބަދަލުތައް ނުވަތަ ބަލި ކުރިއަރަމުންދާގޮތް ނޫނީ ކުރިޔަށްދާގޮތް (progression ) ބަލަމުން ގެންދެވޭނެ އެވެ. • ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސްކޭން ނުވަތަ ސީޓީ ސްކޭން ހެދުން (Computerized tomography): ސީޓީ ސްކޭންގެ އެހީގައި ކަށިތަކާއި އޭގެ ވަށައިގެންވާ ސެލޯށިތައް ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ. • މެގްނެޓިކް ރިސޯސް އިމޭޖިންގ ނުވަތަ އެމްއާރުއައި ހެދުން (MRI): އެމްއާރުއައި ގެ އެހީގައި ކަށިތަކާ ގުޅިފައިވާ ޓެންޑަން(tendons) ތަކާއި، ކަށިތައް ގުޅުވައިދޭ އެއްސުންތައް(ligaments)، އަދި މަޑުކަށި(Cartilage)ތަކުގެ ހާލަތު ވަރަށް ތަފްޞީލްކޮށް ދެނެގަނެވޭނެ އެވެ. • ސްކޭންކުރުން (Ultrasound): ސްކޭންކޮށްގެން ހުޅުތަކުގެ ވަށައިގެން ހުންނަ މަޑު ސެލޯށިތައް، މަޑުކަށިތައް، އަދި ދިޔަ އެކުލެވޭ ބާރސާ ތައް ހުރިނެތްގޮތް ބަލާލެވޭނެ އެވެ. ހުޅަށް އިންޖެކްޝަން ޖެހުމަށާއި، ހުޅުގައި ޖަމާވެފައިހުރި ދިޔަތައް ނެގުމަށް ވެސް ސްކޭންގެ އެހީ ބޭނުންކުރަންޖެހެއެވެ.
ފަރުވާ
އުނިއިތުރު ގެންނަވާއާތުރައިޓިސް ކުރީކޮޅުގައި ދެނެގަނެވި، ފަރުވާ ދެވިއްޖެނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކާއި، ނުކުޅެދުންތެރިކަން ކުރިމަތިވުމުން ސަލާމަތްކުރެވޭނެ އެވެ. އާތުރައިޓިސްގެ ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ކުރިމަތިވާ އުދަނގޫތަކަށް ލުޔެއް ހޯދައިދިނުމާއި، ހުޅުގެ މަސައްކަތްތައް ހަލުވިކޮށް ރަނގަޅުކުރުމުގެ މައްޗަށެވެ. އާންމު ގޮތެއްގައި ދީއުޅޭ ފަރުވާތަކުގެ ތެރޭގައި ބޭހުގެ ފަރުވާ އާއި، އޮޕަރޭޝަންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބޭހުގެ ފަރުވާ
އުނިއިތުރު ގެންނަވާބޭހުގެ ފަރުވާގެ ގޮތުގައި ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ. (ހ) ތަދުކަނޑުވާ ބޭސްތައް (pain killers): މިއީ ރާއްޖެ ބައްޔާއި ގުޅިގެން ހުޅުތަކަށް ކުރިމަތިވާ ތަދުތަކާ ރިހުންތައް ކުޑަކޮށްދީ، ލުއިކޮށްދޭނެ ބޭސްތަކެކެވެ. މިބޭސްތަކުގެ ތެރޭގައި އެސިޓަމައިނޯފަން(Acetaminophen)، ޓްރެމަޑޯލް(tramadol)، އޮކްސީކޯޑޯން(oxycodone)، ހައިޑްރޯކޯޑޯން(Hydocodone) ފަދަ ބޭސްތައް ހިމެނެއެވެ. މީގެ އިތުރުން ތަދާއި ދުޅަ ތިރިކުރުމުގެ ބޭނުމުގައި ބުރޫފަން، މެފެނެމިކް އެސިޑް، ނެޕްރޮކްސިކަމް ފަދަ ބޭސްތައް ބޭނުންކޮށް އުޅެއެވެ. މިފަދަ ބޭސްތަކުގެ އުނގުޅާ ބޭސްތައް އުގުޅާ ބޭހުގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ. (ށ) ޑިޒީޒް މޮޑިފައިންގ އެންޓިރޫމެޓިކް އެޖެންޓް (DMARDS): މިއީ އާންމު ގޮތެއްގައި ރޫމަޓޮއިޑް އާތުރައިޓިސް އަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ. މިބޭސްތަކުގެ ތެރޭގައި މިތޮޓްރެކްސޭޓް، އަދި ހައިޑްރޮކްސީކްލޮރޮކީން ފަދަ ބޭސްތައް ހިމެނެއެވެ. މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ގެއްލުންދިނުން ކުޑަކޮށްދޭ ބޭސްތަކެކެވެ. (ނ) ކޯޓިކޯސްޓީރޮއިޑް (Corticosteroids): މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުން ކޮންޓްރޯލްކޮށްދީ، ދުޅަތިރިކޮށްދޭ ބޭސްތަކެކެވެ. ގުޅަ ބޭހުގެ ގޮތުގައި އަދި ހުޅުތަކަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި ވެސް ކޯޓިކޯސްޓީރޮއިޑް ބޭނުން ކުރެވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ކޯޓިޒޯން އަދި ޕްރެޑްނިސޯން ފަދަ ބޭސްތައް ހިމެނެއެވެ. (ރ) އެހެނިހެން ބޭސްތައް : އާތުރައިޓިސްގެ ފަރުވާގައި ބޭނުންކުރާ އެހެނިހެން ބޭސްތަކުގެ ތެރޭގައި ކްރީމް ނޫނީ އޮއިންޓްމެންޓް ކަހަލަ އުގުޅާ ބޭހުގެ ގޮތުގައި ބޭނުންކުރާ "ކައުންޓަރއިރިޓެންޓްސް"(counterirritants)، ޓިއުމަރ ނެކްރޯސިސް ފެކްޓަރ އިންހިބިޓަރސް(Tumor necrosis factor inihbitors)، އިންޓަލޫކިން (interleukin1)1 އަދި އިންޓަލޫކިން 6 (Inteleukin6)ފަދަ ބަޔޮލޮޖިކް ރެންސްޕޮންސް މޮޑިފަޔަރސް(biologic response modifiers) ގެ ގޮތުގައި ގުނާލެވޭ ބޭސްތައް ހިމެނެއެވެ.
ސާޖަރީ ނުވަތަ އޮޕަރޭޝަންކުރުން
އުނިއިތުރު ގެންނަވާއާތުރައިޓިސްގެ ބައެއް ވައްތަރުތަކާ ހާލަތްތަކާ ގުޅިގެން ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ. (ހ) ހުޅު މަރާމާތުކުރުން (joint repair): އެގޮތުން ހުޅުގެ ސަތަހަ އޮމާންކޮށް، ހުޅުގެ އެތުރުން ރަނގަޅުކޮށް ހެދެއެވެ. މިގޮތަށް ހެދުމުން ހުޅުގައި ހުންނަ ރިހުން ކުޑަކޮށްދީ، ހުޅު މަސައްކަތްތައް ރަނގަޅުކޮށް ފަސޭހަކޮށްދެއެވެ. ހުޅުގައި ލޯވަޅެއް އަޅައިގެން މިކަން ކުރެވިދާނެއެވެ. (ށ) ހުޅު ބަދަލުކުރުން (joint replacement): މިއީ ހަލާކުވެފައިވާ ހުޅުގެ ބަދަލުގައި މަސްނޫޢީ ހުޅެއް ލެއްވުމެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި ބަދަލުކުރަނީ ޅިނދު ހުޅާއި، ކަކުލުހުޅެވެ. (ނ) ހުޅުއެއްކޮށްލުން (joint fusion): މިއީ އާންމުކޮށް އަތްފައިގެ އިގިލިތަކުގެ ކުދި ހުޅުތަކަށް ކޮށްއުޅޭ ކަމެކެވެ. އެގޮތުން ހުޅު އުފެދިފައިވާ ދެކަށިގަނޑުގެ ކޮޅު ބުރިކޮށްލުމަށްފަހު ދެކަށިގަނޑު ގެ ކޮޅު ގުޅި އެއްކޮށް (އެއްކަށިގަނޑެއްގެ ގޮތުގައި) ރަނގަޅުވަންދެން ގުޅުވާލާފައި ނޫނީ އައްސާލާފައި ނޫނީ ތަތްކޮށްލާފައި ބަހައްޓަނީ އެވެ.
ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް / ގޭގައި ކުރެވިދާނެ ކަންތައްތައް
އުނިއިތުރު ގެންނަވާއާތުރައިޓިސް ހުރިކަން އެނގުމަށްފަހު ވެސް ދިރިއުޅުމަށް ބައެއް ބަދަލުތައް ގެނެސްގެން އާތުރައިޓިސްގެ އުދަނގޫތައް ލުއިކޮށް ކުޑަކުރެވިދާނެ އެވެ. (ހ) ބަރުދަން ލުއިކުރުން : މާބޮޑަށް ފަލަނަމަ ބަރުދަން ލުއިކޮށްލުމުން، ހުޅުތަކަށްކުރާ ބާރު ކުޑަވެ، ތަދާއި ރިހުން ކުޑަވުމަށް އެހީތެރިވެދެއެވެ. ބަރުދަން ލުއިވުން، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރެވި، ހުޅުތަކަށް އަނިޔާވުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ. (ށ) ކަސްރަތުކުރުން : ގަވާޢިދުން ކަސްރަތުކުރުމަކީ ހުޅުތައް އެކި ގޮތްގޮތަށް އަނބުރައި، ހަރަކާތްތެރިކުރަން ފަސޭހަ ވާނެ ކަމެކެވެ. ފެތުމާއި އެހެނިހެން މޫދު ކަސްރަތުތަކަކީ އާތުރައިޓިސް ފަދަ ހުޅުގެ މައްސަލަތައް ހުންނަ މީހުންނަށް ކުރަން އެންމެ އެކަށޭނަ ކަސްރަތު ތަކެކެވެ. (ނ) ބޮޑިތާންކުރުން : ފިނިފެނުން، ނޫނީ ތާފަނާ ފެނުން ހުޅުތައް ބޮޑިތާންކުރުމަކީ ވެސް ހުޅުތަކުގައި ހުންނަ ތަދާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ. (ރ) އެހީވެދެނިވި އާލަތްތައް : ދަނޑިގަނޑު، އަސާ، އަތްގަނޑު، ބޫޓަށްލައްވާ އެއްޗެހި، އަދި މެޑިކަލް ވޯކާސް، ފަދަ އާލަތްތަކުގެ އެހީގައި އާތުރައިޓިސް ހުންނަ މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި ދިމާވާ ގޮށްޖެހުންތައް ކުޑަކުރެވިދާނެ އެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
އުނިއިތުރު ގެންނަވާއާތުރައިޓިސް އިން ޔަގީންކަމާއެކު ރައްކާތެރިކޮށްދޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އަންނަނިވި ކަންތައްތައްކޮށްގެން ކުޑަކުރެވިދާނެ އެވެ. • ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓޭތޯ ބެލުން • ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން • ގަވާއިދުން ކަސްރަތުކުރުން • ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
ހަވާލާ
އުނިއިތުރު ގެންނަވާ• https://www.mayoclinic.org/diseases-conditions/arthritis/symptoms-causes/syc-20350772 • https://www.cdc.gov/arthritis/basics/osteoarthritis.htm https://www.cdc.gov/arthritis/basics/index.html *
https://www.medicinenet.com/arthritis/article.htm *
https://www.arthritis.org/about-arthritis/understanding-arthritis/ *