ހިތާއި ލޭހޮޅިތަކުގެ ބަލިތައް
ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމެވެ. މިފަދަ ބަލިތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ، ކޮންމެ ނަސްލެއް، ކޮންމެ ޖިންސެއް، އަދި ކޮންމެ އުމުރު ފުރާއެއްގެ މީހަކަށް ވެސް ޖެހިދާނެ ބަލިތަކެކެވެ. ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ވެސް މިފަދަ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގައި މިހާރު، އަހަރަކު 17.3 މިލިޔަން މީހުން ދުނިޔެ ދޫކުރެއެވެ. އޭގެތެރެއިން %80 މީހުން ނިސްބަތްވަނީ ދަށް (ފަގީރު) އަދި މެދު ފަންތީގެ ގައުމުތަކަށެވެ. ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން ކޮންމެ 10 މީހުންގެ ތެރެއިން 3 މީހުން މަރުވަނީ ހިތާއި، ލޭހޮޅިތަކުގެ ބަލިތަކުގައެވެ. މިފަދަ ބަލިތަކުގައި ދުވަސްތައް ހޭދަކުރާ މީހުން (ޚާއްޞަކޮށް ދަށް އަދި މެދުފަންތީގެ ގައުމުތަކުގައި) އެމީހުންގެ މަސައްކަތްތެރިކަމުގެ ގޮތުން އެންމެ އުފެއްދުންތެރި އަހަރުތަކުގައި (އުމުރުން 70 އަހަރުވުމުގެ ކުރިން) ދުނިޔެދޫކޮށްދާކަން ފާހަގަކުރެވެއެވެ. މިއީ އެފަދަ ބަލިމީހުންގެ އާއިލާތަކަށް މާލީގޮތުންނާއި، ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރުވާ ކަމަކަށް އޮންނަނީ ވެފައެވެ. ބޮޑެތި މީހުންނަށްޖެހޭ ވަރަށް ގިނަ ބަލިތައް މޫލައި ފެށިގެން އަންނަނީ ފުރާވަރުގެ ދުވަސްވަރުގައެވެ. އަދި އެފަދަ ބަލިތަކުގައި އެމީހެއްގެ އުމުރާއަޅާ ބަލާއިރު މާއަވަހަށް ދުނިޔެދޫކުރާކަން ފާހަގަކުރެވެއެވެ. ކުޑަކުދިން ގިނަ ފަހަރު ޞިއްޙީ އާދަތައް ގެންގުޅެން ފަށަނީ ބޮޑެތި މީހުން ދައްކާ ގޮތަކަށެވެ. އެހެންކަމުން ކުޑަކުދިންނަށް ރަގަޅު ޞިއްޙީ އާދަތައް ދަސްކޮށްދީ، އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ބޮޑުވުމުން އެކުދިންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވޭނެ ކަމެކެވެ.