ހިކި ފުޅަނގި
ހިކި ފުޅަނގި (އިނގިރޭސި ބަހުން: Exocoetus volitans)ނުވަތަ (އިނގިރޭސި ބަހުން: Tropical two-wing flyingfish)އަކީ ރާއްޖޭގެ ބޭރު ކަނޑުތަކުގައި އުޅޭ ފުޅަނގީގެ ބާވަތެކެވެ. މިއީ އާންމުކޮށް ހޫނު ކަނޑުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ ފުޅަނގި ޏ. ފުވައްމުލައް ކައިރީގައި ހުޅަގު މޫސުމު ފަހުކޮޅުގައި އާދަޔާ ޚިލާފަށް އުޅޭކަމަށް ވެއެވެ. ފުޅަނގީގެ ބާވަތްތަކަށް ޖުމްލަ ގޮތެއްގައި ދިވެހިން ކިޔައި އުޅެނީ ފުޅަނގި އެވެ. ފުޅަނގީގެ ގިނަ ބާވަތްތަކެއް ދިވެހި ކަނޑުތަކުގައި އުޅޭވެސް މެއެވެ. ނަމަވެސް މިބާވަތްތަކަށް ވަކި ޚާއްޞަ ނަމެއް ކިޔައެއް އުޅެއެވެ. އަދި މިބާވަތުގެ ފުޅަތްގަށްވެސް ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ ސިފަޔަށް ވިސްނާ ހިކި ފުޅަނގި ކިޔާ ނަންދެވިފައިވަނީ އެވެ.
ހިކި ފުޅަނގީގެ ބުރަކަށި މަތީ ކޮތަރިބައިގައި 15-13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑު ދަށްފަރާތު ކޮތަރި ބައިގައި 13 ނުވަތަ 14 މަޑުކަށި ހުރެއެވެ. މިދެކޮތަރި ވެސް ހުންނަނީ މަހުގެ ދެފަރާތުން އެއް ދިމާއެއްގައެވެ. މަހުގެ ކަންފަތް ގަނޑު ފިޔަގަނޑެއްހެން ދިގުކޮށް ހުރެއެވެ. އަދި ކަނޑުމަތީގެ އުދުހުމަށް މިކަންފަތްގަނޑު ބޭނުން ކުރެއެވެ. މަހުގެ ބުރަކަށި މަތީގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑު ދަށްފަރާތް ހުންނަނީ ރިހި ހުދުކުލައިގައެވެ. މަހުގެ ކާނާއަކީ ކުދި ފަނިފަކުސަ އެވެ. މިމަސް އެންމެ ބޮޑުވަނީ 18 ސެންޓި މީޓަރަށެވެ.