ހިންދުކޮކާ ބިބީ
ހިންދުކޮކާ ބިބީ(ސައިންޓިފިކް ނަން: Chaetodon decussatus)ނުވަތަ (އިނގިރޭސި ބަހުން: Indian vagabond butterflyfish) އަކީ ކޮކާ ބިބީ އާއި ވަރަށް ވައްތަރު މަހެކެވެ. މިދެވައްތަރުގެ މަސް ވަކިކުރުމަކީ ބައެއް ފަހަރު އުދަގޫ ކަމެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުން ގިނައިން ފެންނަ މަހެއް ނޫނެވެ. ނަމަވެސް ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިމަސް ބޭރުގައުމުތަކަށް ބޭރުކޮށް ހަދައެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާފައި ނެތުމާއެކު، މަހަށް އިގިރޭސި ބަހުން ކިޔާ އުޅޭ ނަމާ ގުޅޭގޮތުންނާއި، މިމަހާ ވައްތަރު ކޮކާ ބިބީ އާއި ގުޅުވައިގެން މިމަހަށް ހިންދުކޮކާ ބިބީ ކިޔާ ނަންދީފައި ވަނީ އެވެ.
ހިންދުކޮކާ ބިބީ އާންމުކޮށް އުޅެނީ 2-20 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ މަސް ފެންގަނޑު ތަކާއި، ޓޭންކް ތަކުގައި ގެންގުޅެން ފަސޭހަ، ގިނަ ވަައްތަރުގެ ކާނާ ކައިއުޅޭ މަހެކެވެ. މިމަސް ގާތްގަނޑަކަށް 8 އިންޗިއަށް ބޮޑުވާ ކަމަށް ވެއެވެ.
މަހުގެ މަތީ ކޮތަރިބައިގައި 13 ހަރުކަށި އަދި 24 ނުވަތަ 25 މަޑުކަށި ހުރެއެވެ. މިމަޑުކަށި ތަކުގެ ތެރެއިން ދެމަޑުކަށި ނަރުވައެއްހެން ފަހަތަށް ދިގުވެފައި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 20 ނުވަތަ 21 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 14 ނުވަތަ 15 މަޑުކަށި ހުރެއެވެ.
މަހުގެ ދެއަރިމަތީގެ ކުލައަކީ ހުދުކުލައެވެ. ބޮލުގައި ލޯހުރަސްކޮށް ކަޅުކުލައިގެ ވަރަށް ފުޅާ ރޮނގެއް ހުރެއެެވެ. މަހުގެ ފަހަތު ކޮޅުގެ ކުލަައަކީ ކަޅުކުލަ އެވެ. ނަމަވެސް ނިގޫފަތުގެ ބޮޑުބައެއް ގަޔާއި، ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި ރީނދޫ ކުލަ ހުރެއެވެ. މަހުގެ ދެއަރިމަތީގައި ދެކަތްޕަށް ހުންނަ އަޅިކުލައިގެ ރޮނގުތަކެއް ފަނޑުކޮށް ހުރެއެވެ.