ހައިޕޯތައިރޮއިޑިޒަމް(އިނގިރޭސި ބަހުން: Hypothyroidism) ކުޑަމިންވަރަކަށް ހުންނަ މީހަކު އެކަމުގެ އުދަގޫ މާބޮޑަށް ނުހުރެވެސް ހިގައިދާނެއެވެ. ބައެއްފަހަރު މިކަމުގެ އެއްވެސް އަލާމާތެއް ނެތިވެސް ހިގައިދާނެއެވެ. ނަމަވެސް މިކަންތައް ބޮޑުވެގެން ދާނަމަ އެކަމުގެ އުދަގުލާއި އަލާމާތްތައް ފެންނާނެއެވެ.

ތައިރޮއިޑް ހޯމޯން ރަގަޅަށް ނުއުފައްދާ މީހަކަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަރުބަލިކަމާއި ކަންތައް ކުރާހިތްނުވުން ހިމެނެއެވެ. މިބައިމީހުން ބޮޑަށް ފަލަވާނެއެވެ. އެކަށީގެންވާ މިންވަރެއްގެ ކަސްރަތެއްކޮށް މަދުން ކައިހެދިއަސް މިހެންވެދާނެއެވެ. ޒުވާން އުމުރުގައި މިފަދަކުދިން ބޮޑުވުމާއި އިސްކޮޅުން ދިގުވުން ލަސްވެދާނެއެވެ. ވަރުބަލިކަމާއި ހަންހިކުމާއި އިސްތަށި ފޭބުމާއި ހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ.


ތައިރޮއިޑް ގްލޭންޑް(އިނގިރޭސި ބަހުން: Thyroid gland) އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ވަރަށް ގިނަ ބަލިތަކެއް ވެއެވެ.

ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕާލުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު، ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ނުއުފުއްދުން، އަދި ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ވުރެ ގިނައިން އުފެއްދުން ވެސް ހިމެނެއެވެ. ރާއްޖޭގައި އެންމެ އާންމު އެއްބައްޔަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށްދިއުން ނުވަތަ ދަށްވުން ނުވަތަ ހައިޕޯތައިރޮއިޑިޒަމް އެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން ގެ މާނައަކީ އެގްލޭންޑް އިން އުފައްދާ ހޯރމޯން އުފެއްދުން ދަށްވުމާއި، ނުވަތަ އެއިން އުފައްދާ ހޯރމޯންގެ ބޭނުން ހަށިގަނޑަށް އެކަށޭނަ ގޮތުގައި ނުކުރެވުމެވެ. ބޭސްވެރިކަމުގައި މިއަށްކިޔަނީ ހައިޕޯތައިރޮއިޑިޒަމް އެވެ.


ތައިރޮއިޑް ދަށްވުމުގެ ސަބަބުން ބަލިމީހާ އަށް އަންނަ ބަދަލުތަކަކީ ލަސްލަހުން އަންނަ ބަދަލުތައް ކަމަށްވުމާއެކު ބައެއްފަހަރު މިކަން ފާހަގަ ނުވުމަކީ ވެދާނެ ގޮތެކެވެ. ސަބަބަކީ މިހޯމޯން ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ކުރުމުގައި ބައިވެރިވާ އެއްޗެހިތަކަށް ވުމާއެކު އެއީ ތައިރޮއިޑް ހޯމޯންގެ މިންވަރު ދަށްވެގެން އަންނަ ބަދަލުތަކެއްކަން ދެނެގަންނަން ދަތިވާތީ އެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ދަށްވުމުން ބަލިމީހާ ކުރާނެ ޝަކުވާތަކަކީ:-

  • ވަރުބަލިވުން
  • ގައިގެ ހަކަތަ ދަށްވުން
  • ތެދުވެއުޅެން އުދަގޫވުން
  • އަބަދު ނިދިއައިސްފައި ހުންނަހެން ހީވުން
  • ކާމިންވަރާއި އަޅާބަލާއިރު ހަށިގަނޑުގެ ބަރުދަން އިތުރުވެގެންދިއުން
  • ގައިގެ ހަމުގައިވާ ފެނުގެ ބައި މަދުވެ ހަންގަނޑު ހިކިވެ ކުރަކިވުން
  • ބޮލުން އިސްތަށި ފޭބުން
  • މުޅި ގައިގައި ރިހުން
  • ހުޅުތަކުގައި ރިހުން
  • ހަތަރެސްފައިގެ ބާރުދަށްވަމުންދިއުން
  • މިޒާޖު ގޯސްވެ އަވަހަށް މާޔޫސްވުން
  • ސިކުނޑި ހަމަނުޖެހޭގޮތްވުން
  • ބަނޑުހަރުވުން
  • މައްސަރުކަންތައް ތަރުތީބުން ކޮންމެ މަހަކު ނުޖެހުން
  • ކުދިން ލިބުމުގެ މައްސަލަތައް ދިމާވުން ( ދަރިމައިނުވުން )
  • ލޮލުގެ ފެނުމާއި ކަންފަތުގެ އަޑުއިވުމަށް ވެސް މައްސަލަތައް ކުރިމަތިވެދާނެއެވެ.

ތައިރޮއިޑް ދަށްވުން ގެ ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:-

  • އަޔޮޑިން ދަށްވުން(އިނގިރޭސި ބަހުން: Iodine deficiency) : މިއީ މައިގަނޑު އެއްސަބަބެވެ. ނަމަވެސް މިހާރު ފެކްޓަރީތަކުން އުފައްދާ ލޮނުގައި އަޔޮޑިން ހިމަނާފައިވާތީ މިމައްސަލަ ފެންނަލެއް މަދުކަން ފާހަގަކުރެވެއެވެ.
  • ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ތައިރޮއިޑް އާއި އިދިކޮޅު މާއްދާތަކެއް އުފެދުމުގެ ސަބަބުން ތައިރޮއިޑް ހޯރމޯން އުފެއްދުން މަދުވުން
  • އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމުގެ (އިނގިރޭސި ބަހުން: Thyroidectomy)ސަބަބުން ތައިރޮއިޑް ދަށްވުން
  • ތައިރޮއިޑްގެ ބަލިތަކަށް ފަރުވާ ކުރުމުގެ ގޮތުން ރޭޑިއޭޝަން ހިމެނޭ އަޔޮޑިން ދިނުން ފަދަ ފަރުވާކުރުން
  • ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އެހީތެރިވުމަށް ސިކުނޑީގެ ބައެއް ހިސާބުތަކުން އުފައްދާ ހޯމޯންތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ ވެސް ތައިރޮއިޑްގެ މަސައްކަތްތައް ދަށްވެގެން ދެއެވެ.

މާބަނޑުވުމާއި ތައިރޮއިޑް ދަށްވުން

އުނިއިތުރު ގެންނަވާ

މާބަނޑުވުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ހޭދަވާ ހަކަތަ އިތުރުވާނެ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ މިމަސައްކަތުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ގްލޭންޑް އަކަށްވުމާއެކު، އެއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރުވާން ޖެހެއެވެ. ވުމާއެކު ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބޭނުންވާ އަޔޮޑީން ފަދަ މާއްދާތައް ނުލިބޭ ހިސާބުތަކުގެ އަންހެނުންގެ ތައިރޮއިޑް ގްލޭންޑް މާބަނޑުވުމާއެކު ދުޅަވާކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް މިހާރު ކާތަކެއްޗަށް އަޅާ ލޮނުގައި އަޔޮޑީން އެކުލެވޭތީ މިމައްސަލަ ދިމާވުން ކުޑައެވެ.

ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯމޯންތަކުގެ މަސައްކަތަށް ވެސް މާބަނޑުވުމުން ބަދަލުތަކެއް އާދެއެވެ. ބަލިވެ އިނުމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ބައެއް ހޯރމޯންތައް މަދުވުމަށްފަހު، މަޑުމަޑުން އޭގެ މިންވަރު އާދައިގެ ޙާލަތަކަށް އަންނަކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އޭގެ ސަބަބަކީ ބަލިވެއިނުމާއި ގުޅިގެން ބިސްރަވަ އިން ދޫކުރާ ނުވަތަ ނެރޭ އަންހެންވަންތަ ހޯރމޯންތައް ކަމަށް ވެސް ބެލެވިފައި ވެއެވެ. މާބަނޑުވުމަށްފަހު ރަހިމުގެ ތެރޭގައި ދަރިފުޅު އުފެދުމުގެ މަރުހަލާކަމަށްވާ ފުރަތަމަ 10-12 ހަފްތާގައި ދަރިފުޅު ބޭނުންކުރަމުންދާނީ މަންމަގެ ލޭގެ ތެރެއިން ދައުރުވާ ތައިރޮއިޑް ހޯރމޯން އެވެ. ނަމަވެސް ފުރަތަމަ 3 މަސް ނިމޭއިރު ރަހިމުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ތައިރޮއިޑް ގްލޭންޑް އުފެދި އަމިއްލައަށް މަސައްކަތް ކުރަން ފަށައެވެ.

ތައިރޮއިޑް ދަށްވުމުން މަންމައަށް ކުރާނެ އަސަރުތައް

އުނިއިތުރު ގެންނަވާ

މާބަނޑު އަންހެނުންގެ ތެރެއިން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވެފައިވާ މީހުންގެ ކިބައިން މާގިނަ އަލާމާތްތަކެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވަރަށް ބޮޑަށް ތައިރޮއިޑް ދަށްވެ، އަދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ދާނަމަ، މާބަނޑު މީހާއަށް އޭގެ ސަބަބުން ދިމާވެދާނެ ނޭދެވޭ މައްސަލަތައް ވަރަށް ގިނައެވެ.

  • މާބަނޑުގެ އަންހެނާގެ ލޭގެ ޕްރެޝަރު މަތިވެ، ގުރުދާ އަދި ލޭ ހޮޅިތަކަށް އޭގެ އަސަރުކުރުން
  • މަންމައާއި ދަރިފުޅު ގުޅުވައިދޭ މަސް ނުވަތަ ޕްލެސެންޓާގައި އާދަޔާ ޚިލާފު މައްސަލަތައް ދިމާވުން
  • އުފަންވާއިރު ދަރިފުޅުގެ ބަރުދަން ލުއިވުން
  • ވިހެއުމަށްފަހު ލޭމަނާނުވުން

ތައިރޮއިޑް ދަށްވުމުން ދަރިފުޅަށް ކުރާނެ އަސަރުތައް

އުނިއިތުރު ގެންނަވާ

ތައިރޮއިޑް ހޯރމޯން އަކީ ރަހިމުގެ ތެރޭގައި އުފެދޭ ދަރިފުޅުގެ ސިކުނޑި އުފެދުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. 1999 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭގޮތުގައި މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެ، އަދި އެކަމަށް އެކަށޭނަ ފަރުވާކޮށްފައިނުވާ އަންހެނުންނަށް ލިބުނު ކުދިންގެ އައިކިޔޫ ނުވަތަ ސިކުނޑީގެ ފެންވަރު ނުވަތަ ވިސްނުމުގެ ފެންވަރު އެހެންކުދިންނާއި އަޅާބަލާއިރު ވަރަށް ދަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަދަރުސާގައި އެކުދިންނަށް އެދެވޭ ނަތީޖާއެއް ނުނެރެވުމާއި، ކްލާސްތައް ރިޕީޓް ކުރަންޖެހޭ ނިސްބަތް މަތިކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ. އެހެން ދިރާސާއަކުން ހާމަވެފައިވާގޮތުގައި މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެފައިވާކަން ނޭނގި، ނުވަތަ އެކަން އެނގިހުރެ ނަމަވެސް ބަލިވެއިނުމުގެ ފުރަތަމަ 12 ހަފްތާގައި ތައިރޮއިޑް ހޯމޯންގެ މިންވަރު ލޭގެ ތެރޭގައި ދަށްވެފައިވާ މީހުންނަށް ލިބޭ ކުދިންގެ ހަށިގަނޑުގެ މަސްތަކާއި ކަށިތައް އުފެދި ބޮޑުވުމުގައި މައްސަލަތައް ދިމާވެއެވެ.

ކުރެވިދާނެ ކަންތައްތައް

އުނިއިތުރު ގެންނަވާ

މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވުން ފަދަ ކަންތައްތަކުން ދުރުވެ ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރުން މުހިއްމެވެ.

  • ބަލިވެއިނުމަށް ތައްޔާރުވަމުންދާއިރު ތައިރޮއިޑްގެ މައްސަލައެއް ހުރިތޯ ބެލުމަށް ޓެސްޓްހެދުން
  • މާބަނޑު އަންހެނުންގެ ތެރެއިން ތައިރޮއިޑް ގްލޭންޑް (ކަރުގެ މަތިން ދުޅައެއް) ފެންނަން ހުންނަ މީހުންނާއި، އާއިލާމީހުންގެ ތެރޭގައި ތައިރޮއިޑް މައްސަލަ ހުންނަމީހުންނާއި، ކުރިން ތައިރޮއިޑް އަށް ބޭސް ބޭނުންކުރަމުން އަންނަ މީހުންނާއި، ތައިރޮއިޑް ދަށްވެފައިވާ ކަމުގެ އަލާމާތްތައް ހުންނަ އަންހެނުން، ތައިރޮއިޑް ޓެސްޓްހަދައި، ތައިރޮއިޑް ހޯރމޯންގެ މިންވަރު ހުރީ ރަގަޅު ވަރެއްގައިތޯ ޔަގީންކުރުން
  • ތައިރޮއިޑް ހޯރމޯން ލޭގޭ ތެރޭގައި އޭގެ އެންމެ ދަށްލެވެލްގައިވާ އަންހެނުންނާއި، ތައިރޮއިޑް އާއި އިދިކޮޅަށް ހަށިގަނޑުގެ ތެރޭގައި އުފެދޭ ހަށިދަމަނަ ލޭގެ ތެރޭގައި ހިމެނޭ އަންހެނުން ބަލިވެއިނުމާއި ގުޅިގެން ތައިރޮއިޑް ހޯމޯންގެ ކުޑަ މިންވަރެއް ކޮންމެ ދުވަހަކު ބޭނުންކުރުމަށް ބައެއް ޞިއްހީ މުއައްސަސާތަކުން ލަފާދެއެވެ. ސަބަބަކީ ބަލިވެއިނުމުން މިހޯރމޯން ބޭނުންވާ މިންވަރު މަތިވުމުން އެކަށީގެންވާ ވަރަކަށް ހޯރމޯން ނުލިބޭނަމަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ.
  • މާބަނޑުމީހުންގެ ތެރެއިން ތައިރޮއިޑް ބޭސް ބޭނުންކުރަމުން އަންނަ މީހުން ފުރަތަމަ 3 މަހުގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ބޭނުންވާ މިންވަރު 50-25 އިންސައްތަ އިތުރުވެގެންދާނެ އެވެ. ވުމާއެކު ޓެސްޓް ހަދައި ހޯމޯންގެ މިންވަރު ބަލައި އިތުރަށް ބޭނުންވާނަމަ ބޭސް ބޭނުންކުރާ މިންވަރު މަތިކުރަންޖެހޭނެ އެވެ.
  • ތައިރޮއިޑް ދަށްވެ ބޭސް ބޭނުންކުރަމުން އަންނަ މީހުން ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ފަހުން ވެސް ޓެސްޓް ހަދައި ތައިރޮއިޑް ހޯމޯން ހުރި މިންވަރު ބަލަންވާނެ އެވެ. ވިހެއުމަށްފަހު މިހޯރމޯންގެ މިންވަރަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބަލިދެނެގަތުމަށް ހެދޭ ޓެސްޓްތައް

އުނިއިތުރު ގެންނަވާ

ހަށިގަނޑުގެ ތެރޭގައިވާ ލޭގައި ތައިރޮއިޑް ހޯރމޯން(އިނގިރޭސި ބަހުން: Thyroxine)ދައުރުވާ މިންވަރާއި، އަދި ސިކުނޑިން ނެރޭ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އެހީތެރިވެދޭ ހޯރމޯން(އިނގިރޭސި ބަހުން: TSH) ތައް ހަށިގަނޑުގައި ދައުރުކުރާ މިންވަރު ބެލުމަކީ ތައިރޮއިޑް ދަށްވެފައިވޭތޯ ބެލުމަށް ހަދާ އެންމެ ރަގަޅު ޓެސްޓެވެ. މިއަށްކިޔަނީ ތައިރޮއިޑް ފަންކްޝަން ޓެސްޓް(އިނގިރޭސި ބަހުން: Thyroid function test) އެވެ. ތައިރޮއިޑް ދަށްވެފައިވާ މީހުންގެ މިހޯރމޯންތައް މަދުވެފައިވާކަން ފާހަގަ ކުރެވޭނެ އެވެ.

ލޭގެ މިޓެސްޓްގެ އިތުރުން ތައިރޮއިޑް ގްލޭންޑް ދުޅަވެފައިވޭތޯ ބެލުމަށްޓަކައި ކަރުގެ އަލްޓްރާ ސައުންޑް ސްކޭނެއް ހެދުމަކީވެސް ކުރާ ޓެސްޓެކެވެ. ތައިރޮއިޑް ގްލޭންޑް ދުޅަވެފައިވާނަމަ ވަރަށް ހިމަކައްޓެއް ބޭނުންކޮށްގެން އެއިން ނަގާ ސެލްތައް މައިކްރޮސްކޯޕް ބޭނުންކޮށްގެން ބަލައި ޓެސްޓް ކުރުމަށް ކިޔަނީ ފައިން ނީޑްލް އެސްޕިރޭޝަން ސައިޓޮލޮޖީ(އިނގިރޭސި ބަހުން: Fine Needle aspiration cytology) އެވެ. މީގެ ބޭނުމަކީ ދުޅަވެފައިވާ ތައިރޮއިޑް ގްލޭންޑްގައިވަނީ ކޮންކަހަލަ ސެލްތަކެއްތޯއާއި، އޭގައި ކެންސަރުގެ އަސަރެއ ހުރިތޯ ބެލުމެވެ.

ލޭގެ ތެރޭގައި ދައުރުކުރާ ތައިރޮއިޑް ހޯރމޯންގެ މިންވަރު މަދުވެ، ހައިޕޯތައިރޮއިޑިޒަމް ކަން ޔަގީންވުމުން އެކަމަށް ފަރުވާ ކުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. މިކަމަށް ދޭންޖެހޭނެ ފަރުވާ އަކީ ލޭގެ ތެރޭގައި މިހޯރމޯންގެ މިންވަރު އާދައިގެ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭސް ކެއުމެވެ. މިބޭހަކީ ތައިރޮކްސިން އެވެ. ބޭސްކާންޖެހޭ މިންވަރު ކަނޑައަޅާނީ ލޭގެ ރިޕޯޓްތަކަށް ބެލުމަށްފަހު ފަރުވާ ކުރާ ޑޮކްޓަރެކެވެ. ފަރުވާ ކުރިޔަށް ގެންދަންޖެހޭ މިންވަރު ބިނާވެފައި އޮންނާނީ ތައިރޮއިޑް ގްލޭންޑް އަށް ދިމާވެފައިވާ މައްސަލައިގެ މައްޗަށެވެ. މިސާލަކަށް އޮޕަރޭޝަނަށްފަހު ތައިރޮއިޑް ގްލޭންޑް އެކީގައި ނަގާފައިވާނަމަ، މިބޭސް މުޅި އުމުރަށް ކާންޖެހެއެވެ. ހަމަމިހެން ތައިރޮއިޑް ގެ އެހެނިހެން މައްސަލަތަކާހެދި ބޭސް ބޭނުންކުރާއިރު، މަދުވެގެން އަހަރަކު އެއްފަހަރު ތައިރޮއިޑް ހޯރމޯންގެ މިންވަރު ބެލުމަށްޓަކައި ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ. އަދި އެޓެސްޓްގެ ނަތިޖާއާއި އެއްގޮތަށް ބޭސް ކާންޖެހޭ ގޮތަށް ބަދަލުގެންނަން ޖެހެއެވެ.

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށް ދިއުމާއެކު، ތައިރޮއިޑް ގްލޭންޑް ދުޅަވެ، ކަރުގައިވާ ވައިނޮޅި (ނޭވާހިނގާ ހޮޅި)(އިނގިރޭސި ބަހުން: Trachea) އަދި ކާތަކެތި ހިނގާ ހޮޅި ( ކާއެއްޗެތިދާ ހޮޅި)(އިނގިރޭސި ބަހުން: Esophagus) ފިތި ބަންދުވުން އަދި ކަރުގެ ދުޅައަކީ ކެންސަރު ފަދަ ކަމަކަށް ޝައްކުކުރެވޭ ފަދަ ދުޅައަކަށް ވާނަމަ، އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމަކީ ވެސް ފަރުވާ އެކެވެ. ނަމަވެސް ހަމައެކަނި އެގްލޭންޑްގެ މަސައްކަތް ދަށްވުމާއި، ދުޅައިގެ ސަބަބުން އިތުރު އުދަގޫތަކެއް ކުރިމަތިނުވާނަމަ، ތައިރޮއިޑްގެ މަސައްކަތް ދަށްވުމުގެ ސަބަބުން އޮޕަރޭޝަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫނެވެ.