ހަރުފަ ފުންނަ (ސައިންޓިފިކް ނަން: Xiphasia matsubarai)ނުވަތަ (އިނގިރޭސި ބަހުން: Japanes snakeblenny)އަކީ ވަރަށް އާދަޔާ ޚިލާފު ސިފައަކަށް ހުންނަ ވެންފުންނަ އެކެވެ. މިއީ އާންމުކޮށް ފެންނަ ބާވަތެއް ނޫނެވެ. މިބާވަތުގެ ވެންފުންނަ އުޅެނީ ވެލިގަނޑުގައި ހުންނަ ލޯވަޅުތަކުގައެވެ. މިއީ ދިގުކޮށް ހިމަކޮށް ހުންނަ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިބާވަތުގެ މަސްހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ނޯވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 99 އާއި 104 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 97 އާއި 104 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުރީކޮޅު ހުންނަނީ ހުދުކުލައިގައެވެ.

މިމަހުގެ ފުރަތަމަ ރިކޯޑެއް ރާއްޖޭގައި ގާއިމްކުރެވުނީ 1988 ވަނަ އަހަރުގެ ޖުލައިމަހު މާލޭގެ ފަޅުތެރެއިން ދާގަނޑަކުން ހިފާފައިވާ މިބާވަތުގެ މަހެއްގެ މައްޗަށް ބަލައިގެންނެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު، މަހުގެ ސިފަޔަށް ވިސްނާ އަދި މިމަހަށް ކިޔާ އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ހަރުފަ ފުންނަ ކިޔާފައި ވަނީ އެވެ.