ޢަބްދުއްރަޙީމް ޢަބްދުﷲ
ޢަބްދުއްރަޙީމް ޢަބްދުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967ވަނަ އަހަރުގެ އެޕްރީލު މަހުގެ 19ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސެވެ. އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ ލ. ފޮނަދޫއަށެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2009ވަނަ އަހަރުގައެވެ. އެއީ 17ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އެފަހަރު މަޖިލީހަށް ހޮވިވަޑައިގަތީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައި އޭރު ހިންގެވި ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ މެންބަރެއްގެ ގޮތުންނެވެ. އެއަށްފަހު 2014ވަނަ އަހަރު 18ވަނަ ރައްޔިތުންގެ މަޖިލީހަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ހޮވިވަޑައިގަތެވެ. 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވާދަކުރެއްވިއެވެ. ނަމަވެސް އެ މަޤާމަށް ހޮވިވަޑައިގެންފައެއް ނުވެއެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބު ރައީސްކަން ކުރައްވައިފައެވެ. އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރަކަށް ކުރީން ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލެއްވުމާ ގުޅިގެން ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ކޯލިޝަންގެ އެންމެ އިސްކޮށް ހުންނެވީ ވެސް ޢަބްދުއްރަޙީމެވެ. 2023ވަނަ އަހަރު ޕީއެންސީއަށް ވެރިކަން ލިބުމާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިޔުމަށް އުފެއްދެވި އިންތިޤާލީ ކޮމިޓީގެ ރައީސަކަށް ވެސް ހުންނެވީ ޢަބްދުއްރަޙީމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ވެސް ޢަބްދުއްރަޙީމް މަސައްކަތްކުރައްވައިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ އިންތިޚާބުވެވަޑައިގަތީ 2024 މޭ 28ވަނަ ދުވަހުއެވެ.
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • ޢަބްދުﷲ ޙަމީދު • އަޙްމަދު ޒަކީ • ޢަބްދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • ޢަބްދުﷲ ޝާހިދު • ޢަބްދުﷲ މަސީޙު މުޙައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
ޢަބްދުއްރަޙީމް ޢަބްދުﷲ •