ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ.

ފުރަތަމަ ޕިރަމިޑް ބިނާކުރުމުގެ ޚިޔާލު ކުރެވުނީ އައްޓެއް ނުވަތަ ސްޓޭޖެއް ބިނާކޮށް އޭގެ މަތި ނިވާކުރެވޭގޮތަށް ހެދުމަށެވެ. އެއީ މިބުނި އަށި ނުވަތަ ސްޓޭޖްގެ މަތީގައި ރަސްގެފާނުގެ މަހާނަ ބެހެއްޓުމަށްފަހު އޭގެ މަތި ނިވާކޮށް ރައްކާކުރެވޭ ގޮތަށެވެ.

ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވި ކަމުގައި ވެއެވެ. އަދި ބިނާކުރުމަށް ބޭނުންވާ ގާތައް އެހިސާބަށް ގެންދިއުމުގައި 10 ހާސް އަޅުން އުޅުނު ކަމުގައި ވެއެވެ. އަދި މަސައްކަތް ކުރާ ސަރަޙައްދުގައި 4 ހާސް މީހުން ހަރަކާތްތެރިވި ކަމުގައި ބުނެވެއެވެ.

ޕިރަމިޑް ހެދުމަށްޓަކައި ފުރަތަމަ ހަތަރެސްކަން ހިލަގާތައް ޖަމާކޮށް ބެހެއްޓުނެވެ. އެއަށްފަހު މިގާތަކުގެ ވަށައިގެން އުވަ ފާނޑުގެ ވެލީގެ ފަށަލައެއް ދުއްވުނެވެ. ނަމަވެސް މިފަށަލަވަނީ ޒަމާންތަކާއި އެކު ނެއްޓި މުޅިން ވަކިވެގެން ގޮސްފައެވެ. ޕިރަމިޑް ހެދުމަށް އޭގައި ފެންނަށް ހުރި ގާތައް އެކަތި އަނެކައްޗާއި ގުޅި ހިފެހެއްޓޭގޮތަށް ބެހެއްޓިފައިވަނީ ކިހިނެއްކަން އަދި ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިކަމާއި ބެހޭ އިތުރު ދިރާސާތައް ތާރީޚީ އަދި ބިމުގެ ޢިލްމާއި ބެހޭ އަހުލުވެރިން ދަނީ ހަދަމުންނެވެ. ތާރީޚީ ބައެއް ބޮޑެތި ފޮތްތަކުގައި ޚޫފޫ ޕިރަމިޑްއަށް ފިރުޢައުނުގެ ފަރުބަދަ މިނަމުން މުޚާތަބު ކޮށްފައި ވެއެވެ.

1798 ވަނަ އަހަރު ނަޕޯލިއަން މިޞްރަށް ވެދެވަޑައިގަތުމަށްފަހު އޭނާގެ ސިފައިންނާއި މުޚާތަބުކޮށް ވިދާޅުވެފައިވަނީ ސިފައިންނޭ! ޕިރަމިޑްގެ އެންމެ އުހުން 40 ގަރުނު އަހަރެމެންނަށް ބަލަމުން އެބަގެންދޭ މިހެންނެވެ.