ހިންދުސްތާނުގެ އިރު އުތުރުގެ ރާއްޖެއެއް ކަމުގައިވާ މޭގަލާޔާގެ ޤަރްޔާއެއް، އެ ތަނުގެ އަވަށްޓެރިން ހަސަދަވެރިވާ ފަދަ ތަނަކަށް ވެއްޖެއެވެ. މަވިލިނޯންގަކީ އިންޑިޔާގައި އޮތް އެންމެ ފެހި، އެންމެ ސައުފު، އަދި އެންމެ ޢިލްމީ ޤަރްޔާ ކަމުގައި ވަނީ މަޝްހޫރުވެފައެވެ. މިކަމާ ގުޅިގެން މަވިލިނޯންގަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ޤަރްޔާގެ ވެހީންގެ ތެރެއިން އެންމެންނަކީ ވެސް ލިޔަންކިޔަން ދަންނަ މީހުންނެވެ. ކޮންމެ ގެއެއްގައިމެ ފާޚާނާ ހުރެއެވެ. ހިންދުސްތާނުގެ ހަމްލާތުތަކާއި އަވަށްތަކާއި ޤަރްޔާތަކާއި ތީމުތަކާއި ޝަހަރުތަކުގެ ތެރޭގައި ވެސް މަވިލިނޯންގު ފަދަ އެއްވެސް ތަނެއް ނެތް ކަމަށް އެ ޤަރްޔާގެ ޤަރްޔާވެހީން ބުނެއެވެ. މޭގަލާޔާ ރާއްޖޭގެ ވެރި ޝަހަރުކަމުގައިވާ ޝިލޯންގާ 90 ކިލޯމީޓަރު ދުރުގައި އޮތް މަވިލިނޯންގު އޮންނަނީ ބަންގާޅުގެ ސީމާއާ ވަރަށް ކައިރީގައެވެ. ބަންގާޅުގެ ސީމާ އާއި މަވިލިނޯންގާ ދެމެދު ހުރީ 4 ވަރަކަށް ކިލޯމީޓަރެވެ. މަވިލިނޯންގުގެ ހުރިހައި ރައްޔިތުންނަކީ ވެސް އެ ޤަރްޔާ ދެކެ ވަރަށް ލޯބިވާ، އަދި އެ ޤަރްޔާގެ ސައުފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ވާރޭ ވެހޭ ދުވަސް ދުވަހު ވެސް އެ ޤަރްޔާގެ ވެހީން ފަތިހު ތެދުވެ، ޤަރްޔާގެ މަގުތަކާއި ގޯތިތެރޭގައި އޮންނަ ހުސްތަންތަނުގެ ކުނި ކަހައި ސައުފުކުރެއެވެ. މިއީ ވެސް އެ ޤަރްޔާގެ އަހުލުވެރީންގެ ހީވާގިކަމާއި ހިތްވަރުގަދަކަން ދައްކައިދޭ ހެތްކެކެވެ. މަގުތައް ކުނިހައި ސައުފުކުރުމަކީ ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ތަކުރާރު ވާ ކަމެކެވެ. “ޤަރްޔާގެ ކައުންސިލުން މުސާރަ ދީފައި ތިބޭ މީހުން ތިިބޭނެ ކުނިކަހަން. އެހެން ނަމަވެސް މުސާރަ ދީފައި ތިބޭ މީހުން އެކަންޏެއް ނޫން ޤަރްޔާތެރެ ސައުފުކުރުމުގައި ޙަރަކާތްތެރިވަނީ. މުސާރަ ދީފައި ތިބޭ މީހުން އެކަންޏަކު އެހައި ވަރަށް ސައުފެއް ނުވެސް ކުރެވޭނެ. އެހެން ވެގެން އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބަލަން އެކަމުގައި ބައިވެރިވެގެން އުޅެން.” ހެންރީ ޚިއްރަމް ނަމަކަށް ކިޔާ ވޮލަންޓިޔަރަކު ބުންޏެވެ. ޤަރްޔާގެ ހުރިހައި ހިސާބެއްގައި ވެސް އޮ|ުން ހަދާފައިި ހުންނަ ކުނިވަށިގަނޑުތައް ބެހެއްޓިފައި ހުރެއެވެ. ކިތަންމެ ކުޑަ ކުނިކޮޅެއް ނަމަވެސް އަދި ގަހަކުން ވެއްޓޭ ފަތެއް ވިޔަސް މާގިނަ އިރެއް ނުވެ ސައުފުކުރެވެއެެވެ. ސަންދަރޯސް ބޭނުންކުރުމަކީ މުޅީން މަނާކަމެކެވެ. އަދި ހުރިހައި ކުންްޏަކީ ވެސް ވެށްޓާ ރަޙުމަތްތެރި ތަކެއްޗެވެ. މީގެ މާނައަކީ ހަލާކުނުވާ ޒާތުގެ އެއްޗެއް ކުނީގެ ގޮތުގައި ކުނިކޮށިތަކާ ހަމަޔަށް ނުގެންދެވޭ ވާހަކައެވެ. ކުނީގެ ގޮތުގައި ކުނިކޮށިތަކާ ހަމަޔަށް ގެންދެވޭ ތަކެތި ވެސް ގަސްކާނާއަށް ހެދުމަށް ޓަކައި ވަޅުގަނޑުތަކެއް ކޮނެ ވަޅުލާކަން ފާހަގަކުރެވެއެވެ. ޤަރްޔާގެ އަހުލުވެރީން ބުނާ ގޮތުގައި ސައުފުތާހިރުކަމުގެ ފިލާވަޅުތައް ކުދީންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ފެށެނީ އިސްކޫލުތަކުންނެވެ. މީގެ ބޭނުމަކީ ކުދީންގެ ޅަ ޢުމުރުގައި ސައުފުތާހިރުކަމާއި ތަން ފެހިކުރުމުގެ އާދަތައް އެކުދީން ގައި އަށަގެންނެވުމެވެ. މަވިލިނޮންގަކީ މުޅި ހިންދުސްތާނަށް ބެލި ކަމުގައި ވިޔަސް ވަރަށް ތެތް ހިސާބެކެވެ. އެހެން ކަމުން ހަނަފަސްކަމުގެ ބިރުވެރިކަމެެއް މި ޤަރްޔާއަކަށް ކުރިމަތިވެފައެއް ނުވެއެވެ. ހިންދުސްތާނުގެ ގިނަ ހިސާބުތަކުގައި ފެނާއި ނަރުދަމާގެ މައްސަލަ ކުރިމަތިވަމުން ދިޔަ ނަމަވެސް މަވިލިނޮންގުގައި މިފަދަ މައްސަލަތަކެެއް ނެތެވެ. މި ޤަރްޔާ ސައުފުކޮށް ބޭއްވުމަކީ ޤަރްޔާގެ ކޮންމެ މީހެއްގެމެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. ޤަރްޔާގެ ކައުންސިލް ނުވަތަ ދަރުބާރުން ވަރަށް ވަރުގަދަ އަޚްލާޤީ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށް ޤަރްޔާގެ ވެރިޔާ ވިދާޅުވެއެވެ. “މަގު މައްޗަށް ކުނި އުކާ މީހުންގެ އަތުން އެއް ޑޮލަރުގެ މިންވަރުގެ ޖުރުމާނާއެއް ނެގޭ. މިއީ ދަރުބާރުން ކަނޑައަޅާފައިވާ ގޮތް. އެހެން ނަމަވެސް އަމިއްލަ ނަފްސަށް އިހްތިރާމް ކުރަން ދަންނަ އަޅުގަނޑުމެންގެ ރައްޔިތުން ބޭނުމެއް ނޫން އެމީހުންނަކީ ކުށެއްކޮށްގެން ޖުރުމާނާ ދައްކަން ޖެހޭ ބަޔަކަށް ވާކަށް.” ޤަރްޔާގެ ވެރިޔާ ތޮމްލިން ކޮންތޮހްރެން ވިދާޅުވިއެވެ. “މީގެ އިތުރުން ދަރުބާރުގެ ފަރާތުން ވަރަށް ވަރުގަދައަށް ބަލަހައްޓަމުން ދާ ގޮތަށް ހަމަޖެހިފައި އޮންނަނީ. އަދި ކޮންމެ ގެއެއްގެ ނަރުދަމާ ވެސް ގަވައިދުން ފާސްކުރެވެމުންދާނެ.” ޤަރްޔާގެ ވެރިޔާ ވިދާޅުވިއެވެ. “ދުނިޔެ ހޫނުވަމުންދާތީ އެކަމާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވަރަށް ގިނަ ޕޮރުގުރާމްތަކެއް އަޅުގަނޑުމެން މިދަނީ ހިންގަމުން. މީގެ ތެރޭގައި މަސައްކަތު ބައްދަލުވުންތައް ވެސް ހިމެނޭ.”ތޮމްލިން ވިދާޅުވިއެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި މަވިލިނޮންގުގެ ކަންތައް މިހާ ރަނގަޅުވެފައިވުމުގެ ސަބަބަކީ ލޯކަލް ގަވަރންމެންޓު ސިސްޓަމް ވަރަށް ބޮޑަށް ހަރުދަނާވެފައިވާތީއެވެ. މި ސަމާޖަކީ މައިފުށަށް ވާރުތަ ހިނގާ މުޖްތަމަޢެއް ކަމުން ސަމާޖުގައި އަންހެނުންނަކީ އިޤްތިޞާދީ ގޮތުން ވަރަށް ވަރުގަދަ ބައެކެވެ. މަވިލިނޮންގުގެ މި ސައުފުތާހިރުކަމާއި ފެހިކަމާއި ތަޢުލީމުގެ ހަރުދަނާ ކަމުން މި ރާއްޖޭގެ ފަތުރުވެރިކަމުގެ ޗާޓުތަކުގައި މަވިލިނޮންގުގެ ނަން ދަނީ ފާހަގަކުރެވެމުންނެވެ. ފަތުރުވެރިޔަކު ބުނީ މަވިލިނޮންގުން ޤައުމުގެ އެހެން މީހުން ފިލާވަޅުތައް ލިބިގަންނަންޖެހޭ ކަމުގައެވެ. ހިންދުސްތާނުގެ ހުރިހާ ތަނަކުން މަވިލިނޮންގަކީ ނަމޫނާއެއް ކަމަށް ބެލުމަށް ޤަރްޔާގެ ވެރިޔާވަނީ ގޮވާލާފައެވެ.