ހޫވަރ ޑޭމު އަކީ ކޮލޮރާޑޯ ކޯރު ގައިވާ ކަޅު ހޮހަޅަ ނުވަތަ ބްލެކް ކެންޔަން ހުރަސްކޮށް ހަދާފައިވާ ކޮންކްރީޓް އާރކް ގްރެވިޓީ ޑޭމް އެކެވެ. މިޑޭމު އޮންނަނީ އެމެރިކާގެ ދެސްޓޭޓް ކަމަށްވާ އެރިޒޯނާ އާއި، ނެވާޑާ ބައްދަލުވާ ބޯޑަރު މަތީގައެވެ. 1935 ގައި މިތަން ހަދައި ނިމުނު އިރު އެއީ ދުނިޔޭގައިހުރި އެންމެ ބޮޑު ކަރަންޓް އުފައްދާ މަޞްދަރުގެ އިތުރުން، ދުނިޔޭގައި އޭރު ހުރި އެންމެ ބޮޑު ކޮންކްރީޓް އޮނިގަނޑު ވެސް މެއެވެ. މިއަދު ހޫވަރ ޑޭމު އަކީ ދުނިޔޭގައި ހުރި 35 ވަނަ އަށް އެންމެ ބޮޑު ފެނުން ކަރަންޓް އުފައްދާ ސްޓޭޝަނެވެ.

ހޫވަރ ޑޭމު

ހޫވަރ ޑޭމު އޮންނަނީ ލަސްވެގާސްގެ އިރު ދެކުނުން 48 ކިލޯމީޓަރުގެ ދުރުމިނުގައެވެ. މިޑޭމަށް ނަންދީފައިވަނީ މި ޑޭމު ބިނާކުރުމުގެ އަސާސީ ދައުރެއް ކުޅުއްވި އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ ހާރބަޓް ހޫވަރ ގެ ނަމާއި ގުޅުވައިގެންނެވެ. 1931 ގައި ހަދަން ފެށުނު ހޫވަރ ޑޭމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 1935 ވަނަ އަހަރު އެވެ. އެއީ ޑޭމު ނިންމަން ހަމަޖެހިފައިވާ މުއްދަތަށްވުރެ 2 އަހަރު އަވަސް މުއްދަތެކެވެ.

ހޫވަރ ޑޭމު ބަލަހައްޓައި ކަރަންޓް ސްޓޭޝަން އޮޕަރޭޓްކުރަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އިންޓީރިއަރ ގެ ބިއުރޯ އޮފް ރިކްލެމޭޝަން އިންނެވެ. 1981 ވަނަ އަހަރު އެމެރިކާގެ ތާރީޚީ ތަންތަނުގެ ގައުމީ ރަޖިސްޓްރީގައި ހޫވަރ ޑޭމު ޖައްސާފައި ވެއެވެ. އަދި އެމެރިކާގެ ގައުމީ ތާރީޚީ ލޭންޑް މާރކެއްގެ ގޮތުގައި 1985 ވަނަ އަހަރު ހޫވަރ ޑޭމު ކަނޑައަޅާފައި ވެއެވެ.