Open main menu

Changes

m
r2.5.2) (ރޮބޮޓ އިތުރު ކުރުނ: ss:IPhalestina; cosmetic changes
ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ. މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ. ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ "އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" )ޓްރާންސްޖޯރޑާން( ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން" ގެ ގޮތުގައި އޮތް ސަރަޙައްދެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ. ފަލަސްޠީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ޤުދުސްއެވެ. ޤުދުސް ނުވަތަ އޫރު ޝަލީމަކީ ފަލަސްޠީނުގެ ހިތެވެ.
 
== ސަމާވީ ދީންތަކާއި ފަލަޞްޠީން ==
ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖުޣުރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ޙާދިޘާތަކުގެ ސަބަބުންނެވެ. ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކިން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ.
 
ޔަހޫދީ ދައުލަތް އުފެދިގެން ދިޔައިރު ޤުދުސް ދެބަޔަކަށް ބައިކުރެވުނެވެ. އެއީ ހުޅަނގު ޤުދުސަށާއި އިރުމަތީ ޤުދުސަށެވެ. ޔަހޫދީ އިސްރާއީލުގެ ވެރިރަށެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައި އޮތީ ހަމަ އެކަނި ހުޅަނގު ޤުދުސް ކަމުގައި ވިޔަސް، މިހާރު އިސްރާއީލުން ވަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމަށާއި ޤުދުސަކީ ބައިބައި ކުރެވޭނޭ ތަނެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ޤުދުސްގެ ހުޅަނގު ފަޅި އިސްރާއީލުގެ ބައެއްގެ ގޮތުގައި އޮތް ކަމުގައި ވިޔަސް އިރުމަތީ ޤުދުސް ލިބެން ޖެހޭނީ ޢަރަބިންނަށެވެ. އަދި މިނިވަން ޢަރަބި ފަލަސްޠީނުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް އިރުމަތީ ޤުދުސްއެވެ. ޤުދުސުގެ އޯލްޑް ސިޓީ ނުވަތަ ޤަދީމީ ޝަހަރު އޮތީ އިރުމަތީ ޤުދުސުގައެވެ. ޤަދީމީ ޝަހަރަކީ ސަމާވީ ދީންތަކުގެ މުޤައްދަސް ތަންތަން ހުރި ޝަހަރު ކަމަށް ވާތީ ޔަހޫދީން ވެސް އިރުމަތީ ޤުދުސް ދޫކޮށްލާކަށް އެއް ބަހެއް ނުވެއެވެ. ޔަހޫދީން ބުނާ ގޮތުގައި ފަލަސްޠީނާއި ޤުދުސަކީ އެމީހުންނަށް ﷲ ދެއްވާފައިވާ ބިމެކެވެ. އެ ތަނުގެ މިލްކުވެރިންނަކީ އެމީހުންނެވެ.
 
== ތާރީޚް ==
ތާރީޚީ ގޮތުން ބަލާއިރު ޔަހޫދީން ފަލަސްޠީނަށް ވަނީ ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އެ ކަރައިގައި ވަޒަންވެރިވިތާ 2850 އަހަރު ފަހުންނެވެ. އެހެނީ ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީޤީންގެ ބަހުން ފަލަސްޠީނަށް "ކަންޢާން" މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ.
 
 
 
== ފަލަޞްޠީނާއި މުސްލިމުން ==
ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެން ނަމަވެސް ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވަނީ ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވާފައިވަނީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް ކަމުގައެވެ. ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މި މިސްކިތަށް މަސްޖިދު ޢުމަރުއޭ ވެސް ކިޔައެވެ. މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ.
 
== ފަލަސްޠީނާއި ޔަހޫދީން ==
ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ. ޔަހޫދީން ބުނާ ގޮތުގައި މަސްޖިދުލްއަޤްޞާގެ ޙަރަމްގެ ހުޅަނގު ފާރު (ވެސްޓަރން ވޯލް) ނުވަތަ ޙާއިޠުލްބުރާޤު (ވެއިލިން ވޯލް) އަކީ ހައިކަލްގެ ބައެކެވެ. އެހެންކަމުން މި ފާރު ކައިރިއަށް އައިސް ހައިކަލް ހަލާކުކުރެވިފައިވާތީ އެކަމާ ރޮއި ހިތާމަކޮށް ހެދުމަކީ އެމީހުން އަޅުކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ.
== ސަޙްޔޫނިއްޔަތު ==
ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް "ވަޢުދުކުރެއްވިފައިވާ" ބިމެއް ކަމުގައި އެމީހުން ދެކޭތީ ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަކީ އަބަދުވެސް ޔަހޫދީން ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެތައް ޒަމާނެއް ވަންދެން އެމީހުންވަނީ ސަޙްޔޫނިއްޔަތު (ޒައިނިޒަމް) ގެ ނަމުގައި އެތައް ޙަރަކާތެއް ހިންގާފައެވެ. ޞަޙްޔޫނިއްޔަތަކީ ޔަހޫދީ ދީނާއި އެމީހުންގެ ސިޔާސީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފަލްސަފާއެކެވެ. މި ފަލްސަފާއާ ގުޅިގެން ޔަހޫދީންގެ ޢަމަލުތައް ބަހައްޓަމުން އައި ގޮތުން ޔޫރަޕުގެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނާ ހެދި އުނދަގޫ ވެގެން ޔޫރަޕުގެ އެކި ޤައުމުތަކުން ޔަހޫދީން ބޭރުކުރަން ފެށިއެވެ. މި ދަނޑިވަޅުގައި އެމީހުން އަމިއްލަ ވަޠަނެއް ހޯދުމަށް ފެށި ޙަރަކާތުގެ ބާނީ އަކީ ހަންގޭރީގެ ރައްޔިތެއް ކަމުގައިވާ "ތިޔޮޑޯރ ހަރޓްޒުލް" އެވެ. ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ވިސްނަމުން ދިޔަ ޤައުމުތަކުގެ ވެރިންނަށް މި ޙަރަކާތަކީ ވަރަށް ކަމުދާ ޙަރަކާތަކަށްވިއެވެ. އަދި މިއީ ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި އެ ފަރާތްތަކުން ދެކުނެވެ.
 
 
 
== އިސްރާއީލް އުފެދުން ==
ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމުގެ ދެ މަސް ދުވަސް ކުރިން ޕޮލެންޑަށް އުފަން ޑޭވިޑް ބެން ގޫރިއަން އާއި ޔަހޫދީ އިސް ލީޑަރުން، "ނޭޝަނަލް މިލިޓަރީ އޮގަނައިޒޭޝަން" އާއި "ސްޓަރން ގޭންގު" ފަދަ ޔަހޫދީ ޓެރަރިސްޓު ގުރޫޕުތައް އުފެދި 1930 ގެ އަހަރުތަކުގައި ފަލަސްޠީނީ ނަސްލު އެ ސަރަޙައްދުން ނެތިކޮށްލުމަށްޓަކައި ހިންގަމުން އައި "ނަސްލު ސާފުކުރުމުގެ" ކަންތައް އަވަސްކުރުމަށް ޓަކައި ޕްލޭނެއް އެކަށައަޅައި ނިންމުމުގެ ގޮތުން ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މި ޕްލޭނަށް ދީފައިވާ ކޯޑު ނަމަކީ "ޕްލޭން ދާލެތު" (ޕްލޭން – ޑީ) އެވެ. ޕްލޭން - ޑީގެ ދަށުން ފަލަސްޠީނުގެ އަވަށްތަކަށާއި ޝަހަރުތަކަށް ބޮން އަޅައި، އެތަންތަނުގެ އަހުލުވެރިންގެ ގެދޮރު ލޫޓުވައި މުދާތައް ފޭރިގަތުމަށް ފަހު ފަލަސްޠީނުގެ އާބާދީ ނައްތާލުމުގެ ކަންތައް ޔަހޫދީން ވަރަށް ބާރަށް ކުރިއަށް ގެންދިއައެވެ. އިސްރާއީލުގެ އެއްމެ ފުރަތަމަ ބޮޑު ވަޒީރަކަށް ވެވަޑައިގަތް ޑޭވިޑް ބެން ގޫރިއަން 1937 ވަނަ އަހަރު ލިޔުއްވި ލިއުމެއްގައިވަނީ "ޢަރަބީން ޖެހޭނީ ދާށެވެ. އެކަމަކު އެކަމަށް ޓަކައި ހަނގުރާމަ ފަދަ ރަނގަޅު ދަނޑިވަޅެއް ބޭނުންވެއެވެ." މި ފަދައިންނެވެ. ހަތިޔާރު އެޅި ޔަހޫދީ ޖަމާޢަތްތަކަށް ޑޭވިޑް ބެން ގޫރިއަން އަންގަވާފައިވަނީ "ކޮންމެ ޙަމަލައެއް ވެސް ނިމިގެންދާންޖެހޭނީ ބިންތަކަށް ވެރިވެގަނެ، ޢިމާރާތްތައް ހަލާކުކޮށް، (ޢަރަބީން) ނެރެލުމަށްފަހުގައި،" ކަމަށެވެ. އެހެން ކަމުން މީގެ ފަހުން "ދައިރު ޔާސީން" ގައި ޔަހޫދީން ހިންގި ޤަތުލުޢާއްމާއި ފަލަސްޠީނުގެ އެހެން ހިސާބުތަކުގައި ހިންގި މިފަދަ ޤަތުލުޢާއްމުތަކުގައި ފަލަސްޠީނުގެ ފިރިހެނުންގެ އިތުރުން އެތައް ހާސް ޢަރަބި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މަރާލާފައިވުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. ތަލް އަބީބާއި ޙައިފާ އާއި ޤުދުސާއި އެހެން ސަރަޙައްދުތަކުގައި އަވަށްތަކާއި ޝަހަރުތައް ހިފައި ހަލާކުކޮށްލުމުގެ ސަބަބުން 800000 ފަލަސްޠީނީން ރެފިއުޖީންނަށްވިއެވެ. ފަލަސްޠީނުގެ މަޢުޞޫމު އެތައް ހާސް ރައްޔިތުން މަރާލެވުނެވެ. މިހިސާބުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޢާއްމުވެގެންވާ ގޮތުގައި ނަކްބާ (ދަ ކެޓަސްޓްރޯފް)ގެ ދުވަސްތައް ފެށިގެން ދިޔައެވެ.
 
މިކަމަށް އިސްރާއީލުން އިޖާބަދީފިނަމަ ޢަރަބިންނާއި ޔަހޫދީންގެ މެދުގައި ހިނގަމުން އަންނަ ޒަމާންވީ ތަޅާފޮޅުން ހުއްޓި، ޞުލްޙައިގެ މަގު އަލިވެގެންދާނެކަމަށް މެދުއިރުމަތީގެ މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް ހަލުވި ކަމާއެކު އިތުރުވަމުންދާ ޢަރަބި އާބާދީއަކީ، ޔަހޫދީންނަށް ލިބިފައިވާ ހުރިހާ ޙައްޤެއް ލިބިގެން ފަލަސްޠީނުގެ ބިމުގައި އުޅުމުގެ ފުރުޞަތު ލިބިފައިވާ ބަޔަކަށް ހަދައިފި ނަމަ ޔަހޫދީންގެ އަތުން ޑިމޮކްރެޓިކް ފަލަސްޠީނު (އިސްރާއީލު) ގެ ވެރިކަން ގެއްލިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން މިއީ ވެސް ޔަހޫދީން ވިސްނާނެ ކަމެކެވެ. މިއަދު ދުނިޔޭގައި ނަގާ ކިޔާ ޤައުމުތައް އޮތީ އިސްރާއީލާ އެއްކޮޅަށެވެ. އެހެން ކަމުން އިސްރާއީލު ނުރުހޭ ގޮތަކަށް މި މައްސަލަ ނިމިގެން ދިއުމަކީ މުސްތަޙީލު ކަމެކެވެ. މިވަގުތު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންނަށް އަދި ވެސް އޮތީ ނަކްބާގެ ދުވަސްތައް ގުނުމެވެ.
 
== އިޤްތިޞާދު ==
ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ.
 
== ރިފަރެންސް ==
ހިސްޓްރީ އޮފް މިޑްލްއީސްޓް
ޕެލެސްޓައިން އެންޑް އިޓްސް ހިސްޓްރީ
[[pt:Estado da Palestina]]
[[ru:Государство Палестина]]
[[ss:IPhalestina]]
[[yo:Orílẹ̀-èdè Palẹstínì]]
[[zh:巴勒斯坦国]]