ޗިސްމޭގެ ބޯ ނުވަތަ (އިނގިރޭސި ބަހުން: Head of pancreas) އޮންނަނީ ކުޑަގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ސީ އަކުރެއްގެ ބައްޓަމަށް އޮންނައިރު ތަބީޢީ ގޮތުން އުފެދިފައި އިންނަ ޖާގައިގެ ތެރޭގައެވެ. ނުވަތަ އެޖާގައިގެ ތެރެއަށް ރީތިކޮށް ޗިސްމޭގެ ބޯ އިންނަނީ ފެތިފައެވެ. ޗިސްމޭގެ ބޯ ގެ ކުރިމަތީ ފަރާތް އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު ގައި ޖެހިފައެވެ. ޗިސްމޭގެ ބޮލުގެ ތިރީބައި އިންނަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި މިތަން ޖެހިފައި އިންނަނީ ޖެޖޫނަމް ގެ ކޮއިލް ތަކުގައެވެ. ޗިސްމޭގެ ބޮލުގެ ފަހަތް ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ނުވަތަ (އިނގިރޭސި ބަހުން: Inferior vena cava) އަދި ރީނަލް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Renal vein) ނިމޭ ހިސާބުގައެވެ. ޗިސްމޭ ބޮލުގެ ފަހަތުން މަތީ އަރިމަތީ ފަރާތުގައި ބައިލް ޑަކްޓް ނުވަތަ (އިނގިރޭސި ބަހުން: Bile duct) އަށް ޚާއްޞަ ވަޅުކޮޅެއް ނުވަތަ އަޑިކޮޅެއް ހެދިފައި އިދެއެވެ.