ކަޕޫރު ޢާއިލާ އިން އެންމެ ފުރަތަމަ ފިލްމީ ހަރުފަތް ގިރާކުރި ހަގީގީ ބަތަލަކީ ޕްރިތްވީ ރާޖު ކަޕޫރު ކަމުގައި ބުނެވެއެވެ. އަދި ކަޕޫރު ޚާންދާންގެ ބާނީ އަކީ ވެސް ޕްރިތްވީ ރާޖު ކަޕޫރު ކަމުގައި ބުނެވެއެވެ. އުފަންވެފައިވަނީ ޕާކިސްތާނުގެ ޕަންޖާބުގެ ލިލަޕޫރުގެ ސަމަންދުރު އޭ ކިޔުނު އަވަށަކަށް 1906 ގައެވެ. ޅަދުވަހު ޕްރިތްވީ ރާޖު ކަޕޫރު ބަލަހައްޓައި ތަރުބިއްޔަތުކުރީ ކާފަ ދޭވަން ކެޝަވްމަލް އެވެ. ލިލަޕޫރު އިން ސާނަވީ ތަޢުލީމް ޙާޞިލް ކުރުމަށްފަހު ޕިޝާވަރުގެ އެޑްވަޑް ކޮލެޖްގައި ވެސް އުޅުނެވެ. ގާނޫނު ކިޔެވުމުގައި ކޮލެޖްގައި އެއް އަހަރު ހޭދަކުރުމަށްފަހު އެކްޓުކުރުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކޮލެޖުން ވަކިވި އެވެ. ބޮޑު ދައިތައެއްގެ އަތުން ލޯނެއް ހޯދައިގެން 1928 ވަނަ އަހަރުގެ ފިނި މޫސުމްގައި ޕިޝާވަރު ދޫކޮށް ބޮމްބޭ އަށް ދިޔައެވެ. 1929ގައި އާއިލާ އެއްކޮށް ބޮމްބޭ އަށް ބަދަލު ވިއެވެ.

 

ބޮމްބޭގައި އިމްޕީރަލް ފިލްމް ކަމްޕަނީ ކިޔާ ކުންފުންޏަކާއި ގުޅުނެވެ. ޕްރިތްވީ ރާޖު ކަޕޫރު ފުރަތަމަ ފެނިގެން ދިޔައީ 1930ގައި ނިކުތް ސިނަމާ ގާރލް' އިންނެވެ. އެއަށްފަހު 1931ގައި ނިކުތް އާލަމް އާރާ ކިޔާ ފިލްމަކުންނެވެ. ދެން ޕްރިތްވީ ރާޖު ކަޕޫރު ގުޅުނީ ގްރޭންޑް އެންޑަރސަން ތިއޭޓަރ ކަމްޕެނީ އާއެވެ. އެއަށްފަހު 1935 ވަނަ އަހަރު ރިލީޒްވި އިންގިލާބު ވެފައިވަނީ ބަތަލެއްގެ ގޮތުން ޕްރިތްވީ ރާޖު ކަޕޫރު ފެނިގެންދިޔަ ފުރަތަމަ ފިލްމް ކަމުގައެވެ. އިންގިލާބުގެ ކުރިން ސީތާ އަދި ރާޖް ރާނީ މީރާ ކިޔާ 2 ފިލްމުގައި ވެސް ހަރަކާތްތެރި ވެފައި ވެއެވެ. 1936 ގައި ނިކުތް މަންޒިލް، 1937ގައި ނިކުތް ޕްރެޒިޑެންޓް، 1939ގައި ނިކުތް ސެޕޭރާ،އަދޫރީ ކަހާނީ، 1940 ގައި ނިކުތް އިންޑިޔާ ޓްޑޭ، ޕާގަލް، 1941ގައި ނިކުތް ކޯޓް ޑާންސަރ، ސިކަންދަރު، 1944ގައި ނިކުތް ޕޫލް، 1950 ގައި ނިކުތް ދަހެޖް، 1951 ގައި ނިކުތް އާވާރާ، 1957ގައި ނިކުތް ޕައިސާ،ޕަރުދޭސީ، 1964 ގައި ނިކުތް ރާޖު ކުމާރު، 1965 ގައި ނިކުތް އާސްމާން މަހަލް، ސިކަންދަރު އޭ އަޒަމް، ޖާންވަރު، އަދި 1968 ގައި ނިކުތް ތީން ބަހްރާނިޔާން ގައި ވެސް ޕްރިތްވީ ރާޖު ކަޕޫރު ހަރަކާތްތެރި ވެފައި ވެއެވެ. އެންމެ ފަހުން ޕްރިތްވީ ރާޖު ކަޕޫރު ކުޅެފައިވަނީ 1971 ވަނަ އަހަރު ރިލީޒްވި ކަލް އާޖް އައުރު ކަލް އެވެ. 40 އަހަރުވީ ފިލްމީ ޙަޔާތުގައި ޕްރިތްވީ ރާޖު ކަޕޫރު ވަނީ 30 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ.

 

'އަހަރެންނަށް އިންޑިޔާގެ ފިލްމީ މަސްރަހުގައި ޖާގަ ނެތްނަމަ ހަތްކަނޑު ހުރަސްކޮށް ހޮލީވުޑަށް ގޮސް އެތަނުގައި ފިލްމު ތަކުގައި ހަރަކާތްތެރިވެ އެކްޓަރަކަށްވާނަން 1940އަދި 1950 ގެ އަހަރުތަކުގެ ތެރޭގައި ނެރެވުނު ޓޮޕް ސިނަމާ ކިޔާ މަޖައްލާ އަކަށް ދިން އިންޓަވިއުއެއްގައި ޕްރިތްވީ ރާޖު ކަޕޫރު ބުނެފައި ވެއެވެ. ޕްރިތްވީ ރާޖު ކަޕޫރު ކުޅެފައިވާ ބައިތަކުގެ ތެރެއިން 1960 ވަނަ އަހަރު ޣުލާމް އޭ އަޒަމް ގައި ކުޅެފައިވާ ބައްޕައެއްގެ ރޯލަށް ބެލުންތެރިންގެ ތަރުޙީބު ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. އިންޑިޔާގެ ފިލްމީ މައިދާނުގައި ކޮށްފައިވާ ޚިދުމަތްތައް އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުގެ ފަރާތުންދޭ ދާދާ ސާހެބް ޕަލްކޭ އެވޯޑް ޕްރިތްވީ ރާޖު ކަޕޫރު އަށް ދެވިފައި ވެއެވެ.

ލިބިފައިވާ އެވޯޑްތައް

އުނިއިތުރު ގެންނަވާ
  • 1969 - ޕަދުމާ ބުޝާން އެވޯޑް - އިންޑިޔާ ސަރުކާރު
  • 1971 - ދާދާ ސާހެބް ޕަލްކޭ އެވޯޑް - އިންޑިޔާ ސަރުކާރު

އަމިއްލަ ދިރިއުޅުން

އުނިއިތުރު ގެންނަވާ

1960 ވަނަ އަހަރު ޕްރިތްވީ ރާޖު ކަޕޫރުގެ އަޑު ގެއްލުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ޕްރިތްވީ ރާޖު ކަޕޫރު އުމުރުން 18 އަހަރުގައި ރާމާ ކަޕޫރު އާއި ކުރިކައިވެނިން 3 ދަރިން ލިބިފައި ވެއެވެ. އެއީ ރާޖު ކަޕޫރު،ޝައްމީ ކަޕޫރު،ޝަޝީ ކަޕޫރު އެވެ . ރާމާ ކަޕޫރު އުފަންވެފައިވަނީ 25 ޑިސެމްބަރު 1908ގައި ޕާކިސްތާނު ގައެވެ. ދުނިޔެ ދޫކޮށްފައިވަނީ 14 ޖޫން 1972 ގައެވެ. ރާމާ ކަޕޫރު ވަނީ ޢާއިލާގެ ފިލްމީ ތިއޭޓަރު ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވެ ދީފައެވެ.ޕްރިތްވީ ރާޖު ކަޕޫރު މިދުނިޔެ ދޫކޮށްފައިވަނީ 29މެއި 1972 ގައެވެ. ދުނިޔެ ދޫކުރީ ހޮގޮކިން ލިމްފޯމާ ކިޔާ ކެންސަރުގެ ބައްޔެއްގައި ބަލިވެ އުޅުމަށްފަހު ގައެވެ.