ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ)

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަކީ 1779 އިން 1799 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1193ން 1213 ވަނަ އަހަރަށެވެ. މިރަދުން 19 އަހަރާއި 11 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ. ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންގެ ބޭފުޅެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1193 ވަނަ އަހަރު އެވެ.

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ ހައެއްކަ އަހަރުވީތަނާ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ނިޔާވެއްޖެއެވެ. މިކަލޭގެފާނު ނިޔާވީ 4 ޝައްވާލް 1199ހ ގައެވެ. މިކަލޭގެ ފާނު އަކީ ޙަސަން ތާޖުއްދީން ލިޔުއްވަވަން ފެއްޓެވި ދިވެހި ތާރީޚްގެ ފަހުބައި ލިޔުއްވެވި ކަލޭގެފާނުއެވެ.

ޙައްޖަށް ވަޑައިގަތުން އުނިއިތުރު ގެންނަވާ

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދެފަހަރަށް ޙައްޖަށް ވަޑައިގަތެވެ. ފުރަތަމަ ފަހަރު ވަޑައިގަތީ ހިޖުރައިން 1203 ވަނަ އަހަރު އެވެ. އަރިހުގައި ގެންދެވި ބޭފުޅުންގެ ތެރޭގައި އަލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މުނިކާފަ އަލްއަމީރު ޙުސައިން ދޮށިމޭނާ ކިލެގެފާނު ހިމެނިގެން ވެއެވެ.

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދެވަނަ ފަހަރު ޙައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 17 ޝަޢުބާން 1213ހ ގައެވެ. ވަޑައިގަތީ މާލޭގައި ބެންނެވި ވަރަށްބޮޑު ނައުކޮޅެއްގައެވެ. ރަދުންގެ ނައު ކޮޅާއެކު އެހެން ނަވެއް ވެސް ދިޔައެވެ. ރަދުން ވަޑައިގެންނެވި އިރު ވަޑައިގަތީ އެދުވަސްވަރު ހުވަދުއަށް އުރުނު، ނަވަކުން ލިބިވަޑައިގަތް، ފައުނު ތަކަކާއި، ފައްޓަރުތަކަކުން ބައެއްވެސް ހިއްޕަވައިގެންނެވެ. ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދަތުރުކުރެއްވި ނައުކޮޅު ޖިއްދާއަށް ދިއުމަށްފަހު ރަދުން މައްކާ އަށް ވަޑައިގަތީ ހައްޖު މަހުގެ 5 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އާއި މައްކާގެ ދަހިވެތި ޝަރީފް އާއި ދެމެދު ވަރުގަދަ ދެބަސްވުމެއް މެދުވެރިވިއެވެ. އެންމެ ފަހުން ނާކޮޅުގައި ހުރި ޚަޒާނާތަކާއި ބަޑިތައް ޝަރީފް ފޭރިގެންފިއެވެ. އެތައް އުދަގޫތަކެއް އުފުއްލެވުމަށްފަހު ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަށް އެބުރި ޖިއްދާއަށް ވަޑައިގެންނެވުނެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އެބުރި ޖިއްދާއަށް ވަޑައިގަތްތަނާ ކަށިވިދުރީގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެއާލާސްކަންފުޅުގައި ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަވަހާރަވީ ޖިއްދާގައި 27 ޛުލްޙިއްޖާ 1213ހ ގައެވެ. އެދަތުރުފުޅުގައި ރަދުންގެ އަރިހުގައި ދިޔަ މީހުންގެ ތެރެއިން 230 މީހުން މަރުވި ކަމުގައި ބުނެވެއެވެ. އެމީހުންގެ ތެރޭގައި ރަދުންގެ ދަރިކަލަކާއި ދަރިކަނބަލެއް ވެސް ހިމެނެއެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު
ދިވެހިރާއްޖޭގެ ރަދުން
1779 - 1799
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)