ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަކީ 1798 އިން 1835 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުން 37 އަހަރާއި 1 މަހާއި 4 ދުވަހު ރަސްކަން ކުރެއްވިއެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) ގެ ބައްޕާފުޅު ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަވަހާރަވީ ހިޖުރައިން 1213 ވަނަ އަހަރު ގެ ޛުލްޙައްޖާ މަހުގެ 27 ވީ އާދީއްތަ ވިލޭރޭ ސަޢޫދީ އަރަބިއްޔާ ގެ ޖިއްދާގައެވެ. އެއީ އެފަހަރު ޖިއްދާގައި ހިނގި ކަންތައްގަނޑެއްގެ ތެރޭގައެވެ.

ރަސްކަމަށް އިސްކުރެއްވުން އުނިއިތުރު ގެންނަވާ

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ހައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 17 ޝަޢުބާން 1213 ވީ ބުރާސްފަތި ދުވަހުގައެވެ. އެއީ އޭނާގެ ދަރިކަލުން މުޙައްމަދު އާއި ރަސްކަން ހަވާލުކުރައްވާ، ސުލްޠާން މުޙައްމަދު މުޢީނުއްދީނު އިސްކަންދަރު މިނަން ދެއްވާފައެވެ. އަދި އަލްޤާޟީ މޫސާ މުޙްޔިއްދީން އަށް ފަނޑިޔާރުކަން ދެއްވުމަށް އަންގަވާފައެވެ.

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ)، އަވަހާރަވީ ޚަބަރު އައުމާއެކުގައި، މާލެ ތެރޭގައި ފިތުނަވެރިކަމެއް އުފެދުނެވެ. ނަތީޖާއަކަށްވީ ބޮޑު ބަނޑޭރި ކަމުގައި ހުންނެވި މޫސާ ހަނދޭގިރި މަނިކުފާނު އާއި، އަޙުމަދު ކުޑަ ބަނޑޭރި މަނިކުފާނު އާއި، އަލްވަޒީރު މޫސާ ދޮށިމޭނާ ތަކުރުފާނާއި، ޝާހް ބަންދަރު އަޙުމަދު ވެލާނާ ތަކުރުފާނު އަރުވާލެއްވުމެވެ. ރަދުންގެ މަންމާފުޅާއި އެއްބަނޑު ޙާޖީ މޫސާ ހަކުރާ ތަކުރުފާނު އަށް ބޮޑު ބަނޑޭރިކަން ދެއްވައި، ހަނދޭގިރިކަމުގެ ނަން ދެއްވުމެވެ. ހިޖުރައިން 1221 ވަނަ އަހަރު އިބްރާހީމް ސިރާޖުއްދީން އަށް ފަނޑިޔާރުކަން ދެއްވި އެވެ. އެއީ މޫސާ މުޙްޔިއްދީން އަވަހާރަވުމުގެ ސަބަބުންނެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

ބިންހެލުމެއް އައުން އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)،ގެ ރަސްކަމުގައި ހިނގި މަޝްހޫރު އެއްކަމަކީ 27 ރަމަޟާން 1230 ވީ ބުރާސްފަތި ދުވަހު މެންދުރު ވަގުތު، ތިލަދުންމައްޗާއި، މިލަދުން މަޑުލުގެ ބައެއް ރަށްރަށަށް ބިންހެލުން އައުމެވެ. ހަމަ އެދުވަހު އިރުއޮއްސުނުއިރު ވެސް އެހިސާބުގަނޑަށް ކުރިއަށްވުރެ ބޮޑަށް ބިންހެލުން އައެވެ.

މާލޭ ޢީދު މިސްކިތް ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) މުޅިން އާކުރެއްވި އެވެ. އަދި ބ.އޭދަފުށީގައި ހުކުރު މިސްކިތެއް ބިނާކުރެއްވި އެވެ.

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ރަސްކަމުގައި 13 ރަބީޢުލް އައްވަލް 1237 ވީ އާދީއްތަ ވިލޭރޭ ތިލަދުން މައްޗަށް ވަރަށް ގަދަ ވިއްސާރައެއް ޖެހުނެވެ. ވައިބާރުވެ، ރާޅުބޮޑުވެ، 30 އަށްވުރެ ގިނަ އޮޑިފަހަރު ހަލާކުވެ، އޭގައި ތިބި މީހުން ގެއްލިގެން ދިޔައެވެ. މިލަދުން މަޑުލުގެ ބައެއް ރަށްރަށަށް ވެސް ވަރަށް ގަދަވެ، ބައެއް ރަށްރަށް ފަޅުވެސް ވިކަމަށް ބުނެވެއެވެ.

މަނާކުރެއްވި ބައެއް ކަންތައްތައް އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ބައެއް ރަށްރަށުގައި މީހުން ކުރާ ވިޔަފާރި މަނާކުރެއްވި އެވެ. އޭގެ ބަދަލުގައި އެކަން ކުރެއްވީ ހަމައެކަނި ސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން އެރަށްރަށުގެ މީހުން ވަރަށް ބަނޑުހައި ހޫނުގައި ޖެހުނެވެ. ވަރަށް ގިނަ މީހުން ހައިހޫނުކަމުގައި މަރުވެ ދިޔައެވެ. ދެން 1241 އަށް ހަމައަށް ދާންދެން މިތަދުމަޑުކަން ފިލާނުދެއެވެ. މިއީ ތާޖުއްދީންގެ ތާރީކްގައި ބަޔާންވެގެންވާ ގޮތެވެ.

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، މާލޭގެ 4 އަވަށަށް 4 ފަތްނެރުއްވައި، ރަށުގެ އަންހެނުންނަށް 12 ވައްތަރުގެ ފަށުއި ފޭރާންލުން މަނާކުރެއްވި އެވެ. އަދި އުޔާއި ފަށުވިން ހުރި ބައެއް ފޭރާންލުން ވެސް މަނާކުރެއްވި އެވެ. އެއްދަތުން، މަސްދަތުން، ފުއްލާދަޅުން ގަތާފޯލި ހެދުން މަނާކުރެއްވި އެވެ.

މާލޭގެ ފަޅުކޮނުން އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި 1243 ވަނަ އަހަރު މާލޭގެ ފަޅުކޮންނާން ފެށުނެވެ. އެއީ 10 ރަބީޢުލް އާޚިރު 1243 ވީ ބުރާސްފަތި ދުވަހުގައެވެ. މިމަސައްކަތްކުރީ 782 މީހުންނެވެ. އެއީ ޢަސްކަރުންނާއި، ރާއްޖެތެރޭގެ މީހުން ވެސް ބައިވެރިވެގެންނެވެ. މިބައިމީހުންނަށް ޚަރަދުކުރީ ފަޅުރަށްރަށާއި އަތޮޅު އަތޮޅު ދައުލަތުން ދެއްވާފައިހުރި ފަރާތްތަކުންނެވެ.

ބުމްބާއިން ފަތެއް އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ހިޖުރައިން 1250 ވަނަ އަހަރު ގެ ޖުމާދިލް އާޚިރު މަހު ލިޔެފައިވާ ފަތެއް މިރަދުންނަށް ލިބިވަޑައިގަތެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން އެއީ ބުމްބާއީގެ ވެރިމީހާ ފޮނުއްވި ފަތެކެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މިފަތް ހިފައިގެން އައި މީހަކީ ދިވެހިންގެ މެދުގައި ލާޓް ގެ ނަމުން މަޝްހޫރުވި މީހާއެވެ. އެއީ ކެޕްޓަން މޮރަސްބީ އެވެ. އޭނާއައިކަމަށް ތާރީޚުން އެނގެނީ މީލާދީން 1834 ވަނަ އަހަރު ނުވަތަ ހިޖުރައިން 1250 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ މަސައްކަތް ހިނގިކަމަށް ބެލެވިފައިވަނީ ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވެ ދިއުމަށްފަހު، އޭގެ ފަހުން ރަސްކަމަށް އިސްވެ ވަޑައިގަތް އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގެ ދުވަސްވަރު ގައެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވީ 22 ރަމަޟާން 1250 ވީ ބުރާސްފަތި ވިލޭރޭގައެވެ. އުމުރުފުޅަކީ އޭރު 58 އަހަރު އެވެ. ރަސްކަން ކުރެއްވީ 38 އަހަރު ދުވަހު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - ޖޫން 1980 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
ކުރިން ހުންނެވީ:
ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
1893 - 1902
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ)