ލޮނދި ފާނަ (ސައިންޓިފިކް ނަން: Epinephelus tauvina)ނުވަތަ (އިނގިރޭސި ބަހުން: Greasy grouper) އަކީ ރާއްޖޭގެ ފަރުފަޅުން ވަރަށް މަދުން ބޭނޭ މަހެކެވެ. މިއީ ކެއުމަށް ރަގަޅު ފާނަ އެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްކޮށީގައި މަސްބޮޑުކޮށް ހަދާ ފަރާތްތަކުން މިމަސް ގެންގުޅެ ބޮޑުކޮށް ހަދައެވެ. މިމަހަށް ލޮނދި ފާނަ ކިޔާފައިވަނީ މަހުގެ ބޭރުގައި ހުންނަ އާދަޔާ ޚިލާފު ލޮނދި ކަމެއްގެ ސަބަބުންނެވެ. މިއީ ގިނަ ފާނަ ތަކާއި އަޅާ ބަލާއިރު ވަރަށް ފަސޭހައިން ފާހަގަކުރެވޭ ފާނަ އެކެވެ. ސަބަބަކީ އެހެނިހެން ފާނަތަކަށްވުރެ، މަހުގެ ކަރުތާފަތުގެ ކޮޅަށް އޫކޮށް، ފަހަތުކޮޅަށް ދިގުވެފައި، ހުންނަ ކަމުންނާއި އަނގަބޮޑުކަމުންނެވެ.

ލޮނދި ފާނަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 19 މަޑުކަށި ހުރެއެވެ.

ލޮނދި ފާނައިގެ ކުލައަކީ އަޅިމުށި ކުލައެވެ. މަހުގައި އޮރެންޖް ކުލައަކަށް ދާ މުށިކުލައިގެ ތިކިތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 4 ވަނަ ކައްޓާއި ދިމާގައި ކަޅުކުލައިގެ ލަފެއް ބަހެއް މަސްމަހުގައި ފާޅުކޮށް ފެންނަން ހުރެއެވެ. މިމަސް 1 މީޓަރާއި 50 މީޓަރާއި ދެމެދުގެ ފުންމިނުގައި ދިރިއުޅެއެވެ.