ލައްނިގޫ އަލަތަނޑު (ސައިންޓިފިކް ނަން: Parapercis hexophthalma)ނުވަތަ (އިނގިރޭސި ބަހުން: Spot tail sand perch)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ އަލަތަނޑުގެ ބާވަތެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. ވީމާ މިއީ މަސްވެރިކަމުގައި ހިފާ އަދި ބާނާ އުޅޭ މަހެއް ނޫނެވެ. ނަމަވެސް ފަޅުމަތީގައި ވަދާ ދުއްވާއިރު މަދުމަދުން މިބާވަތުގެ މަސް ވަދުގައި ބޭނެއެވެ. މިއީ ވަރަށް ތިލަ ފަޅުން ފެށިގެން ފަރުގެ ބޭރުގެ ސަރަހައްދު ތަކުގައި ވެސް އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 26 ސެންޓި މީޓަރަށެވެ.

މަހުގެ މަތީބައި ހުންނަނީ މަޑުފެހިކުލައަކަށްދާ މުށިކުލައެއްގައެވެ. މުޅިމަހުގައި މުށި ކުލައިގެ ރޮނގުބުރިތަކަކާއި، ތިކިތަކެއް ހުރެއެވެ. ނިގޫފަތުގައި ކަޅުކުލައިގެ ވަރަށް ބޮޑު ލަފެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި މަހުގެ ދިގަށް ކަޅުކުލައިގެ ތިކިބައެއް ހުރެއެވެ. މިތިކިތަކުގެ ބޭރުކައިރިފަށް ހުންނަނީ ރީނދޫ ކުލައިގައެވެ. މިއީ ޝިކާރަކޮށްގެން ކައިއުޅޭ މަހެކެވެ. މައިގަނޑު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 5 ހަރުކައްޓާއެކު 21 ނުވަތަ 22 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 17 މަޑުކަށި ހުރެއެވެ. ރާއްޖޭގައި އަލަތަނޑުގެ ބާވަތްތަކަށް ވަކި ޚާއްޞަ ނަންތަކެއް ކިޔާކަމަށް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސި ނަމަށް ގުޅުވައިގެން މަހުގެ ސިފަޔަށް ވިސްނާ ލައްނިގޫ އަލަތަނޑު ކިޔާ ނަންދީފައިވަނީ އެވެ.