ދޮން ކޮކާމަސް(ސައިންޓިފިކް ނަން: Apolemichthys trimacukitus)ނުވަތަ (އިނގިރޭސި ބަހުން: Threespot angle fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުން ފެންނަ މަސްތަކުގެ ތެރެއިން ބަލާލުމަށް ވަރަށް ރީތި ކުލައެއްގައި ހުންނަ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. އެކަމަކު ދިރޭމަސް ބޭރުކުރާ ފަރާތްތަކުންނާއި، މަސްގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު ގެންގުޅޭ މަހެކެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އުޅެނީ ފަރުފަރުތަކުގެ ބޭރުން 15 މީޓަރުގެ ފުންމިން ހުންނަ ހިސާބުތަކުގައެވެ. މިއީ ގިނައިން އެކަހެރިކޮށް އުޅޭ މަހެކެވެ. ނަމަވެސް މަދުމަދުން ދެތިންމަހުން ބައިހަދައިގެން އުޅޭތަން ވެސް ފެނެއެވެ. މިއީ ކޮކާ އާއިލާގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 21 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 ހަރުކައްޓާއެކު 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 17 އާއި 19 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގެ ތިރީބައިގައި ތޫނު ކައްޓެއް ހުރެއެވެ. މަހުގެ ކުލައަކީ ދޮން ލުބޯ ކުލައެވެ. މަހުގެ ނިއްކުރިމަތީގަޔާއި ބޮލުގެ ދެއަރިމަތީގައި ކަޅުކުލައިގެ ތިކިތިކިތަކެއް ހުރެއެވެ. މަހުގެ ތުން ހުންނަނީ ނޫކުލައިގައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ތިރީބައި ހުންނަނީ ކަޅުކުލައިގައެވެ.

މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި ފާހަގަކުރެވޭ އެންމެ އަޅައިގަންނަ އެއްސިފަކަމަށްވާ ކުލައަށްބަލާ މިމަހަށް ދޮން ކޮކާމަސް ކިޔާ ނަންދީފައިވަނީ އެވެ.