ދެފަށް ކާޅު(ސައިންޓިފިކް ނަން: Acanthurus tennentii)ނުވަތަ (އިނގިރޭސި ބަހުން: Lieutenant surgeonfish)އަކީ ރާއްޖޭގެ ފަރުފަޅު ތަކުގެ ތިލަ ހިސާބުގައި ގިނައިން އުޅޭ ކަނޑުކާޅުގެ ބާވަތެކެވެ. ދިވެހިން މަދުމަދުން ކައިއުޅޭ މަހެކެވެ. މިބާވަތުގެ ކާޅު ރާއްޖެއިން ބޭރަށް ދިރުވައިގެން ބޭރުކޮށް އުޅެއެވެ. މިބާވަތުގެ ކާޅު އޭގެ މާހައުލުގައި އުޅޭއިރު ކުލަ ބަދަލު ކުރެއެވެ. ކުލަ ފަނޑުކޮށް ހުންނައިރު ލޮލުގެ ފަހަތުގައި ހުންނަ ގުޅިފައިވާ ދެފަށް ވަރަށް ސާފުކޮށް ފެންނަށް ހުރެއެވެ.

ދެފަށް ކާޅު

މަހުގެ ކުލައަކީ މުށި ކުލައެކެވެ. ލޮލުގެ ފަހަތުގައި ގުޅިފައިވާ ކަޅުކުލައިގެ ދެފަށް ހުރެއެވެ. މިބާވަތުގެ ކަނޑުކާޅު ބޮޑުވުމުން މިދެފަށް ވަކިވެދެއެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ނިގޫފަތުގެ ކައިރީގައިވާ ކަށީގެ ވަށައިގެން ކަޅުކުލައިގެ ލަފެއް ހުރެއެވެ. މިލަފުގެ ވަށައިގެން ފަނޑު ނޫކުލައިގެ ފަށެއް ވެސް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 23 ނުވަތަ 24 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 22 ނުވަތަ 23 މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަަހަށް އިގިރޭސިން ކިޔާ ނަމާ ގުޅުވައިގެން މަހުގެ ހުރި އެންމެ ފާހަގަކުރެވޭ ސިފަޔަށް ވިސްނާ ދެފަށް ކާޅު ކިޔާ ނަންދެވިފައިވަނީ އެވެ. މިމަސް އާއްމުކޮށް އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ކުދި އައިން އައިން ހަދައިގެންނެވެ. މަހުގެ ކާނާއަކީ މޫދު ފެއްސާއި ގަލު ފެއްސެވެ. މިމަސް އެންމެ ބޮޑުވަނީ 31 ސެންޓި މީޓަރަށެވެ.