ދިވެހި ވެންފުންނަ (ސައިންޓިފިކް ނަން: Ecsenius minutus)ނުވަތަ (އިނގިރޭސި ބަހުން: Maldives blenny)އަކީ ހަމައެކަނި ރާއްޖެއިން އަދި މިހާތަނަށް ރިކޯޑް ކުރެވިފައިވާ ކުޑަ އިސްކޮޅެއްގެ ވެންފުންނަ އެކެވެ. މިމަސް އެންމެ ބޮޑުވަނީ 5 ސެންޓި މީޓަރަށެވެ. މިއީ އާންމުކޮށް ފަރުތަކުގެ މާހައުލުގައި އުޅޭ މަހެކެވެ. މަހުގެ ކާނާއަކީ ގަލުގައި ޖަހާފައި ހުންނަ އެކިއެކި ފެއްސާއި، އެއާއެކު އުޅޭ ކުދިކުދި ދިރުންތަކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މަހުގެ ކުލައަކީ މަޑުމުށި ކުލައެވެ. މުޅި މަހުގައި ގަދަ މުށިކުލައިގެ ކުދިކުދި ތިކިތަކެއް އެކިގޮތްގޮތަށް ހުރެއެވެ. ކަރުތާފަތްމަތީގައި ރީނދޫކުލައިގެ ތިކިތަކެއް ހުރެއެވެ. ލޮލުގެ ވަށައިގެން ހުދުކުލައިގެ ރޮނގެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ނުވަތަ 13 ހަރުކައްޓާއެކު 13 ނުވަތަ 14 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 15 ނުވަތަ 16 މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު، މިއީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހަކަށްވެފައި، މިމަހަށް ކިޔާ އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ދިވެހި ވެންފުންނަ ކިޔާފައި ވަނީ އެވެ.