ދަންބޮޑު(ސައިންޓިފިކް ނަން: Myripristis vittata)ނުވަތަ (އިނގިރޭސި ބަހުން: Whitetip soldierfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައްޔާއި ފަޅުތެރޭގައި ގާތަކުގެ ނިވަލުގައި އުޅޭ މަހެކެވެ. މިމަހަށް ލޯބޮޑު ވެސް ކިޔައެވެ. ދަންބޮޑު މިނަމުން ނަންދެވިފައިވާ ގިނައަދަދެއްގެ މަސް ރާއްޖޭގައި އުޅެއެވެ. ވުމާއެކު މިދަރިކޮޅުގެ ކޮންމެވެސް އެއްވައްތަރަކަށް ދަންބޮޑު މިނަންކިޔާފައި ބޭއްވުމަކީ ރަގަޅުގޮތެއް ކަމަށްދެކި މިމަހަށް ދަންބޮޑު ކިޔާފައިވަނީ އެވެ. ދަންބޮޑު އަކީ ދިވެހި މަސްވެރިން ދަންނަ ރޭގަނޑުގެ ކެޔޮޅުކަމުގައި ބޭނޭ މަހެކެވެ. މިއީ އާންމު ގޮތެއްގައި ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. އެއީ މަހުގެ ކުޑަކަމުންނާއި ކަށިތައް ގިނަވެފައި ކަށިތަކުގެ ވަރުގަދަ ކަމުންނެވެ. މިއީ އާންމު ގޮތެއްގައި 10 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އުޅޭ މަހެކެވެ. ނަމަވެސް ހަނދުވަރުގެ އައްޔާއި ބޮކި އައްޔަށް ބައިބަޔަށް ތިލަވެ އުޅެއެވެ. މިގޮތުން ތިލަވެ އުޅޭއިރު ކުދިބުޅީގައި ވަރަށް ފަސޭހައިން ބޭނެއެވެ.

ދަންބޮޑު

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 11 އާއި 12 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 18 ސެންޓި މީޓަރަށެވެ. މަހުގެ ކުލައަކީ ވަރަށް ވިދުންހުރި މަޑު ރަތްކުލައެކެވެ. މަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްކޮށް ކޮޅު ހުދުކުލައިގައެވެ. މަހުގެ އެހެނިހެން ކޮތަރިތަކާއި ނިގޫފަތް ހުންނަނީ ރަތްކުލައެއްގައެވެ. ނިގޫފަތުގެ މަތީ ކައިރީގައްޔާއި ތިރީ ކައިރި ހުންނަނީ ހުދުކުލައެއްގައެވެ. އެހެނިހެން ކޮތަރިތަކުގެ ކުރީ ބައި ވެސް ހުންނަނީ ހުދުކޮށެވެ.