ފޫޓު މަސް
ފޫޓު މަސް (ސައިންޓިފިކް ނަން: Oreochromis mossambicus)ނުވަތަ (އިނގިރޭސި ބަހުން: Mozambique tilapia)އަކީ ދިރޭ މަހެއްގެ ގޮތުގައި ސިލޯނުން ގެނެސްގެން ރާއްޖޭގައި ބޭނުން ކުރެވުނު އެންމަހެކެވެ. މިމަސް ފުރަތަމަ ރާއްޖެއަށް ތަޢާރަފްވީ 1964 ވަނަ އަހަރު ރާއްޖެއަށް މަސްވެރިކަން ކުރަން އައި ޖަޕާނުގެ ތަޙްލީލުކުރާ އުޅަނދެއް ކަމުގައިވާ ފުޖިވާރު އިންނެވެ. މިބާވަތުގެ މަސް ވަރަށް ގިނައަދަދަކަށް ރާއްޖޭގެ ބައެއް ރަށްރަށުގެ ކުޅިކުޅިއަށް އެބައިމީހުން ދޫކުރިއެވެ. މިހާރު ރާއްޖޭގެ ކުޅިކުޅީގައި މިމަސް ގިނައިން އުޅެއެވެ. ފޫޓު މަސް ގިނައިން އުޅެނީ ކުޅިކުޅީގައެވެ. މިއީ ފެނުގައްޔާއި ލޮނުގައި އުޅެވޭ ކެއުމަށް ރަގަޅު މަހެކެވެ. މިމަހަށް ތެލާޕިޔާ އޭ ވެސް ކިޔައެވެ. މިމަސް އެންމެ ބޮޑުވަނީ 36 ސެންޓި މީޓަރަށެވެ. މަހުގެ ކާނާގެ ގޮތުގައި ގަސްގަހުގެ ބައިތަކާއި ސޫފާސޫފީގެ ބާވަތްތަކާއި ކުދިމަސް ހިމެނެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް ހަރުކައްޓާއެކު 10 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 އާއި 10 އާއި ދެމެދުގެ މަޑުކަށި ހުރެއެވެ. މަހުގެ ހަށިގަނޑުގައި ހުންނަ ހުޅުނބުތައް ބޮޑެއްޗެވެ. މަހުގެ ކަންފަތްގަނޑު ބޮލުގެ ދިގުމިން ހާދިގެވެ. މަހުގެ ކަންފަތްގަނޑުގެ ތިރިން ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބައިގައި ކަތްފަތްގަނޑަށްވުރެ ކުރެވެ. މަހުގެ ކުލައަކީ ފެހިކުލައަކަށްދާ މުށިކުލައެކެވެ. މަހުގެ ހުރަހަށް 5 ވަރަކަށް ގަޅި ފަނޑުކޮށް ފެންނަން ހުރެއެވެ.