ފަންހާމަސް

ފަންހާމަސް(ސައިންޓިފިކް ނަން: Pterois miles)ނުވަތަ (އިނގިރޭސި ބަހުން: Indian lionfish) އަކީ އެހެން މަސްމަހާ ވަރަށް ޚިލާފު ސިފައެއް ހުންނަ މަހެއްކަމުން މިމަސް ދެނެގަތުން ދައްޗެއް ނުވާނެއެވެ. މިއީ ރާއްޖޭގެ ތިލަފަޅުތަކާއި ފަރުފަރުގެ މުރަކައާއި ގާތަކުގެ ނިވަލުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އުޅުމަށް ޚިޔާރުކުރަނީ އެއްވެސް މީހެއްގެ އުދަގޫ ނުލިބޭ ނިވާ އަދި ހިމޭން ހިސާބުގަނޑެވެ. މިމަހަކީ ގިނަ މީހުން ބިރުގަންނަ މަހެކެވެ. ސަބަބަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކަށިތައް ވަރަށް ތޫނުވެފައި އޭގައި ނުރައްކާތެރި ވިހައެއް އެކުލެވޭތީ އެވެ. މިކަށިތަކަކީ މަހުގެ ދިފާޢަށްޓަކައި ބޭނުންކުރާ ކަށިތަކެކެވެ. ވުމާއެކު މިމަސް ހިފާގެންގުޅޭއިރު މިކަމަށް ފަރުވާތެރި ވާންޖެހެއެވެ. މިއީ އާންމުކޮށް ކައިއުޅޭ މަހެއް ނޫނަސް މޫދުމަސް ދިރުވައިގެން ގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުގުވެރިވާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 9 އާއި 11 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ދިގުމިން ނިގޫފަތުގެ ބުޑުދަށަށްވުރެ ދުރަށް ފޯރައެވެ. މަހުގެ ކުލައަކީ މުށި ރަތްކުލައެވެ. މަހުގެ ހުރަހަށް ވަރަށް ގިނަ ގަދަމުށިކުލައިގެ ރޮނގުތަކެއް ހުރެއެވެ. މީގެ ކޮންމެ ދެރޮނގެެއްގެ ދެމެދުގައި ހުންނަނީ ހުދުކުލައެކެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގައި އަދި ނިގޫފަތުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ. އަދި ކަންފަތްގަނޑުގައި ފަނޑުކޮށް ކަޅު ލައްތަކެއް ހުރެއެވެ.