އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު އަކީ ޝަރުޢީ ޢިލްމު އުނގެންނެވުމުގެ މަގްޞަދުގައި ހިލާލީ ދަރިކޮޅުގެ މުޙައްމަދު ރަސްގެފާނުންގެ ދަރިކަލުން ޙަސަން ރަސްގެފާނުންގެ ރަސްކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ދިވެހި ދަރިއެކެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލް ކުރެއްވީ ޔަމަނުކަރައިގެ ޙަޟްރަމޫތުގެ އެދުރު އެދުރު ބޭކަލުންގެ އަރިހުންނެވެ.

ވާދޫ ދަންނަ ކަލޭގެފާނުގެ ޚިޔާލީ ތަޞްވީރެއް

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަށް ބޮޑު ތަކުރުފާނު ދެއްވީ ވަރަށް ހޫނު ތަރުހީބެކެވެ. މާލޭގައި ރަދުންގެ އަރިހުގައި އިސްލާމްދީންގެ ކަންތައްތައް ހިންގަވައިދެއްވުމަށް ހުންނެވުމަށް އެދިލެއްވި އެވެ. ނަމަވެސް އެކަލޭގެ ފާނަކީ ވަރަށްވެސް ތަޤްވާވެރި ވަރަޢަވެރި ބޭކަލެކެވެ. އެހެންކަމުން އޭނާ އެދިލެއްވީ އެކަހެށިން ފުށި ރަށެއްގައި ހުރުމުގެ އަމުރުފުޅު ދެއްވުމަށެވެ. ރަސްގެފާނުގެ އަމުރުފުޅާއެކު އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ދުރުވެ ވަޒަންވެރިވެ ލެއްވީ ހުވަދޫ އަތޮޅު ވާދޫ ގައެވެ. އެރަށުގެ ވެރިއަކަށް ހުންނެވި މުޙައްމަދު ފަޑިއްތަކުރުގެ އެހީތެރިކަމާއެކު އެކަލޭގެފާނު ހުންނަވާނޭ ގެއެއް އަޅުއްވައި ވަރަށް އަވަހަށް ދީނީ ޢިލްމު ކިޔަވައިދޭން ފައްޓަވައިފި އެވެ. އެންމެ ފުރަތަމަ ކިޔަވާދޭން ފެއްޓެވީ މުޙައްމަދު ފަޑިއްތަކުރުގެ ދަރިކަލުން ޢަލީ ނާއިބު ތަކުރުފާނު އަށެވެ.

ވާދޫ ދަންނަ ކަލޭގެފާނުގެ ޒިޔާރަތް

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ކިޔަވައިދެއްވަން ފެއްޓެވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެތަން މިތަނުން ޠާލިބުން އައިސް، އޭނާގެ އަރިހުން ޢިލްމު އުނގެނޭން ފަށައިފިއެވެ. އެގޮތުގެ މަތީން އައިދަރިވަރުންނަށް ކިޔަވާ ދެއްވީ ވާދޫ ހުކުރު މިސްކިތުގައެވެ. އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ގެ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު މީހުންނީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު(ގދ. ކުރަމަތި ) އާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު (ޏ. ފުވައްމުލަކު ޙަސަން ނާއިބުގެ ދަރިކަލުން ސ.މީދޫ މުޙައްމަދު ) އާއި، ދެކަލުންނެވެ. އޭރު އެކުދިންގެ އުމުރަކީ 19-17 އަހަރު އެވެ.

މިގޮތުގެ މަތީން ކިޔަވައި ދެއްވާތާ އެތަކެއް އަހަރެއް ވޭތިވުމަށްފަހު، ވާދޫ ދަންނަ ކަލޭގެފާނު ނުވަތަ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނިޔާވެއްޖެއެވެ. ބުނެވޭގޮތުގައި މުޙައްމަދު ޖަމާލުއްދީން ނިޔާވީ ހިޖުރައިން 990 ވަނަ އަހަރު ބޮޑު ތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ނިޔާވި ސަބަބެއްކަމުގައި ބުނެވެނީ ވާދޫ ހުކުރު މިސްކިތް ދޮށަށް ފެންބަލައި ދިޔަ އަންހެނުންގެ ތެރެއިން އަންހެނަކަށް ބޭއިޚްތިޔާރުގައި ހަތަރުކަޅި ހަމަކޮށްލެވުމުގެ ހިތާމައިގައެވެ. ޖަމާލުއްދީން އަވަހާރަވުމުން ފަސްދާނު ލެވުނީ އަޅުކަން ކުރައްވަން އިންނެވި ދާލަ އާއި 15 ފޫޓް ވަރު އިރު އުތުރު ގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - މެއި 1991 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން